ޚަބަރު

ހަނިމާދޫން ކަންނެލި އެކެސްޕޯޓު ނުކުރެވުމަކީ އިގުތިސޯދުގައި އެޅުވިފައިވާ މަރުތަޅެއް، ހައްލު ގެނެސްދޭނަން: ރައީސް

މުހައްމަދު އިޝާން

ހދ. ހަނިމާދޫން ކަންނެލި މަސް އެކްސްޕޯޓް ނުކުރެވުމަކީ އިގުތިސޯދުގައި އެޅުވިފައިވާ މަރުތަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީގެ ހިދުމަށް ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑު ތިލަދުންމައްޗަކީ ބޮޑު ކަންނެލީގެ މަސްވެރިން ގިނަ ސަރަހައްދެއް ކަމަށާއި މަސްވެރިން ބާނާ މަސް އެ ސަރަހައްދުން އެކްސްޕޯޓް ނުކުރެވުމަކީ އިގުތިސޯދީ ގޮތުން ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވުނުކަމީ އިގުތިސޯދުގައި އެޅިފައި އޮތް މަރުތަޅެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް ދިމާވެފައިވާ އެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރު ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއްގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ. އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑު ތިލަދުންމައްޗަށް އިގުތިސޯދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 1.3 ޕަސެންޖަރަންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުން ކަމަށާއި އެ ބަދަލު ގެނައުމަށްޓަކައި ބޮޑުތިލަދުންމަތީގައި 8،000 ޓޫރިސްޓު އެނދު ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"މިމަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓްކޮށް، އެވޯޑް ކުރެވިފައި މިވަނީ މާލެ ސަރަހައްދުން ބޭރުގައި ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މި ޕްރޮޖެކްޓް މި ހިންގަނީ ޖަޒީރާވަންތަ، ވިޔަވަތި ދިރިއުޅުން މި ސަރަހައްދުގެ 41 ރަށަށް ލިބިދިނުމަށް. ހަނިމާދޫ ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް. މިފަހަރު އެންމެ ފަހު ކަމެއްގެ ގޮތުގައި ނޫނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަންބޯޑު ހަރެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދުއަށް ތަރައްގީ އަންނާނެ ކަމަށާއި ރައްޔިތުން އެދޭ ބަދަލުތައް އަންނާނެ ކަމަށެވެ. އަދި މި ސަރުކާރުން ގެންނަ ބޮޑު ބަދަލާއެކު އެ ތަރައްގީ ބޮޑު ތިލަދުންމައްޗަށް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ސިޔާސަތުގެ ބޮޑު ބަދަލަށް ބޮޑު ތިލަދުންމަތި ފުރޮޅާލަން ޖެހޭތާ އަހަރުތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. ބޮޑުތިލަދުންމަތި ތަރައްގީ ނުކުރެވި، ގެއްލިގެންދިޔަ އަހަރުތައް ރައީސް ސިފަކުރެއްވީ "ހުހަށް ގޮސް ހުލިވި" އަހަރުތަކެއްގެ ގޮތުގައެވެ.