މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑަށް 115.5 މިލިއަން ޕައުންޑްގެ ގެއްލުމެއް، މުސާރައިގެ ހަރަދު ބޮޑު

މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް 115.5 މިލިއަން ޕައުންޑްގެ ގެއްލުމެއް ވެފައިވާ ކަމަށް އެ ކްލަބުން އިއުލާނުކޮށްފިއެވެ.

ޔުނައިޓެޑުން އިއުލާނުކުރި ތަފާސްހިސާބު ދައްކާ ގޮތުން، އެ ކްލަބަށް ފައިދާ އިތުރުވި ނަމަވެސް، ޖުމުލަކޮށް މިދިޔަ ސީޒަނުގައި ވީ ގެއްލުމެވެ. ޔުނައިޓެޑުގެ އާމްދަނީ މިދިޔަ ސީޒަނުގައި 18 އިންސައްތައަށް އުފުލުނު އިރު، އެ ކްލަބަށް ވަނީ 583.2 ޕައުންޑުގެ އަދަދަކަށް ފައިސާ ވަދެފައެވެ.

ކްލަބަށް އެ އަދަދަށް ފައިސާ ވަން ނަމަވެސް ޖުމުލަ ގެއްލުން ވަނީ 514.9 މިލިއަން ޕައުންޑަށް އަރައިފައެވެ. އެއީ ކުރީ އަހަރުގައި އެ އަދަދު 419.5 މިލިއަން ޕައުންޑުގައި ހުރުމަށްފަހުއެވެ. އެހެންކަމުން މިދިޔަ ސީޒަނުގެ ގެއްލުމާއެކު ކްލަބުގެ ދަރަނި ވަނީ 22 އިންސައްތަ އިތުރު ވެފައެވެ.

ޔުނައިޓެޑަށް މިދިޔަ ސީޒަނުގެ ގެއްލުން ބޮޑުވެފައިވާ މައިގަނޑު އެއްސަބަބަކީ ކްލަބުން ކުޅުންތެރިންގެ މުސާރަތަކަށް ކުރާ ހޭދަ ބޮޑުވުމެވެ. ޔުނައިޓެޑުން މިދިޔަ ސީޒަނުގައި މުސާރައިގެ ގޮތުގައި 384.2 ޕައުންޑް ހޭދަކޮށްފައިވެއެވެ. އެއީ އޭގެ ކުރީ ސީޒަނަށްވުރެ 19.1 އިންސައްތަ އިތުރު އަދަދެކެވެ.

ޔުނައިޓެޑުން މުސާރައަށް އިތުރު ހޭދައެއް ކުރަން ޖެހިފައި ވަނީ އަލަށް ސުޕަސްޓާ ކުޅުންތެރިންތަކެއް ޓީމަށް ގެންދިޔުމުންނެވެ. އެގޮތުން މިދިޔަ ސީޒަނަށް އެ ކްލަބުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖޭޑަން ސަންޗޯ އަދި ރަފޭލް ވަރާންވެސް ކްލަބަށް ގެންގޮސްފައެވެ.

ޔުނައިޓެޑުން މިދިޔަ ސީޒަނުގައި މުސާރައިގެ ގޮތަށް ހޭދަކޮށްފައި އަދަދަކީ ޕްރިމިއާ ލީގުގެ ރެކޯޑުވެސް އަދަދެކެވެ. މީގެ ކުރިން އެއް ސީޒަނެއްގައި މުސާރައަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި އޮތީ މެންޗެސްޓާ ސިޓީންނެވެ. އެއީ ސީޒަނުގައި 335 މިލިއަން ޕައުންޑު މުސާރައަށް ދީގެންނެވެ.

އޭގެ އިތުރުން ކޯޗުންގެ ކަންކަމުގައިވެސް ޔުނައިޓެޑަށް ވަނީ ގެއްލުންތަކެއް ދައްކައިފައެވެ. އޮލެ ގުނަ ސޮލްޝެއާ 2021 ވަނަ އަހަރު ނޮވެންބަރު މަހު ފޮނުވާލުމަށާއި، ރާފް ރަންގްނެކް ވަގުތީ ގޮތުން ކްލަބަށް ގެންދިޔުމުގެ ކަންކަމަށް ގާތް ގަނޑަކަށް 24.7 މިލިއަން ޕައުންޑް ޔުނައިޓެޑުން ހޭދަކޮށްފައިވެއެވެ.