ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ޔާމީނުގެ މައްސަލަ ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ރިސޯޓެއް ގޮތުގައި ތަރައްގީކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅައި ނިންމައިފައެވެ. މިހާރު ކުރިއަށްދަނީ ޔާމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމުގެ މަރުހަލާއެވެ. އެންމެ ފަހުން ބޭއްވި ދެ ޝަރީއަތުގައި ވެސް ވަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގައިފައެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ޔޫސުފް ނައީމަށް ދައުލަތުން ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އޭނާގެ ޝަރީއަތްވެސް އާދިއްތަ ދުވަހުގެ ހެނދުނު 9:30 އަށް ކުރިމިނަލް ކޯޓްގައި ވަނީ ތާވަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު