ޚަބަރު

ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ބޮޑު ތިލަދުންމައްޗަށް ރައީސް ވަޑައިގެންނެވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

ދަތުރުފުޅުގައި ފިނޭއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފުތިތާހުކޮށްދެއްވައި، އެ ރަށުގައި އިމާރާތްކޮށްފައިވާ އާ އިންޖީނުގެ ހުޅުވައިދެއްވައިފިއެވެ. އެއަށްފަހު ވަނީ އެރަށު ކައުންސިލާ ވެސް ބައްދަލުކުރައްވައިފައެވެ. ފިނޭއިން ދެން ރައީސް ވަޑައިގެންނެވީ އުތީމަށެވެ.

ރައީސް އުތީމަށް ވަޑައިގެންނެވީ ގައުމީ ދުވަސް ފާހަގަކުރެއްވުމަށެވެ. މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ އުތީމުގައެވެ. ގައުމީ ދުވަހުގެ ސަގާފީ ކުޅިވަޅުތަކުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އުތީމު ރައްޔިތުންގެ ފަރާތުން ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ޝަރަފުގައި އުތީމުގެ ރައްޔިތުން ދެއްވި ޖަފާތެއްގައި ރައީސްގެ ދެކެނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ޖަފާތް ބާއްވާފައިވަނީ އުތީމު ގަނޑުވަރުގައެވެ.

އުތީމަށްފަހު ރައީސް ދެން ވަޑައިގެންނެވީ ދިއްދުއަށެވެ. ރައީސް ދިއްދުއަށް ވަޑައިގެންނެވީ ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައެވެ. ރައީސް ދިއްދުއަށް ވަޑައިގެން ވަނީ އާރްޓީއެލްގެ ފެރީގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފައެވެ.

އާރުޓީއެލްގެ ފެރީ ނިޒާމުން ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު (ހދ، ހއ އަދި ށ) ގެ 41 ރަށް ވަނީ ގުޅާލައިފައެވެ.

ރައީސް ބޮޑު ތިލަދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.