ޚަބަރު

އާރުޓީއެލް ފެރީ މަޝްރޫއާއެކު ތަރައްގީ އާއި ވަޒީފާގެ ބާޒާރު ތަނަވަސްވެގެންދާނެ: އާޒިމް

މުހައްމަދު އިޝާން

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތުން ތަރައްގީ އާއި ވަޒީފާގެ ތަނަވަސްކަން އުފެދިގެންދާނެ ކަމަށް އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީ ނިޒާމަކީ މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

އާރުޓީއެލް ފެރީ ބޮޑުތިލަދުންމަތީގައި ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެ މަޝްރޫއު އެއްކޮށް ނިމިގެންދާއިރު ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށާއި އެ މުވައްޒަފުންނަށް އެކަށީގެންވާ އަދަދެއްގެ މުސާރައެއް ވެސް ލިބިގެންދާނެ ކަމަށެވެ.

"މުޅި ރާއްޖެއަށް މި ހިދުމަތް ތައާރަފުވެގެންދާއިރު ފަޅުވެރިންނާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 800 އެއްހާ މުވައްޒަފުންނަށް ވަޒީފާ ލިބިގެންދާނެ. މި މުވައްޒަފުންނަކީ ކޮންމެ މީހެއްގެ އެވްރެޖު މުސާރައަށް ބަލައިލާނަމަ ގާތްގަނޑަކަށް 10،000 އާއި 18،000 އާ ދެމެދުގެ މުސާރައެއް ގެންދާނެ ބައެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުރިއަށް އޮތް 24 މަސް ދުވަސް ތެރޭ މުޅި ރާއްޖެ ގުޅާލާނެ ކަމަށާއި އަދި ކުރިއަށް އޮތް ނުވަ މަހެއްހާ ދުވަސްތެރޭގައި ނުވަ އަތޮޅެއްގައި އެ ހިދުމަތް ގާއިމުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ "ޑްރީމް ޕްރޮޖެކްޓް" ކާމިޔާބުވެފައިވާކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ދެވޭއިރު ފްލީޓުގައި 82 ފެރީ އާއި ކޮންމެ ރަށެއްގައި ޓާމިނަލެއް އަދި ތިން ސަރަހައްދެއްގައި ފެރީގެ އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓު ޔާޑެއް ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާރުޓީއެލް ފްލީޓުގައި މިވަގުތު ބޭނުން ކުރަމުންދަނީ 13 ފެރީއެވެ. އެ ފެރީތައް ހުންނަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރައި ފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަ ވާނެ ގޮތަކަށެވެ. ފެރީގައި ފާހާނާ އާއި ލަގެޖު ބަހައްޓާ ޖާގަ ހުރެއެވެ. މިއީ ރާއްޖޭގެ މޫސުމާއި އޮއިވަރަށް ފަހިވާނޭހެން ރާއްޖެއިން ބޭރުގެ ނޭވަލް އާކިޓެކްޓެއްގެ ތަޖުރިބާގެ އެހީގައި ބަނދެފައިވާ ފެރީ ތަކެކެވެ.

ދަތުރުފަތުރުގެ އެ ބޮޑު މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އަގަކީ 567 މިލިއަން ރުފިޔާއެވެ.

އެ މަޝްރޫއުގެ ފޭސް އެކެއްގެ ދަށުން، ޒޯން އެކެއްގެ ހއ، ހދ އަދި ށ. އަތޮޅަށް މިހާރު ވަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފަށައިފައެވެ. އަދި ފޭސް ދޭއް އަދި ފޭސް ތިނެއްގެ ދަށުން ބާކީ 17 އަތޮޅަށް ހިދުމަތް ދޭން ފަށައި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅައިލުމަށް ވަނީ ނިންމައިފައެވެ.