ބިދޭސީއަކަށް ފުލުހުން އަނިޔާކުރި މައްސަލަ ފުލުހުންގެ އިދާރާއިން އަމިއްލައަށް ތަހުގީގު ހިންގީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ 19:35 އެހާކަންހާއިރު މ. އުޖާލާ ގޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓް ލިބިގެން ކޯޓު އަމުރެއްގެ ދަށުން ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް (ޑީއީޑީ)ގެ ފުލުހުން އެގެ ބަލައިފާސްކުރިއެވެ. އެ އޮޕަރޭޝަންގެ ތެރެއިން ޑީއީޑީ ފުލުހުން ބިދޭސީއަކަށް އަނިޔާކުރާ މަންޒަރު ހިމެނޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެސްވިއެވެ.
އަނިޔާކުރި މައްސަލަ ބެލުމަށްފަހު ފުލުހުން ވަނީ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފައެވެ. ޕީޖީ ފަރާތުން އެ މައްސަލައިގައި ޝާމިލުވާ 11 ފުލުހުންގެ މައްޗަށް ދައުވާކޮށްފައެވެ.
އެ މައްސަލައިގެ ކުރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުން ވަނީ އެ މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވާނެކަމަށް ބުނެފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ފުލުހުންނަށް އެ މައްސަލަ ތަހުގީގުކުރުމުގެ އިހުތިސޯސް ގާނޫނީ ގޮތުން ލިބިގެންނުވުމެވެ. އެ އިހުތިސޯސް ލިބިގެންވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ކަމަށް އެ މީހުން ބުނެފައިވެއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ނިންމީ ފުލުހުންނަށް މައްސަލަ ތަހުގީގުކުރުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށާއި އެހެންކަމުން ދައުވާތައް ބާތިލު ނުކުރެވޭނެ ކަމަށެވެ. އަދި މައުލޫއީ ގޮތުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ނިންމުން ގޯސްކަމަށް ބުނެ ދައުވާލިބޭ ފަރާތްތަކުން ވަނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ދައުވާ ލިބޭ މީހުންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގީ އިހުތިސޯސުން ބޭރުން ކަމަށެވެ.
ހައި ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުލަތުން އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ހައި ކޯޓުން މައްސަލަ ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ހައި ކޯޓުން ހުކުމްކުރީ މާނަކުރުމުގެ ހަމަތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަކަށް ތަހުގީގު ހިންގުމުގެ ބާރު ލިބޭ ނަމަ، ތަހުގީގު ހިންގަން ޖެހޭނީ އެ މުއައްސަސާއަކާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ގާނޫނުގައި ބުނެފައިވަނީ ތަހުގީގު އެންމެ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެގޮތަށް ގާނޫނުގައި އޮންނަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ނޫން ކަމަށް ވެސް އެ ހުކުމުގައިވެއެވެ.
އެހެންކަމުން ދައުވާ ލިބޭ މީހުންގެ މައްސަލަ ތަހުގީގުކުރަންވާނީ އެންއައިސީ އާއި ފުލުހުން ގުޅިގެން ކަމަށް ހުކުމުގައިވެއެވެ. އަދި ފުލުހުން މަސައްކަތުގެ ތެރެއިން ކުރާ ޖިނާއީ އަމަލުތައް ހަމައެކަނި ތަހުގީގު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަކީ މަސްލަހަތަށް ފުށޫއަރާ ކަމެއް ކަމަށެވެ.
އެހެންވެ ހައި ކޯޓުގެ ހުކުމަށް ތާއިދުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުކުމްކުރީ ދައުވާ ލިބޭ މީހުންގެ މައްސަލަ ތަހުގީގުކުރީ ގޯސްކޮށް ކަމަށެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސޫއުދު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. ރިޔާސަތު ބެލެހެއްޓެވީ އާއިޝާ ޝުޖޫން މުހައްމަދުއެވެ.