ޔޫއެފާ ނޭޝަންސް ލީގުގެ ޓަޔާ އޭގެ ގްރޫޕް ދޭއްގައި ރޭ ސްޕެއިންއިން ސްވިޒަލޭންޑް ކައިރިން ބަލިވި އިރު، ޕޯޗުގަލްއިން ފަސޭހަކަމާއެކު ޗެކް ރިޕަބްލިކް ބަލިކޮށްފިއެވެ.

ޕޯޗުގަލްއިން ރަށުން ބޭރުގައި ޗެކް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ސްޕެއިން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ 2018 ވަނަ އަހަރު އޮކްޓޯބަރު މަހަށްފަހު ސްޕެއިންއަށް އަމިއްލަ ދަނޑުގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. އެ މެޗުގައި ބަލިވީ އިންގްލެންޑް ކައިރިންނެވެ.

އޭގެ ފަހުން ހޯމްގައި ކުޅުނު 22 މެޗުންވެސް ސްޕެއިން ބަލިވެފައި ނުވާ އިރު، ރޭގެ ބައްޔަކީ 2003 ވަނަ އަހަރަށްފަހު ހޯމްގައި އެޓީމަށް ކުރިމަތިލާން ޖެހުނު ދެވަނަ ބައްޔެވެ.

ގްރޫޕް ދޭއްގެ ދެވަނައިގައި މިވަގުތު ސްޕެއިން އޮތީ ފަސް މެޗުން އަށް ޕޮއިންޓާ އެކުގައެވެ. ރޭ މޮޅުވި ޕޯޗުގަލް އެއްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކުގައެވެ. އެ ގްރޫޕުގައި ދެން ސްޕެއިން ކުޅޭ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އެއީ ގްރޫޕުގެ ފަހު މެޗެވެ. އެ މެޗުން އެއްވަރު ކޮށްގެންވެސް ޕޯޗުގަލްއަށް ސެމީއަށް ދެވެން އޮތް އިރު، ސްޕެއިންއަށް ސެމީއަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ޕޯޗުގަލް ބަލިކުރުމެވެ.

ސްޕެއިންއިން ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަން ގޯލާއެކު ސްވިޒަލޭންޑް ލީޑު ނެގި ނަމަވެސް ޖޯޑީ އަލްބާ ވަނީ ދެވަނަ ހާފުގައި ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސްވިޒަލޭންޑުން ދެވަނަ ފަހަރަށް ލީޑު ނެގީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މެނުއަލް އަކާންޖީ ޖެހި ގޯލުންނެވެ.

ސްވިޒަލޭންޑް މިވަގުތު ގްރޫޕުގެ ތިންވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ފުލުގައި އޮތް ޗެކަށް ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެން އޮތް މެޗަކީ ރެލިގޭޝަނަށް މުހިއްމު މެޗެކެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް 2019 ވަނަ އަހަރު ކާމިޔާބުކުރި ޕޯޗުގަލްއިން ރޭ ކުޅުނު މެޗުގައި ޑިއޭގޯ ޑަލޮޓް އެޓީމަށް ދެ ގޯލު ޖަހައިދިން އިރު، އަނެއް ގޯލުތަކަކީ ޑިއޭގޯ ޖޮޓާ އަދި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުތަކެކެވެ.