Close
ޚަބަރު

ނިހާނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހާޒިރުވާން ކޯޓުން އަންގައިފި ނަމަ ޕީޖީ ޝަމީމު ހާޒިރުވާނެ: ޝަފީއު

އިބްރާހިމް ޒަކީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިންގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ހުށަހަޅާފައިވާއިރު، ކުރިމިނަލް ކޯޓުން އަންގައިފި ނަމަ، ނިހާނުގެ ދިފާސީ ހެއްކެއްގެ ގޮތުގައި ޝަމީމު ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް، ޕީޖީ އޮފީހުން ބުނެފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މީގެ އިރުކޮޅެއް ކުރިން ވަން އަށް ވިދާޅުވީ، އެ މައްސަލައިގައި ނިހާނުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޝަމީމުގެ ނަން ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ކޯޓުން އެންގެވުމުން ދިފާއީ ހެއްކެއްގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް، ޝަމީމު ވަޑައިގަންނަވާނެ،" ޝަފީއު ވިދާޅުވިއެވެ.

ނިހާނުގެ މައްސަލައާ ގުޅިގެން މިމަހު 15 ގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ޕީޖީ ޝަމީމުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ވެސް ނިހާނުގެ ދިފާއީ ހެކިންގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފައެވެ.

ނަމަވެސް ނިހާނުގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ނަން ހުށަހެޅި ނަމަވެސް އެ ބޭފުޅުންގެ ނަން ކޯޓުން ބަލައެއް ނުގަތެވެ.

ޕީޕީއެމަށް ނިސްބަތްވާ ކުރި އާއި މިހާރުގެ ބައެއް މަޖިލިސް މެންބަރުންވެސް ނިހާންގެ ދިފާއީ ހެކިންގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފައެވެ.

އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާއު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕީޖީން ބުނެފައި ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.