ޚަބަރު

ސަލާމަތީ ހިދުމަތްތަކުން މިސާލު ނަގަންޖެހޭ ޝަޚުސިއްޔަތަކީ މުހައްމަދު ތަކުރުފާނު: ރައީސް

ސަލާމަތީ ހިދުމަތްތަކުން މިސާލު ނަގަންޖެހޭ ޝަޚުސިއްޔަތަކީ މުހައްމަދު ތަކުރުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހއ. އުތީމުގައި މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބުގައެވެ.

މި ހިތޯބުގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އެންމެހައި އޮފިސަރުންނާއި މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގައުމީ ދުވަހުގެ އުފަލަކީ ހުރިހާ ދިވެހިންގެ އުފަލަކާއި ފަހުރެއް ކަމަށެވެ. އެހެން ނަމަވެސް، ގައުމީ ދުވަސް ޒީނަތްތެރިވެ، ޝަރަފުވެރިވެ، ތަކުރާރުވާ ސަބަބަކީ ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިޔަބޭފުޅުން މިސާލު ނަންގަވަންޖެހޭ ޝަހުސިއްޔަތަކީ، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން. އެއީ އަޅުގަނޑުމެންގެ ދާއިމީ ކޮމާންޑާ އިން ޗީފް. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލުގެ އަބަދީ ރަމްޒު. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ގައުމުގެ ހިމާޔަތުގައިވާ ހަގީގީ އެކަތައިގެ ފާރަކީ، ތިޔަ ބަދަހި ސަފުތައް." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އަރިހުރަހަށް ހިނގާ އެކި ބާވަތުގެ އޮއިވަރު މިއަދު ތަފާތު ކަމަށެވެ. އެކި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިވެ، ބައިނަލްއަގުވާމީ ދުނިޔެއާ އެއް ސަފުގައި ރާއްޖެ ފައިހަމަކުރަންޖެހޭ ކަމަށެވެ. ޓެކްނޮލޮޖީގެ ޒަރީއާއިން ލިބޭ މަންފާއާއި، އޭގެ އަނެއްކޮޅުވެސް އެބައޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ދަރިން ބޮޑެތިވަމުން އެ އަންނަނީ، މައިންބަފައިން ނުވަތަ ކާބަފައިން ބޮޑެތިވިފަދަ ދުނިޔެއަކު ނޫން ކަމަށާއި އެ ކުދިންގެ ވިސްނުމާއި، އުންމީދާއި، ބޭނުންތައް ވަރަށް ބޮޑަށް ތަފާތު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެހެން ނަމަވެސް، ހަމަ މަގުގައި އިންސާނަކަށް ހުރެވޭނީ، އޭނާއަށް ލިބޭ އިލްމަކާއި ހުނަރަކުން ކަމަށާއި ރަނގަޅާއި ނުބައި ދަސްވެ، އަމިއްލަ ސިކުނޑިން ވިސްނި މިންވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ދަރިންނަށް އެކަށޭނަ ރަނގަޅު ސިއްހަތާއި، ފުރިހަމަ ތައުލީމެއް ހޯދޭނެ ފުރުސަތު ފަހިކުރުމަކީ، ގައުމަށްޓަކައި ކުރާ ކަމެއް ކަމަށާއި އެ ކުދިންގެ ގާބިލުކަމާއި ޒިންމާދާރުކަމުން މެނުވީ، މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިއެއްނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ދަރިންގެ ތަރުބަވީ ހިޔާވައްސަކީ މަދަރުސާ ކަމަށާއި އެހެން ނަމަވެސް، ގައުމަށްޓަކައި ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮ ކަމަކީ ރަނގަޅު ދަރިއެއް ތަރުބިއްޔަތުކޮށް ނެރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ހއ. އުތީމުގައެވެ.