ޚަބަރު

ރިޔާސީ އިންތިހާބުގައި ތާއީދުކުރާނީ ރައީސް ސޯލިހަށް: އާޒިމް

މުހައްމަދު އިޝާން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއިދުކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް "ސޯސަލް" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، ރައީސް ސޯލިހަކީ ވަރަށް އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރައްވާ ވެރިއެއް ކަމަށެވެ. އަދި ރައީސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވަނީ ހިތުގެ އަޑިން، ކުރާ ހިތުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން އެންމެ ގިނަ ޕްރޮޖެކްޓްސް ހިންގާފައިވަނީ ރައީސް ސޯލިހުގެ ދައުރުގައި ކަމަށާއި އެއިން ކޮންމެ ޕްރޮޖްކެޓެއްގެ މަސައްކަތް ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ރައީސް އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހުގެ ފަދަ މަސައްކަތްތެރި ރައީސަކު އަދި ފެނިފައިނުވާ ކަމަށެއެވެ.

"އެހެންވީމާ އަޅުގަނޑު ގަސްދުކުރާ ގޮތުގައި އަޅުގަނޑު ދެން އަންނަ ރިޔާސީ އިންތިހާބުގައި ހުންނާނީ ރައީސް ސޯލިހާ އެއްކޮށް،" އާޒިމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރައްވާކަން އާޒިމް ހާމަކުރެއްވި އިރު، އޭނާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. ޖުމްހޫރީ ޕާޓީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ހާމަކޮށްފައެވެ. އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އާޒިމް ހަމަޖެއްސީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެހުންނަވައިގެން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ. އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އެޕާޓީގެ ރައީސް އަދި އާޒިމްގެ ބޭބެ ނާޒިމެވެ.