ޚަބަރު

އުތީމު ގަނޑުވަރާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު އަޕްގްރޭޑް ކުރަނީ

ހއ. އުތީމުގައި ހުންނަ "އުތީމު ގަނޑުވަރު" އަޕްގްރޭޑްކޮށް އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަޢް އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުތީމުގައި ސަރުކާރުން އިމާރާތްކުރި އާ އިންޖީނުގެ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި ރައީސް ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައިސްފި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަދައްކަވަމުން ރައީސް ވިދާޅުވީ ގައުމީދުވަހާ އެންމެ ބޮޑު ގުޅުމެއް އޮތް އުތީމަކީ ގިނަ ބަޔަކު އެރަށް ބަލާލަން ދާން ބޭނުންވާ، ތާރީހީ ރަށެއް ކަމަށެވެ.

ނަމަވެސް އުތީމާއި ބޮޑުތިލަދުންމައްޗަށް ކުރިން އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރު ކުރެވޭނެ ހަދަރު ކުޑަ އަދި ފަސޭހަ ގޮތެއް ނެތުން ކަމަށާއި ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީ ނިޒާމުގެ ދަށުން އެ ކަމަށް މިހާރު ހައްލު ހޯދައިދެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުތީމަށް ވެސް އިގުތިސޯދީ ގޮތުން ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި މިރަށުގައި ތި ހުރިހާ ބޭފުޅުން ފަހުރުވެރިވާ ބޮޑުތަކުރުފާނުގެ ގަނޑުވަރާ ހަނދާނީ މަރުކަޒު މިހާރަށްވުރެ ބޮޑަށް އަޕްގްރޭޑް ކުރެވި އެތަނުގެ ހިދުމަތްތަށް މިރަށަށް ޒިޔާރަތްކުރާ މީހުންނަށް އެތަނުން ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެން ރާވައިގެން ކުރިއަށްގެންދާނެ ކަމެއް ކަމުގައި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އުތީމުގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާއި ކުރިޔަށް ހިންގުމަށް ރާވާފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވެސް ރައީސް ވަނީ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ސާފު ބޯފެނުގެ މަޝްރޫއުގެ މަސައްކަތާއި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ އިރު، ސަރުކާރުން އެރަށުގެ ބަނދަރު އިތުރަށް ތަރައްގީކުރުމަށް ވެސް ވިސްނަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގައި އާ މިސްކިތެއް އިމާރާތް ކުރުމާއި ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.