ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ މިރޭ ހއ. ދިއްދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
އާރުޓީއެލްގެ ފެރީ ނިޒާމުން ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު (ހދ، ހއ އަދި ށ) ގެ 41 ރަށް ވަނީ ގުޅާލައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އާރުޓީއެލް ފެރީގައި އެމަނިކުފާނު ހއ. ދިއްދުއަށް މިއަދު ވަޑައިގެންނެވީ ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނުވާ ފެރީގެ ހިދުމަތް ފައްޓަވައިދެއްވުމަށް ކަމަށެވެ. އަދި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތައް ގޮސް ނިމޭނީ ޖާޒީރާ ރާއްޖޭގެ އަމާން ބަނދަރަށް ކަމަށާއި އާރުޓީއެލް ފެރީއަކީ އެމަނިކުފާނުގެ ސިޔާސަތުގެ އަމަލީ ތަޖުރިބާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީކޮށްދެއްވާނެ ކަމަށާއި ބޮޑު ތިލަދުންމަތިން ފެންނަ އާރުޓީއެލް ފެރީގެ ހިދުމަތަކީ އެ ހަމަހަމަކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ތުރާކުނުގައި ހުރި މީހާ ތުރާލެއްނެތި، ސީދާ ރާސްތާގައި އިހަވަންދޫ، ކުޅުދުއްފުށި އަދި ފުނަދޫ މެދުވެރިކޮށް މިހާރު އުނދަގުލަކާ ނުލައި މާއުނގޫދުއަށް ވާސިލުވެވޭނެ. މިއީ މީގެ ކުރިން އަދި ލިބިދާނެ ކަމަށް ހީވެސް ނުކުރާ ބޮޑު ފަސޭހައެއް،" ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް ފެރީ ނިޒާމަކީ މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. ސަރުކާރުން އާރުޓީއެލް މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ފޭސް އެކެއްގެ ދަށުން، ޒޯން އެކެއްގެ ހއ، ހދ އަދި ށ. އަތޮޅަށް މިހާރު ވަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފަށައިފައެވެ. އަދި ފޭސް ދޭއް އަދި ފޭސް ތިނެއްގެ ދަށުން ބާކީ 17 އަތޮޅަށް ހިދުމަތް ދޭން ފަށައި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅައިލުމަށް ވަނީ ނިންމައިފައެވެ.
އާރުޓީއެލުން މިހާރު ގެންދަނީ 13 ހައި ސްޕީޑު ފެރީއެއް ދަތުރުތަކަށް ބޭނުން ކުރަމުންނެވެ. އެ ފެރީތައް ހުންނަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރައި ފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަ ވާނެ ގޮތަކަށެވެ. ފެރީގައި ފާހާނާ އާއި ލަގެޖު ބަހައްޓާ ޖާގަ ހުރެއެވެ. މިއީ ރާއްޖޭގެ މޫސުމާއި އޮއިވަރަށް ފަހިވާނޭހެން ރާއްޖޭއިން ބޭރުގެ ނޭވަލް އާކިޓެކްޓެއްގެ ތަޖުރިބާގެ އެހީގައި ބަނދެފައިވާ ފެރީ ތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު