ހއ. ދިއްދޫގެ ބިން ހިއްކުމާއި އެރަށު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއު މިދައުރުގައި ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިއްދޫގައި މިރޭ ބޭއްވި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިއްދުއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ލިސްޓެއް އެބައޮތް ކަމަށެވެ. އަދި އެ ލިސްޓުގައި ހުރި ކަންކަން ފުރިހަމަކުރެއްވުމަށްފަހު ފާހަގަ ޖައްސަވަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ދިއްދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ތައުލީމީ މަރުކަޒުގެ 12 ކްލާސް ރޫމްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ކަމަށާއި ދިއްދޫ ރައްޔިތުންގެ އެހީތެރިކަމާ އެކު އެރަށުގައި އަމާން ވެށީގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެން ފާހަގަ ނުޖެހި އޮތީ ދެ ކަމެއްގާ. އަޅުގަނޑުމެން ދިއްދުއަށް ފޭބިއިރު ފެންނަން އެހުރި ގިޑި ގޭގެ ދެ ތަނބުގާ ލިޔެފަ އޮތީ އެ ވާހަކަ. އެއީ ބިން ހިއްކުމާ އާ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ވާހަކަ. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގެ މި ދެ މަސައްކަތް ފެށިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ ބަނދަރެއްގެ ނަމުގައި ކުރެވޭ އިސްރާފެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ސިޔާސަތުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު ކުޅުދުއްފުށި ބަނދަރަށް މުދާ ބާލަން ފަށާފައިވާ ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަށް ސަރުކާރުން ގެންނަ ބޮޑު ބަދަލެއްގެ ގޮތުގައި ކުޅުދުއްފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުށި ބަނދަރުގެ މަސައްކަތް ނިމުމާ އެކު ބޮޑު ތިލަދުންމަތީގެ އިގުތިސޯދު ރަނގަޅުވެ، ކުދި ވިޔަފާރިތަކަށް ފައިދާ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިންދަތި ރަށްރަށަށް 43 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ ތަފާތު މަޝްރޫއު އުތުރުގައި މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އުތުރުގައި މިވަގުތު އެންމެ ރަނގަޅު އިގުތިސޯދެއް އޮތް އިހަވަންދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ސަރުކާރުން ހައްލުކޮށްދެއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރު އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު