ޚަބަރު

މާލެ ސަރަހައްދު ބިނާކުރީ އެންމެންގެ ފައިސާއިން، ވަކިބަޔަކަށް އެބިން ދިނުން އިންސާފުވެރިއެއް ނޫން: ނާޒިމް

މުހައްމަދު އިޝާން

މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓް ލިބެންވާނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ތާޖުއްސީން ސްކޫލުގައި ރޭ ބޭއްވި އެމްއެންޕީގެ ގައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކައިގައި ނާޒިމް ވަނީ މަލޭ ސަރަހައްދުން ގޯއްޗާއި ފުލެޓު ދިނުމުގައި މާލޭ ރައްޔިތުންނަށް އިސްކަންދޭން ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތައް ފާޑު ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތަކީ ހަމައެކަނި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބޭނުމުގައި ކުރައްވާ މަސައްކަތަކަށްވެގެން ނުވާނެ ކަމަށެވެ.

"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ގެނެވޭ ހައްލަކީ ހަމައެކަނި މާލޭ ރައްޔިތުންނަށް ހާއްސަ ކޮށްގެން ގެނެވޭ މަސައްކަތެއް ކަމުގައި ވެގެނެއް ނުވާނެ. އެއީ އިސްލާހުކުރަން ޖެހޭ ވިސްނުމެއް" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް މާލޭ ރައްޔިތުންނަކީ ކޮބައިކަން ކަނޑައެޅިގެން ނުވާނެ ކަމަށެވެ. މާލޭ ރައްޔިތުންނަކީ ކޮބައިކަން އަސްލަމަށް ކަނޑައެޅިދާނެ ކަމަށް އެމްއެންޕީން ގަބޫލުނުކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މާލެ ރައްޔިތުންނަކީ ކޮބައިކަން ސަރުކާރަށް ވަކި މިނިސްޓަރުން ކަނޑައަޅަމުންދާ ތަންތަންވެސް މިއަދު އަޅުގަނޑުމެންނަށް އެބަފެނޭ. މީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއްނޫން، ރަށްވެހިކަމަކީ ވަޒީރުކަން ލިބުމުން ހިތުހުރިގޮތަކަށް ބޭނުންއިރަކު ބަދަލުކުރެވޭ އެއްޗެއް ކަމަށް ވެގެނެއް ނުވާނެ. އެ ބާރު އޮންނަންވާނީ ރައްޔިތު މީހާގެ އަތްމަތީގައި އެއީ އޭނާގެ އިހުތިޔާރީކަމެއް." ނާޒިމް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ދިވެހި ހުރިހާ ރައްޔިތުންގެ ހިއްސާ ހިމެނޭ ކަމަށާއި މާލޭ ސަރަހައްދު ބިނާކުރީ ހުރިހާ ރައްޔިތުންގެ ފައިސާއިންކަމަށް ނާޒިމް ވިދާޅުވިއެވެ. އިގްތިސޯދީ ގޮތުން ރާއްޖޭގެ އެންމެ އަގުބޮޑު ބިން ވަކި ރަށަކަށް ނިސްބަތްވާ މީހުންނަށް ހިލޭ ދިނުމަކީ އެހެން ރަށްރަށުގެ މީހުންނާމެދު ކުރެވޭ ބޭއިންސާފެއްކަމަށް ނާޒިމު ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ކަމަށެވެ. ސިޔާސީ ޕާޓީއަކުން ރައްޔިތުންނަށް ހިދުމަތް ކުރަންވާނީ ވެރިކަމަށް އަންނަ ހިސާބުން ނޫން ކަމަށް ނާޒިމް ވިދާޅުވީއެވެ. އެމްއެންޕީން މިހާރު އަންނަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އެޕާޓީން ގެންގުޅޭ ސިޔާސަތު އެކުލަވާލަން މަސައްކަތް ކުރައްވަމުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ ރައްޔިތުންގެ މަންދޫބުން ހިޔާރުކުރުމަށް ބާއްވާ އިންތިހާބުތަކުގައި ވާދަކުރުންކަމަށް ނާޒިމް ވިދާޅުވިއެވެ. ގިނަ ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަކުރާ ކަމަށާއި ނަމަވެސް އެއީ ފަރުދީ މައްސަލަ ހިމާޔަތްކުރަންކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެފަދަ ޕާޓީތަކުގައި ޒިންމާދާރުކަމެއް ނުހުންނާނެ ކަމަށެވެ.

އެމްއެންޕީން އަކީ އެފަދަ އެއްވެސް ސިފައެއް ގެންގުޅޭނެ ޕާޓީއެއް ނޫން ކަމަށާއި އެމްއެންޕީން އަންނަނީ އެހެން ޕާޓީތަކަށް ނަމޫނާ ދައްކައި އެޕާޓީތަކަށް ގޮންޖައްސަވަމުންކަމަށް ނާޒިމް ވިދާޅުވިއެވެ.