އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމަގުގައި ހުރި ގަސްތައް ނަގަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
ހަސަން ވިދާޅުވީ، މާލޭއަކީ ހިތް ފަސޭހަ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި މާލެއަކީ ހިތް ފަސޭހަ ތަނަކަށް ހެދުމަށް މަގުތައް ތަރައްގީކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މާލޭގެ މަގުތައް ހަދަންވާނީ "ހިތްފަސޭހަ" ތަނަކަށް ހެދުމުގެ މަފުހޫމާއި ވިސްނުން ނުގެއްލޭ ގޮތަށް ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ އިރު، މިހާރު އެ މަގުގައި ހުރި ގަސްތައް ކަނޑާލާފައިވާ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވާ ކަމެއް ކަމަށާއި އަމީނީ މަގުން ގަސްތައް ކަނޑަން ފެށުމުން އެތަކެއް ސުވާލުތައް އުފެދޭ ކަމަށް ހަސަން ވިދާޅުވިއެވެ.
"އަމީނީމަގު ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާ އެކު އެހިސާބުގައި ހުރި އެފަދަ ބިޔަ ގަސްތައް ކަނޑާލާނެތޯ އުފެދޭ ސުވާލެވެ. އަދި މާލޭގެ އެހެން މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު އެމަގުތަކުގައި ހުރި ގަސްތައްވެސް އަމީނީމަގެކޭ އެއް އުސޫލުން ކަނޑާލާނެތޯ ކުރެވޭ ސުވާލެވެ. މުޅި މާލެއިން ކިހައި ގަހެއް ކަނޑައިގެންތޯ މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކުރަމުންދާ ސުވާލެވެ. އެގަސްތައް ނުކަނޑައި މަގުތައް ނުހެދޭނިތޯ އާއި ކަނޑާފައިވާ ގަސްތަކަކީ ކޮންމެހެން ކަނޑާން ޖެހިގެން ކަނޑާފައިވާ ގަސްތަކެއްތޯކުރަމުންދާ ބޮޑު ސުވާލެވެ." ހަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ "ޖަޒީރާ ރާއްޖެ މެނިފެސްޓޯ"ގެ އަސާސަކީ އެތަނެއް އުފެދިފައިވާ ގޮތަށް ބޮޑެތި ބަދަލުތައް ނުގެނެސް އެތަނެއް ތަރައްގީކުރުން ކަމަށް ހަސަން ވިދާޅުވިއެވެ.
"އަމީނީ މަގުގެ ގަސްތައް ނުކަނޑައި ހުރި ހިސާބުތަކުގައި މާލޭގެ އެހެން މަގުތައް ވެސް ރަނގަޅު ފެންވަރަށް ހަދާއިރު، އިސްވެ ބަޔާންކުރި ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އަދި ވަކިން ހާއްސަކޮށް އެމަގުތަކުގައި ހުރި ގަސްތައް ނުކަނޑައި އެމަގުތައް ހެދުމުގެ މުހިންމުކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ހަސަން ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ފަށްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަމީނީ މަގުން ގަސްކަނޑަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ނަޝީދު ވިދާޅުވެފައިވަނީ އަމީނީމަގުން ގަސް ނެގުމުގެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަަމަށެވެ. ގަސްތައް ނެގުމާމެދު، އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕެލޭނިން މިނިސްޓްރީން، އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންނޫންނަމަ "އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުންނޫންގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އަމީނީ މަގުން ގަސްތައް ނަގަން ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
އާރްޑީސީން ބުނެފައިވަނީ، ތާރު އަޅައިގެން އަމީނީ މަގު ހަދާއިރު، އެ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށްފަހު ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރިއަށް ކަމަށެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން އެ މަގުން ނެގި ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84،414،546.83 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު