Close
ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ދަރީންނޭވެ. ފުވައްމުލައް ދަސްކުރާށެވެ! މިރަށު މިސްކިތްތަކުގެ ތެރެއިން ގެންމިސްކިތް

މުނީރު ހަސަން، ޏ. ފުވައްމުލައް

1

ހިޖުރީ ގޮތުން 1442 (މީލާދީން 2022) ވަނަ އަހަރު ފެށިގެން އައި އިރު ފުވައްމުލަކުގައި ހުރި މިސްކިތްތަކާއި އެ މިސްކިތްތަކަށް އައި ބަދަލަށް މި ލިޔުމުގައި ބަލައިލާނަމެވެ. މިހިސާބަށް އައިއިރު ކުރީގެ ގިނަ މިސްކިތްތައް ވަނީ އުވިގެން ގޮސްފައެވެ. ގިނަ މިސްކިތްތަކެއް އުވިގެންދިޔަ ނަމަވެސް ރަށުގައި އެންމެ ފުރަތަމަ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރި މިސްކިތް ކަމަށްވާ ގެންމިސްކިތް އަދިވެސް ބައެއް ބަދަލުތަކާއެކު ފެންނާން އެބަ ހުއްޓެވެ. ކުރީ ޒަމާނުގައި ހުރި މިސްކިތްތަކަކީ އެހާ ބޮޑެތި މިސްކިތްތަކެއް ނޫނެވެ. އެ ޒަމާނުގައި މިސްކިތްތައް ހުރީ އެއްމިސްކިތުގެ އަލި އަނެއް މިސްކިތަށް ފެންނަ ހިސާބު ކައިރިކައިރީގައެވެ.

ހިޖުރީ ގޮތުން 540 އާއި 542 އާ ދެމެދު އައްޑު އަތޮޅު އިސްލާމްވުމާ ގުޅިގެން ހިޖުރީ ގޮތުން 555 ވަނަ އަހަރު ފުވައްމުލަކުގެ ރައްޔިތުން އިސްލާމް ދީން ގަބޫލު ކުރިއިރު ރަށުގެ ވަޒަންވެރިން ރަށުގެ މެދުތެރޭގައި ވެސް ދިރިއުޅުނެވެ. ނަމަވެސް ބޮޑު އާބާދީ އޮތީ ރަށުގެ ދެ ކޮޅުގައެވެ. ގިނަ މީހުން ތިބީ އުތުރު ކޮޅުގައި ކަމުން އުތުރު ކޮޅުގައި ނަމާދު ކުރުމަށް މިސްކިތަކަށް ބޭނުންވުމުން އިމާރާތްކުރި މިސްކިތަކީ ގެންމިސްކިތެވެ. މި މިސްކިތް ބިނާ ކުރީ ފުވައްމުލައް އެ ބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވި ފުވައްމުލަކު ހޯދަޑު ދޮންބުޅަލި ކަނބުލޭގެފާނާއި އިންޑިއާގެ ގުޖުރާތުގެ ރަށެއްކަމަށްވާ ސޫރަތުގެ ޔަހުޔާ ނާއިބުގެ ޔޫސުފު ނާއިބު ކާވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އަބޫބަކުރު ނައިބެވެ. އޭނާ ނިޔާ ވުމުން ފަސްދާނުލާފައި ވަނީ އެ މިސްކިތުގެ ގަބުރުސްތާނުގައެވެ.

ރަށުގެ އުތުރުކޮޅުގައި އިތުރު މިސްކިތްތަކުގެ އަސަރު ދާދި ފަހަކާ ޖެހެންދެން ފެންނަން ހުއްޓެވެ. އޭގެ ތެރެއިން ކޮށީމަގު ޒިޔާރަތް ކައިރީގައި ހުރި މިސްކިތުގެ ގިބުލަ ފަރާތު ފާރާއި އުތުރު ފަރާތު ދިގު ފާރުން ތަންކޮޅެއް މިހާރުވެސް ފެންނާން އެބަހުއްޓެވެ. މި މިސްކިތަކީ ކުރީގެ މިސްކިތްތަކުގެ ތެރެއިން އެންމެ ގިބުލަޔާއި ކައިރި މިސްކިތެވެ. ފުވައްމުލަކުގައި ގިބުލަކަމަށް ބަލަނީ 305.63 އެވެ. ކުރިން ދެންނެވި މިސްކިތް ހުރީ 300 ޑިގްރީއެވެ. އެހިސާބުގައި ދެން މިސްކިތްތައް ހުރި ތަންތަނުގައި މިހާރު ފެންނާން އޮތީ ގަބުރުސްތާނެވެ. ގެންމިސްކިތުފަންނުން ފައިބާއިރު އޮތް ގަބުރުސްތާނާއި އައްޔަނި ޒިޔާރަތް ސަރަހައްދުގައި ހުރި މިސްކިތާއި ޕެބްލްސް ސަރަހައްދުގައި ހުރި މިސްކިތާއި ގެންމިސްކިތްމަގު ކައިރީގައި ހުރި މިސްކިތުގެ ތަރަހަތައް ވަނީ ވީރާނާވެ ނެތިގެން ގޮސް ގެއްލިފައެވެ.

ގެންމިސްކިތް

ކުރީގައި ދެންނެވި ފަދައިން ގެންމިސްކިތަކީ ފުވައްމުލަކުގައި އެންމެ ފުރަތަމަ އިމާރާތް ކުރި މިސްކިތެވެ. މި މިސްކިތަކީ ބުދު ދީނުގެ މީހުން ބޭނުން ކުރި އިމާރާތެއް ކަމަށާއި އޭގެ ހެއްކަކީ މިސްކިތް ގިބުލައަށް ނެތުމާއި މިސްކިތުގެ ކުރިމަތީގައި އޮންނަ ވެޔޮ ކަމަށް ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ކުރީ ޒަމާނުގައި ހުރިހާ މިސްކިތެއްގައިވެސް ވެޔޮ ހުއްޓެވެ. ރަށުގެ ރައްޔިތުން ނިކުމެ ހިއްކައި ހެދި ހުކުރު މިސްކިތުގެ ވެވަކީ އޭގެ މިސާލެކެވެ. މިފަދަ ވެއުތައް ދުށް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އުވާލެވިފައިވާ ކޮއްކިރި މިސްކިތުގެ ވެޔޮ އަޅުގަނޑު ވެސް ދުށީމެވެ. ގެން މިސްކިތް ހުންނަނީ 394 ޑިގުރީއަށެވެ. ދަޑިމަގި މިސްކިތް ހުންނަނީ 330 ޑިގުރީއަށެވެ. އަދި ހުކުރު މިސްކިތް ހުންނަނީ 300 ޑިގުރީއަށެވެ.

އެހެންކަމުން އެ ދައްކާ ވާހަކައަކީ އަސްލާ ދުރު ވާހަކަތަކެއްކަން އެނގެއެވެ. ބުދު ދީނުގެ މީހުން ބޭނުންކުރި ދެ ވެޔޮ ހުރިތަން ކުޑަ ހަވިއްތަ ކައިރީގައި މިހާރު ވެސް ފާހަގަ ކުރެވޭ ވަރަށް ހުރެއެވެ. އެދުވަސްވަރު ބޭނުން ކުރި ވަސީލަތްތަކުން މިފަދަ ތަފާތެއް ފެނިދާނެއެވެ. ގިނައިން ބަލައި އުޅުނީ އިރު ހަނދާ ތަރިތަކުންނެވެ. މާލޭ ހުކުރު މިސްކިތާއި އީދު މިސްކިތް ވެސް ގިބުލައަކަށް ނުހުރެއެވެ. އެހެންކަމުން މިއީ ހުކުމެއް ކުރުމުގެ ކުރިން ތަފާތު ދިމަދިމާލަށް ފިކުރު ހިންގަންޖެހޭ ކަމެކެވެ. މި ޒަމާނުގެ އިލެކްޓްރިކު ވަސީލަތްތަކުގެ ބޭނުންކޮށްގެން ބަލާއިރު ފުވައްމުލަކުގެ ގިބުލަ ދިމާވަނީ 305.63 އަށެވެ.

ގެންމިސްކިތް އިމާރާތް ކޮށްފައި ހުރީ ވެލިގައު ކަނޑައި ކޮށައި މަށައިގެންނެވެ. ވެލި ގަލުން ތަރަހަ ހަދައި އޭގެ މަތީގައި ބަރުފޯސް އަޅައި އޭގެ މައްޗަށް 21 އިންޗީގެ ގަލެއް އިންދައި އޭގެ މަތީގައި އަނެއްކާވެސް ބަރުފޯހަކަށް ގަލެއް އަޅައި އެ ގަލުގެ މައްޗަށް ގާ ޖަހައިގެންނެވެ. ދެވަނަ ބަރުފޯހަކީ އޭރު މިސްކިތުގެ އެތެރޭގެ އުސްމިނެވެ. މި ގައުތައް ހުންނަނީ ކޮނެގެން އެއްގައު އަނެއް ގަލާއި ގުޅުވާފައެވެ. މިސްކިތުގެ ވެލިގަލުގެ އުސްމިނަކީ 9 ފޫޓެވެ. އެންމެ މަތީގައި ޖަހާފައި ހުރި ގަލުން ވެސް ކޮށައިގެން ހަދާފައި ވަނީ މަތީގައި މަތިގަނޑު ކަނޑައި އަޅަން ފަސޭހަވާނެ ގޮތަށް ފުޅާ ކޮށްފައެވެ. މިސްކިތުގެ މަތި ހުންނަނީ ހުރަހަށް ބެރި އަޅައި ބެރި މަތީގައި ފިލާ އަޅާފައެވެ. އެންމެ ފުރަތަމަ މިސްކިތް އިމާރާތްކުރީ 22،7 (ބާވީސް ފޫޓް ހަތް އިންޗް) އަދި 29 ފޫޓަށެވެ. އެހެންކަމުން އޭރު މިސްކިތުގައި 100 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވެއެވެ. މިސްކިތުގެ އިރުމަތީ ފަރާތު ފެންޑާގެ ތަނބުތައް ހުރީ ލިޔާހަރުގައި އަޅައިގެން ލިޔެފައި ލާނުޖަހާފައެވެ.

މި މިސްކިތް މިހާރު ހުރިވަރަށް ކުޑަކުރީ ހިޖުރީ ގޮތުން 1285 ވަނަ އަހަރުގައެވެ. އެހެންކަމުން މިހާރު ފެންނާން ހުރީ މިސްކިތުގެ ގިބުލަ ފަރާތުން ބަޔަކާއި އުތުރު ފަރާތު ފާރުން ބައެކެވެ. މިކަންކުރީ ޙާޖީ ބަންޑާރައިންގެ އިބުރާހިމް ފާމުލަދޭރި ކިލަގެފާނުގެ ކަރައްޔެ މުހަންމަދުދީދީގެ ކަރައްޔެ އިބުރާހީމްދިދީ އެވެ. ކުޑަކުރުމުގެ މަސައްކަތުގައި ބޭނުންކުރީ އެބެއިފުޅުންގެ އޮޑީގެ ލަކުޑިއެވެ. އެއީ މުޅިންވެސް ދަނބު ލަކުޑިއެވެ. ހިޖުރީ ގޮތުން 1356 ވަނަ އަހަރު ވަނީ މިސްކިތުގެ ދެކުނު ފަރާތުގެ ފެންޑާ އުވަޔާއި ގަލުން ރާނާފައެވެ. މި ފެންޑާ ވެސް ކުރިން ހުރީ ތަނބުތައް ލިޔާހަރުގައި ލިޔެގެން ހަދާފައެވެ. މިސްކިތް ހުންނަނީ ހަތަރު ފުރާޅަށް ހަދައި ފަންގިލާފައެވެ. މިސްކިތުގައި ހުރީ ދަމާ ދޮރެކެވެ. ދޮރުގެ އެއް ކަނީގައި މިސްކިތުގެ ޒިޔާރަތުގައި އޮންނެވި ބޭކަލަކު އެނގޭ ގޮތަށް ލިޔެފައި އޮވެއެވެ. އަނެއް ކަނީގައި އޮންނަނީ ރޯދައިގެ ނިޔަތެވެ. މިހާރު މި ދޮރެއް ވެސް، މަތިގަނޑުގައި އަޅާފައި އޮތް ފިލައެއް ވެސް ނެތެވެ.

މި މިސްކިތުގައި އޭރު އިއުތިކާފަށް ރަށުގެ އެކި ހިސާބުން މީހުން އައިސް ރޯދަ ހިފައި ހަދައެވެ. އަދި ނަދުރު ބުނެގެން ކިރުމާއި މާލޫދު ކިޔުންފަދަ ކަންތައްވެސް ކުރެއެވެ. މިސްކިތުގެ ކުރިމަތީގައި ދެ ޒިޔާރަތް ހުރެއެވެ. އެއް ޒިޔާރަތަކީ އަލްހާފިޒު އަބޫބަކުރު ނައިބުގެ ޒިޔާރަތެވެ މި ޒިޔާރަތުގައި ދިދަ ދަނޑިއެއްހުރެއެވެ. ދެން ހުރި ޒިޔާރަތަކީ ކާކުގެ ޒިޔާރަތެއްކަމެއް ނޭގެއެވެ. ރަށުގެ ބޮޑުކަމާއެކު ދެކުނުކޮޅުގެ މީހުންނަށް ހުކުރު ނަމާދަށް އައުން އުނދަގޫވުމުން ދޫޑިގަމު ވަށޮވެޔޮ ސަރަހައްދުގައި މިސްކިތެއް ހަދައިގެން ބޭނުންކުރަން ފެށިއެވެ. އެހެންކަމުން އޭރު ރަށުގެ ދެ ކޮޅުގައި ހުކުރު ކުރާ ދެ މިސްކިތް ހުއްޓެވެ. ފަހުން ރަށުގެ ދެ ކޮޅުގެ އާބާދީ ކުޑަވެ މެދުގައި އާބާދީ ބޮޑުވުމުން މާދަޑު މާމިސްކިތުގެ ނަމުގައި މިސްކިތެއް ހަދައި ހުކުރު ކުރަން ފެށުމުން އަނެއް ދެ މިސްކިތުގައި ހުކުރު ކުރުން ހުއްޓާލިއެވެ. މާދަޑު މާމިސްކިތް ހުރީ ދޮންދާރީގެ ހިމެނޭސަރަހައްދުގައެވެ. އޭގެ ފަހުން ފުވައްމުލަކުގެ މަޝްހޫރު ހުކުރު މިސްކިތް އިމާރާތްކޮށް އެ މިސްކިތުގައި ހުކުރު ކުރަން ފެށުމުން މާދަޑު މާ މިސްކިތުގައި ވެސް ހުކުރު ކުރުން ހުއްޓާލިއެވެ. މިހާރު ރަށުގައި ހުރި ހުކުރު ކުރާ އެންމެ ދުވަސްވީ މިސްކިތަކީ ހުކުރުމިސްކިތެވެ. ހުކުރު ކުރުން ހުއްޓާލި ނަމަވެސް ގެންމިސްކިތުގައި އީދު ނަމާދު ކުރަމުން އައިސްފައިވެއެވެ. ގެންމިސްކިތަށް އީދު ނަމާދަށް ދިޔަ ކަމަށް ދޮންބަގީޗާގޭ އަލިދީދީ އާއި ރަންބުސްތާނުގޭ ހަސަން އަހުމަދު މަނިކު ވިދާޅުވިއެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި ގޮތުގައި އެންމެ ފަހުން އެމިސްކިތުގައި އީދު ނަމާދު ކުރެއްވީ ނަޔާގޭ ދޮންތައްޚާނުބެއަގެ އަލްމަރުޙޫމް ރެކިދީދީ އަބުދުﷲ މުފީދު ސަރުވަތުއެވެ. އެއީ މީލާދީ ގޮތުން 1941 (ހިޖުރީ ގޮތުން 1361) ވަނަ އަހަރުގައެވެ. އަދި އަލްމަރުޙޫމް އެޅަތޮށިގޭ އަބުދުﷲ ދިދީވެސް މިގޮތަށް ވިދާޅުވިއެވެ.

އަޅުގަނޑުގެ ބައްޕަ ރިހިވިލާގެ އަލްމަރުޙޫމް ހަސަން މޫސާދީދީ ގެންމިސްކިތުގެ މުދިންކަން ކުރެއްވެވި ދުވަސްވަރު އަޅުގަނޑު މިސްކިތަށް ދާއިރު ވެސް ދަނބު ލަކުޑިން ހަދާފައި ހުންނަ މިންބަރު ހުރެއެވެ. އެ މިންބަރު ނެގީ 1984 ވަނައަހަރު މިސްކިތު ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް ކުރިއިރުގައެވެ. މިސްކިތް ކުޑަ ކުރެވުނުއިރު އެ ހިސާބުގައި ކުރިން ދިރިއުޅުނު މީހުން ވަނީ ރަށުގެ އެތެރެއަށް ބަދަލުވެފައެވެ. ނަމަވެސް ފަހުން އެ ހިސާބުގައި މީހުން އާބާދުވެ މިސްކިތުގެ ޖާގަ ކުޑަވުމުގެ ސަބަބުން ވާދަތި ހައްލު ކުރުމުގެ ގޮތުން 2000 ވަނަ އަހަރު، މިސްކިތުގެ އިރުމަތީފަރާތުފެންޑާ ހުރިހިސާބަށް ދަގަނޑުޖަހައިގެން ފެންޑާއެއް ވަނީ ހަދާފައެވެ. މިއީ ރިހިވިލާގޭ އަބުދުﷲ ފާރޫގު ޙަސަންގެ ޚަރަދު ގައި ކުރިމަސައްކަތެކެވެ. އެމަސައްކަތްކުރީ ތުރުކީގެ ކޮމެޓް އަޙުމަދު މުޙަންމަދުއެވެ. މިސްކިތުގައިހަދާފައި ހުރި ފާޚާނާޔާއި އިސްކުރުބަރިޔަކީ 2000 ވަނައަހަރު ބޭރެފީށެ/ގަސްކަރަ ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމްގެ ޚަރަދުގައި ހެދިތަނެކެވެ. މަސައްކަތްކުރީ ނިރޮޅު އަޙްމަދު މުހަންމަދުދިދީއެވެ. 2009 ވަނަ އަހަރު މިސްކިތުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ފިޔަނޫމާގެ އިބުރާހީމް ނަފީސް ވަނީ ގާތްގަނޑަކަށް 70 މީހުންނަށް ނަމާދު ކުރެވޭވަރުގެ ޖާގަ އިތުރުކޮށްފައެވެ. މި ތަންތަން މިހާރު ބޭނުމެއް ނުކުރެއެވެ. މިސްކިތުގެ އެތެރޭގައި މިހާރު ހުރީ ޕާކޭ ޖަހާފައެވެ.

ގެންމިސްކިތުގެ ޒިޔާރަތް

ގެންމިސްކިތުގެ ކުރިމަތީގައި ކުރިން ދެންނެވިފަދައިން ދެ ޒިޔާރަތެއް ހުރެއެވެ. މީގެ ތެރެއިން އެއް ޒިޔާރަތަކީ އެ ބޭކަލެއްގެ އަތްޕުޅު މައްޗަށް ފުވައްމުލައް އިސްލާމްވި އައްޝައިޚުލް ހާފިޒު އައްނައިބު އަބޫބަކުރުގެ ޒިޔާރަތެވެ. މި ޒިޔާރަތް ހުންނަނީ ވެލި ގަލުން ކޮށާ މަށައިގެން ހަދައި ހިޔާކޮށްފައެވެ. އެތެރޭގައި ތިން މަހާނަގާ ހުއްޓެވެ. ނަމަވެސް މިހާރު ފެންނާން ހުރީ ދެ މަހާނަ ގަލެވެ. މި ޒިޔާރަތް ފޮޅައި ސާފު ކުރުމަށް އެތެރެއަށް ވަދެވޭ ގޮތަށް ދޮރެއް ހުރެއެވެ. އެތެރޭގައި ލޮއިން ހަދައިފައި ހުރި ދުންދަނޑި ޖަހާ އެއްޗެއް ހުރެއެވެ. އިހުގައި ހުކުރު ހޯމަ ވިލޭރޭ ދުންދަނޑި ޖަހައެވެ. މިހާރަކު އެ ދުންދަނޑި ޖަހާ އެތިވެސް ފެންނާކަށް ނެތެވެ. މި ދޮރުގައި ހުންނަނީ ފޮތި ދަމާފައެވެ. މިހާރު އެތާގައި ދޮރެއް ނުހުރެއެވެ. މި ޒިޔާރަތް އެންމެ ފަހުން މަރާމާތު ކުރީ 2006 ވަނަ އަހަރުގައެވެ. އަނެއް ޒިޔާރަތުގައި އޮތް މީހަކު ނޭނގެއެވެ. ނަމަވެސް މި ޒިޔާރަތުގައި ކިރާ ގަލެއް ހުއްޓެވެ. މިހާރު އެ ގަލެއްވެސް ނެތެވެ.

ގެންމިސްކިތުގެ ވެވު

މި ވެއު ހުންނަނީ މިސްކިތު ފާރުން ބޭރުގައި މިސްކިތުގެ އިރު ދެކުނު ފަރާތުގައެވެ. މިސްކިތުން ވެވަށް ހޯނެއްސާ ގައު އަޅާފައި ހުރެއެވެ. ވެވުގައި ފެން ފައްތަރާއެކު ހަ ފައްތަރު ހުރެއެވެ. މި ވެއު ހަދާފައި ވަނީ ރަށުގެ އާނު ކަނޑައިގެންނެވެ. ވެވުގެ ވަށައިގެން ހަ އިންޗި ފުޅާ ގަލެއް އިންދައިގެން ފާރެއް ހެދިކަމުގެ ނިޝާން ފެންނަން ހުރެއެވެ. ގަލުގެ މި ފާރުގެ އުސްމިން މިހާރަކު އެނގޭނެ ގޮތެއް ނެތެވެ. ވެވު ހުންނަނީ ގާތްގަނޑަކަށް ހަތަރުކަން ހަމައަށެވެ. ފަރާތެއްގައި ހުންނަނީ 34 ފޫޓެވެ. ފެންގަނޑުގައި 29 ފޫޓެވެ. މި ވެޔޮ ކޮންމެވެސް ދުވަސްވަރެއްގައި ކުޑަކޮށް އެތެރޭގައި ކުޑަ ވެވެއް ހަދާފައި ވެއެވެ. އެ ވެވުގައި ހުންނަނީ 15 ފަނަރަ ފޫޓް 15 ފަނަރަ ފޫޓެވެ. ވެވުގެ އެތެރޭގައި ކުޑަވެވު ހެއްދެވީ 1357 ގައި ވާރުއަލިދީދިގެ ވާރުވެރިކަމުގައި ވާރު ޙަސަންދީދީގެ ނާއިބުކަމުގައެވެ. މި ވެޔޮ ވެސް ވަނީ މީލާދީން 1951 (ހިޖުރީ ގޮތުން 1371) ގައި އޭރު ރަށުގައި ހުރި ހުރިހާ ވެވެއް ބެރިއިރު ބަރާފައެވެ. އަޅުގަނޑު ކައިރީގައި ދަޑިމަގު މަލަރީތިގޭ އަލްމަރުހޫމް އަލިކަލޭގެފާނު (ފުވައްމުލަކުން އެހެންމެފަހުން ކަލޭގެފާނުކަން ލިބުނު ދެ މީހުންގެ ތެރެއިން އެކެއް) އެތާގައި ހުންނަވައި މިއީ ގެންމިސްކިތު ވެޔޮ ހުރި ސަރަހައްދު ކަމުގައި ވިދާޅުވިއެވެ. އޭގެފަހުން ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ދަޑިމަގު އަވަށް ކުރިއަރުވާ ކޮމެޓީން އެތާގައި ހުރި ރުއްގަސް ކަނޑައި ކޮނެގެން ބެލިއިރު މަތީގައި ބަޔާންކުރި ވެޔޮ ވަނީ ފެނިފައެވެ.

ގެންމިސްކިތު ވަޅު

މި ވަޅު ހުންނަނީ އަޑީ ބައި ރަށުގެ އާނު ކަނޑައިގެން ހަދާފައެވެ. އެ ބައިގައި ތިން ފޫޓް ހަތް އިންޗި ހުރެއެވެ. އެބައި ހަދާފައި ހުރީ މިޑިވަތާއެކު (ތިލަވަތްގައު) ކަނޑައި ތިލަވަތް ގަލުން ބައެއް ތަޅާފައެވެ. މައްޗަށް ވެލި ގައު ކޮށައިމަށައިގެން ހަތަރު ކަނަށް ހަދާފައެވެ. މަތީބައި މިހާރު ހުރީ ސިމެންތިން ހަދާފައެވެ. މަތީގައި ހުންނަނީ ހަތަރު ފޫޓް ނުވަ އިންޗި ނުވަތަ ފަސް ފޫޓެވެ. މި ވަޅަކީ ރަށުގައި ހުރި ގިނަ ވަޅުތަކަށްވުރެ ފެން މީރު ވަޅެކެވެ.

މިސްކިތް ބެލެހެއްޓުން/ބަންގި ގޮވުން

ފުވައްމުލަކު ރައްޔިތުން އިސްލާމްވުމާ ގުޅިގެން ފުރަތަމަ އިމާރާތް ކުރެވުނު މިސްކިތްތައް ބެލެހެއްޓީ މިސްކިތް އިމާރާތް ކުރި ފަރާތުން އެ ފަރާތުގެ އާއިލާއިންނެވެ. މިކަން ފެށުނީ ހިޖުރީ ގޮތުން 555 ވަނައަހަރުގައެވެ. އޭގެ ފަހުން މަރުވާ މީހުން ވަޅުލަނީ މިސްކިތުގެ ގަބުރުސްތާނު ގައެވެ. މިސްކިތުގެ ގަބުރުސްތާނުގައި މީހަކު ވަޅުލުމަށް ރުކެއް ދޭން ޖެހެއެވެ. މި ރުކަށް ކިޔަނީ ކަށްވަތު ރުކެވެ. މިގޮތަށް ނެގުނު ރުއްތައް ފަހުން ވަނީ ބައި އަޅައި މިސްކިތްތަކުގެ މުދިމުންނަށް ބައެއް ދީގެން ބައްތި ދިއްލައި ބަންގި ގޮވުން ހަވާލުކޮށްފައެވެ. މިގޮތަށް ދެނީ 25 ރުކެވެ. މި ރުއްބަޔަށް ކިޔަނީ އަރާކަމު ރުއްބައެވެ.

މިގޮތަށް ބަންގި ދިނުމާއި ބައްތި ދިއްލުން ހަމަޖެއްސިނަމަވެސް މިސްކިތު ފަންގެލުމާއި ގޯތި ތެރެ ސާފު ކުރަނީ މިސްކިތު ބައިވެރިންނެވެ. އޭރު ރަށުގައި ހުރި ގެތައް ހުންނަނީ ރަށުގައި ހުރި މިސްކިތް މައްޗަށް ބަހާފައެވެ. މިސްކިތު ބައިވެރިން ނިކުމެ މިސްކިތްތަކުގެ ފާރު ރޭނީ 1965 ވަނަ އަހަރުގައެވެ. ގެންމިސްކިތުގެ ފާރަކީ އޭގެ ކުރިން ރާނާފައި ހުރި ފާރެކެވެ. 1975 ގައި ކުރިން އަރާކަމުރުއްބައި ވެސް ހިމެނޭ ގޮތަށް އޭރު ހުރި ހުރިހާ ކަށްވަތުރުއް ވަރުވާ ކުރުމުން މުދިމުންނަށް އެއްވެސް އެއްޗެއް ނުލިބި ބައްތި ދިއްލަމުން އައިސްފައިވެއެވެ. 1980 ވަނަ އަހަރު މުދިމަކަށް 10 ރުފިޔާގެ މުސާރައެއް ދޭންވަނީ ފަށާފައެވެ. އަދި ތިންފުޅި ކަރާސީނު ތެލަށް 10 ރުފިޔާ ހަމަޖެއްސިއެވެ. އެހެންކަމުން މުދިމަށް މަހަކު 20 ރުފިޔާ ވެރިންގެ އޮފީހުން ހަވާލު ކުރެއެވެ. 2021 ވަނަ އަހަރު ނިމުނުއިރު މުދިމެއްގެ އަސާސީ މުސާރައަކީ ފަސް ހާސް ހަ ސަތޭކަ ދިހަ ރުފިޔާއެވެ. މީގެ އިތުރުން ތަފާތު އިތުރު ގަޑިއާއި ބަންދު ދުވަހުގެ ފައިސާ ސަޕޯޓިންގ އެލަވަންސްފަދަ އެލަވަންސްތައް ލިބެއެވެ.

މިސްކިތް ބެލެހެއްޓުން

1988 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން މިސްކިތްތަކަށް މަސައްކަތު މީހުން ހަމަޖައްސަވަން ވަނީ ފަށާފައެވެ. މިގޮތުން ފުރަތަމަ މަސައްކަތު މީހަކު ހަމަޖެހުނީ މަސްޖިދުލް ފަލާހަށެވެ. ވަޒީފާ ލިބުނީ ހޯދަޑު ފެހިއަލި ހުސައިން އަހުމަދަށެވެ. އޭގެ ފަހުގެ އެކި ތާރީޚު ތަކުގައި މިސްކިތް ބަލަހައްޓާ މަސައްކަތު މީހުން ވަނީ ނަގާފައެވެ. ދެވަނަ މީހަކަށް ވަޒީފާ ލިބުނީ މާވާގޭ ހަސަންދީދީ އަށެވެ. ސަރުކާރުން މިސްކިތްތަކަށް މަސައްކަތު މީހުން ހަމަޖައްސަވަން އުސޫލެއް ވަނީ ހައްދަވާފައެވެ. އެ އެސޫލުގެ ތެރެއިން ކުޑަ މިސްކިތަކަށް މަސައްކަތު އެކަކު ލިބޭއިރު މަރުކަޒުނޫން މިސްކިތްތަކަށް ގިނަވެގެން ލިބުނީ ފަސް މީހުންނެވެ. ނަމަވެސް މި އުސޫލު ބަދަލުވިކަން އެންގެވުމެއް ނެތި 2016 ގައި ވަނީ މިސްކިތަށް މަސައްކަތު މުވައްޒަފުން ދިނުން ހުއްޓާލާފައެވެ. 2021 ވަނަ އަހަރު ނިމުނުއިރު މިސްކިތު މަސައްކަތު މީހެއްގެ އަސާސީ މުސާރަ އަކީ ތިންހާސް އެއްސަތޭ ރުފިޔާ އެވެ. މި މީހުނަށް ވެސް މަތީގައި ބަޔާން ކުރި އެލަވަންސްތައް ލިބެއެވެ.

ހަރިންމަ

ހަރިންމައަކީ މިސްކިތުގެ ގޯތިން ބޭރުގައި މިސްކިތަށް އުނދަގޫ ވާގޮތަށް އެއްވެސް އެއްޗެއް ނުހެއްދޭގޮތަށް ވަކިކޮށްފައި އޮންނަ 12 ރިޔަން (39 ފޫޓް) ގެ ސަރަހައްދަށް ކިޔާ ނަމެކެވެ. މިސްކިތުގެ ފާރާއި މާ ކައިރީގައި ރުއްގަސް ހެއްދެމުން ކަށްވަޅު ކޮންނަން އުނދަގޫވާތީ ދަޑިމަގު މިސްކިތު ހަރިންމާގައި މީހަކު އިންދި ރުކެއްވެސް ރައްޔިތުންގެ ރުކެއްކަމަށް އޭރުގެ ނާއިބު ދޫޑޭރެ އަލްމަރުޙޫމް ދޮންތުއްތުދީދީ ކަނޑައެޅުއްވިއެވެ. މިއީ އޭރު ރާއްޖޭގައި ތިއްބެވި އިލްމުވެރިންގެ ތެރެއިން އިލްމުވެރިއެކެވެ. މިއީ އިބުރާހީމް މަޖްދުއްދީނު (އިބުރާހީމް ފަނޑިޔާރު ތައްޙާނު) ގެ ދޮންމަނިކުގެ ދޮންތުއްތު ދީދީއެވެ.

ގެން މިސްކިތު ގޯތި

މި މިސްކިތުގެ ގޯތީގައި 19345 އަކަފޫޓް ހުންނައިރު ގަބުރުސްތާނުގައި 3190 އަކަފޫޓު ހުރެއެވެ. ފާއިތުވި ދެ ގަރުނެއްގެ ތެރޭގައި ވެސް މި ގަބުރުސްތާނުގައި މީހަކު ވަޅުލިކަން އެނގޭކަށެއް ނެތެވެ. މިލިޔުމަށް މަޢުލޫމާތު ހޯދީ އަލްމަރުޙޫމް އައްނާއިބު އަލްޙަތީބު އިބުރާހިމް ސައީދު މޫސާގެ އަރިހުންނާއި ދޮންބަގީޗާގޭ އަލިދީދީ އާއި އަލްމަރުހޫމް އެޅަތޮށިގޭ އަބުދުﷲ ދީދީގެ އަރިހުންނެވެ. އިތުރަށް ހުންނާނީ އަޅުގަނޑުގެ އަމިއްލަ މައުލޫމާތެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.