ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މަރާލި މައްސަަލައިގައި ހުކުމް އިއްވާފައިވާ މީހާގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި މިއަދު ނިންމާލައިފިއެވެ.

މިއީ 26 ނޮވެމްބަރު 2012ގެ ވަގުތެއްގައި މުނީރުލް އިސްލާމް، ހ. ޗާންދަނީމަގު 24 ނަންބަރު ގޭގެ ހަވަނަ ފަންގިފިލާގައި ހުންނަ އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގައި ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅި ހަރައި މަރާލާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ ކަމްރުލް އިސްލާމް އަށެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ހައިކޯޓުން ހުކުމް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި މުނީރުލް އިސްލާމްގެ ގާތިލަށް މަރުގެ އަދަބު ދިނުމާއެކު މަރުގެ ދިޔަ ލިބިގަތުމަށް އޭނާގެ ވާރިސުން އެދިފައިވާތީ އެ ދެ އަދަބު އެކީގައި ކަނޑައެޅޭނެ ހަމައެއް ނެތުމުން އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި ވާރިސުން އެދިފައިވާ ދެ ގޮތުގެ ތެރެއިން މަރުގެ ދިޔަ ނަގައިދޭން ފަނޑިޔާރުން ހުކުމް ކުރެއްވިއެވެ.

އަދި މި މައްސަލައިގައި ސާބިތުވެފައިވަނީ ގަތުލު އަމްދުގެ ކުށް ކަމަށް ވެފައި އަދި މި ގަތުލު ހިންގާފައި ވަނީ ހުރުމަތްތެރިވެގެންވާ މަހެއްގެ ތެރޭގައި ކަމުން، ގާތިލުގެ ފަރާތުން ނަގައިދޭން ޖެހޭނީ ބަރު ކުރެވިގެންވާ ދިޔައެއް ކަމަށްވާތީ، ލުއި ދިޔަ ކަމަށްވާ 100،000 ރުފިޔާއަށް ތިންބައިކުޅަ އެއްބައި އިތުރުކޮށް ބަރުކުރެވިގެންވާ ދިޔައިގެ ގޮތުގައި 133،333.33 ރުފިޔާއަކީ މަރާލި މީހާގެ މަރުގެ ދިޔަ ކަމަށްވެސް ކަނޑައެޅިއެވެ.

ހައިކޯޓުން ކުރި އަމުރުގައި އެ ފައިސާ ވާރުތަވެރީންނަށް ލިބިދިނުމަށް ސިވިލް ކޯޓަށް ދެއްކުމަށާއި އަދި ތައުޒީރީ އަދަބެއްގެ ގޮތުން ކަމަރުލް އިސްލާމް، 25 އަހަރަށް (އުމުރަށް) ޖަލަށްލުމަށްވެސް ހުކުމްކުރިއެވެ.

އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ކަމްރުލް އިސްލާމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދެ ފަރާތުގެ ވަކީލުން، މައްސަލައާބެހޭ ގޮތުން އެންމެ ފަހުގެ ވާހަކަތައް ދެއްކުމެވެ.

އެއަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައި ލައްވަމުން އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ މައްސަަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. މައްސަަލައާ ގުޅޭ ގޮތުން އިތުރުކަމެއް ސާާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ބައްލަަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ.