އިދިކޮޅު ޕީޕީއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދުއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓާ އެމަނިކުފާނާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޕީޕީއެމުން ޔާމީނަށް ރިޔާސީ ޓީކެޓް ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ "ވަން" އަށް މިއަދު ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ޔާމީން ކުޑަހުވަދުއަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ހަރަކާތްތައް ކުޑަހުވަދޫގައި އިތުރު ކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހީނާ ވިދާޅުވީ ޕީޕީއެމް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއްގައި ވެސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ވަނީ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ފ. ނިލަންދުއަށާއި ކ. ގުރައިދޫ އާއި އެއަތޮޅު ތުލުސްދުއަށް ވަޑައިގެފައެވެ. އެ ދަތުރުފުޅުތަކަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް ފުޅާކުރަން ކުރެއްވި ދަތުރުފުޅުތަކެކެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމަނިކުފާނު ވަނީ އެ ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވައިފައެވެ. އެންމެ ފަހުން ޔާމީން ވަޑައިގެންނެވީ ރ. ދުވާފަރަށެވެ. އެ ދަތުރުފުޅަކީވެސް "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް ފުޅާކުރަން ކުރެއްވި ދަތުރުފުޅުތަކެކެވެ.