ލިއޮނެލް މެސީ

މެސީ ބާސާގައި މަޑުކުރަން ކުރި ޑިމާންޑްތަކެއް ލީކު ކޮށްލި ނޫހަކަށް ފިޔަވަޅު އަޅަނީ

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، 2021 ވަނަ އަހަރު ބާސެލޯނާގައި މަޑުކުރުމަށް ކޮށްފައިވާ ޑިމާންޑްތައް އެނގޭނެ ލިޔުމެއް ލީކު ކޮށްލި މައްސަލައިގައި ގާނޫނީ ފިޔަވަޅުތައް އަޅަން ތައްޔާރުވާ ކަމަށް ކްލަބުން ބުނެފިއެވެ.

ބާސާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕެއިންގެ ނޫހެއް ކަމަށްވާ "އަލް މުންޑޯ"އިން އިއްޔެ ލީކު ކޮށްލާފައި ވަނީ އެ ކްލަބުގެ އެތެރޭގައި މިހާރު ކުރިއަށްދާ އިންކުއަރީއަކަށް އަސަރުތަކެއް ކުރާނެ މައުލޫމާތުތަކެއް ކަމަށެވެ. އެ މައުލޫމަތަކީ ސައްހަ މައުލޫމާތެއް ތޯ، ނުވަތަ ނޫންތޯ އަދި ސާފުކޮށް ބުނަން ނޭނގެނީސް، އާންމުނަށް އޮޅުން އަރާނެ ގޮތަކަށް މުހިއްމު ލިޔެކިޔުންތަކެއް ލީކު ކޮށްލުމަކީ ކްލަބުގެ ނަމަށް ކިލަނބުކަން ލިބި، ކުރިއަށް އޮތް ތަހުގީގުތަކަށްވެސް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

އަލް މުންޑޯއިން އިއްޔެ ލީކު ކޮށްލި މައުލޫމާތުގައި އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވަނީ މެސީއާއި ބާސާއާ 2021 ވަނަ އަހަރު ދެކެވިފައިވާ ވާހަކަތަކަކަށެވެ. އަލް މުންޑޯއިން ބުނެފައި ވަނީ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން މެސީ ބާސާގައި މަޑުކުރަން އާދަޔާހިލާފު ޑިމާންޑްތަކެއް ކުރި ކަމަށެވެ.

އެގޮތުން ބާސާއާއެކު މެސީ އެއްބަސްވާން ބޭނުންވީ 10،000 ޔޫރޯގެ ބައި އައުޓް ކްލޯސްއެއް އެއްބަސްވުމުގައި ހިމަނަން ކަމަށްވެސް އެ ޑޮކިމަންޓްތަކުގައިވެއެވެ. އޭގެ އިތުރުން މެސީއާއި އޭނާގެ އެކުވެރި ލުއިސް ޝުއަރޭޒްގެ އާއިލާއަށް އަބަދުވެސް ބާސާ ދަނޑުގެ ވީއައިޕީ ބޮކްސްއިން ވަކިތަނެއް ހާއްސަ ކުރުމަށް މެސީ އެދިފައިވާ ކަމަށްވެސް އެ ލިޔުންތަކުގައިވެއެވެ. އޭގެ އިތުރުން މެސީގެ ބޭބެ ރޮޑްރީގޯއަށް، ބާސާގެ އެޖެންޓެއްގެ ގޮތުގައި ކުރި މަސައްކަތަށް ކޮމިޝަން ބެކް ޑޭޓްކޮށް ދޭން މެސީ އެދުނު ކަމަށްވެސް އަލް މުންޑޯއިން ބުނެފައިވެއެވެ.

އެ ވާހަކަތަކަކީ ހަގީގަތެއްކަން ޔަގީން ކުރެވޭނެ އެއްވެސް އުސޫލެއް ނެތް ކަމަށް ބާސާއިން ވަނީ ބުނެފައެވެ. އެހެންކަމުން އަލް މުންޑޯ ގޮވައިގެން ކޯޓަށް ދެވޭނެ ގޮތެއް ލޯޔަރުން އެކުގައި ހޯދާނެ ކަމަށްވެސް ބާސާއިން ބުނެފައިވެއެވެ.

ބާސާ ދޫކޮށް 2021 ވަނަ އަހަރު މެސީ ދިޔައީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ބާސާ ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެން ކަމަށް ބުނެފައިވެއެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް އޭރު ބުނެފައި ވަނީ ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.

މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ.