ޚަބަރު

ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު 60،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އަލީ ޔާމިން

ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި އިންޑިއާ މީހަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ނާޒިމްގެ މައްޗަށެވެ.

ނާޒިމްގެ މައްޗަށް ދައުލަތުންކޮށްފައިވަނީ، ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކޮށްފިނަމަ ނުވަތަ ރާއްޖެއިން ސިއްރުން މުދާ ބޭރުކޮށްފި މީހެއްގެ އަދަބަކީ ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000 ރުފިޔާ އާއި 240،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުމެވެ.

ދައުވާގެ ހުލާސާ ބަޔާނުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 8:00 ހާއިރު ނާޒިމް ރާއްޖެ އައިއިރު، އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވުނު ކަމަށާއި އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމަށް އެއްބަސްވެ، އެ ދުވަހު އޭނާ ބޮޑުކަމު ދިޔައިރު ދެ ބުލެޓު ބޭރުވި ކަމަށެވެ.

އެގޮތުން އެ ދެ ބުލެޓުގައި ރަނާއި އެނޫންވެސް މާއްދާތައް ހިމެނޭ މިކްސްޗާ ހުރިކަމަށް ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓުން ދައްކާ ކަމަށްވެސް ދައުލަތުގެ ބަޔާނުގައިވެ އެވެ. އެ ދައުވާގައި ހިމެނޭ ރަން، މޯލްޑިވްސް ކަސްޓަމްސްއަށް ނަގައިދިނުމަށްވެސް ދައުލަތުން އެދިފައިވެ އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިބްތިދާއީ މަރުހަލާގައި އޭނާ ވަނީ އިއުތިރާފުވެފައެވެ. އެހެންވެ، ދައުލަތުން ވަނީ އޭނާއާއެކު އިއުތިރާފު އެއްބަސްވުމެއްވެސް ހަދައިފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ނާޒިމްގެ މައްޗަށް ދެވޭނެ އަދަބަކީ 60،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ނާޒިމް ކުށަށް އިއުތިރާފުވުމުން އެ މައްސަލަ ކުރިއަށްގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް ނާޒިމްގެ އިއުތިރާފު ދަމަހައްޓާފައިވާތީ، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހް ހުކުމްކުރެއްވީ ނާޒިމް 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި އެ ފައިސާ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށެވެ. އަދި ނާޒިމް އެތެރެ ކުރި ދެ ބުލެޓުގައި ހިމެނޭ ރަން ކަސްޓަމްސްއަށް ނެގުމަށްވެސް ހުކުމްގައިވެ އެވެ.