ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންގެ ވިސްނުމާއެކު ޗެމްޕިއަންސް ލީގާއި ޔޫރަޕްގެ އެހެން ބައެއް މުބާރާތްތަކުގެ ހާއްސަ މެޗުތައްވެސް އެ ބައްރުން ބޭރުގައި ކުޅުމަށް މަޝްވަރާ ކޮށްފިއެވެ.
ޔޫރަޕްގެ ކްލަބުތަކުގެ ވެރިން ނިސްބަތްވާ ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންސްގެ އާންމު ޖަލްސާ އިއްޔެ ތުރުކީގައި ވަނީ ނިންމާލައިފައެވެ. ތުރުކީގައި ބޭއްވި އެ ބައްދަލުވުމުގައި މިފަހަރުވެސް ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސްގެ ވެރިން ބައިވެރިވެފައެއް ނުވެއެވެ. ޕީއެސްޖީގެ ވެރިޔާ ނާސެރް އަލް ހެލައިފީގެ ރައީސް ކަމުގައި ހިންގަމުން އަންނަ ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންސްގެ ބައްދަލުވުމުގައި އެ ކްލަބުތަކުން ބައިވެރިވެފައި ނުވަނީ ސުޕަ ލީގުގެ މަސައްކަތް އަދިވެސް ކުރިއަށް ހިންގަން ބޭނުންވާތީއެވެ.
ޕީއެސްޖީގެ ވެރިޔާ ނާސެރް ވިދާޅުވީ ކްލަބުތަކުގެ ތެރެއިން ބާކީވެފައި ތިބި ކްލަބުތަކަށް މަޑުކޮށްގެން އެސޯސިއޭޝަން އޮންނަން ބޭނުން ނުވާ ކަމަށާއި، އެކްލަބުތަކާ ނުލައިވެސް އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.
ޔޫރަޕިއަން ކްލަބު އެސޯސިއޭޝަނުން ބުނެފައި ވަނީ ޔޫރަޕްގެ ފުޓުބޯޅައަށް ހެޔޮ ބަދަލުތައް ގެންނަން ކްލަބު ފުޓުބޯޅައިގައި އާ ވިސްނުންތަކަކަށް ދާން އަބަދުވެސް ވިސްނުން ބަހައްޓާނެ ކަމަށެވެ. ހަބަރުތައް ބުނެފައި ވަނީ ޔޫރަޕިއަން ކްލަބު އެސޯސިއޭޝަނުން ބޭނުން ވަނީ އެމެރިކާއާއި ޗައިނާގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ފަދަ މެޗުތައް ބާއްވަން ކަމަށެވެ.
އެހެން ނަމަވެސް އެ ވިސްނުމާ ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިން ވަނީ ދެކޮޅު ހަދައިފައެވެ.
"އަދި އެއްވެސް ކަމެއް، އެއްވެސް ގޮތަކަށް ނުނިންމަން. ކުރަމުން މިއަންނަ މަސައްކަތަކީ ތަފާތު ވިސްނުންތަކަށް ބަލައި، އެ ކަންކަމުގެ ސަބަބުން ފުޓުބޯޅައަށް ކުރާނެ އަސަރު ދެނެގަތުން،" ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންގެ ރައީސް ނާސެރު ވިދާޅުވިއެވެ.
ޔޫރަޕިއަން ކްލަބު އެސޯސިއޭޝަންގެ އާންމު ޖަލްސާއަށް ފަހު ވާހަކަ ދައްކަމުން އަޔެކްސްގެ ޗީފް އެޑްވިން ވެންޑާ ސާ ވިދާޅުވީ ޑޮމެސްޓިކް މެޗުތައްވެސް އެހެން ބައްރުތަކުގައި ކުޅުމަކީ ގޯސް ތަޖުރިބާއަކަށް ކުރިންވެސް ވެފައި ނުވާ ކަމަށާއި، އިޓަލިއަން ސުޕަ ކަޕްވެސް މީގެ ކުރިން ގަތަރާއި، ޗައިނާގެ އިތުރުން ސައުދީ އަރަބިޔާގައިވެސް ކުޅެފައިވާ ކަމަށެވެ. އަދި އެކަމުން އެގައުމުގެ ފުޓުބޯޅައަށް ބޮޑު އެކްސްޕޯޝާއެއް ލިބުނު ކަމަށްވެސް ވެންޑާ ސާ ފާހަގަކުރިއެވެ.
ޔޫރަޕިއަން ކްލަބު އެސޯސިއޭޝަނުން އިތުރަށް ފާހަގަކޮށްފައިވާ މާކެޓިން ކަންތައްތަކުގައި ދާދިފަހުން ފޯމިއުލާ ވަންއިން ނެޓްފްލިކްސްއާ ގުޅިގެން ހެދި "ޑަރައިވް ޓު ސާވައިވް" ގެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ. އެސޯސިއޭޝަނުން ބުނެފައި ވަނީ އޭގެން ހެޔޮ އަަސަރުތަކެއް ފޯމިއުލާ ވަންއިން ފެނުނު ކަމަށެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ