ކުރިއަށް އޮތް ވޯލްޑް ކަޕަށް އެކަށީގެންވާ ވަރަކަށް ތައްޔާރުވެވި، ރަނގަޅު ފިޓްނަސްއެއްގައި ހުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ބޭލް، ނުވަ އަހަރަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލީ މިއަހަރު ޖޫން މަހުގެ ތެރޭގައެވެ. ޓީމުން ފުރުސަތު ނުލިބޭތީ ރެއާލް ދޫކޮށްލި ބޭލް މިވަގުތު ކުޅެމުން އަންނަނީ އެމެރިކާގެ ލޮސް އެންޖެލެސް އެފްސީއަށެވެ. އެކްލަބާއެކު އަދި ފުލް މެޗެއް ނުކުޅެ ހުރި ނަމަވެސް، ބޭލް އަންނަނީ މަޑުމަޑުން ފިޓްނަސް ރަނގަޅު ކުރަމުންނެވެ.
"ލޮސް އެންޖެލެސްގައި މިހުރީ ވަރަށް ހިތްހަމަޖެހިފަ. ސަޕޯޓަރުންގެ ހިތްވަރު ބަލައިގަންނަން. ސަޕޯޓަރުން އަހަންނާމެދު ވަރަށް ބޮޑަށް ކެތްތެރިކަން ބަހައްޓާ. އެހެންވެ ޕްރެޝަރު ކުޑަވެ، އަހަންނަށް އަނެއްކާވެސް ފުޓުބޯޅައިގެ ހިތްހަމަ ޖެހުމާއި އުފާވެރިކަން އަތުވެއްޖެ،" ބޭލް ބުންޏެވެ.
ބޭލް ބުނެފައި ވަނީ ކުރީގެ ކޮންފިޑެންސް އަނބުރާ އަންނަމުންދާ ކަމަށާއި، އާއިލާވެސް ލޮސް އެންޖެލެސްއަށް ހޭނި މިހާރު ދިރިއުޅުންވެސް ހަމައަކަށް އެޅިފައިވާ ކަމަށެވެ.
"އާއިލާވެސް އެލްއޭއަށް ހޭނި މިހާރު ހަމަ ޖެހިއްޖެ. އެއީ ފޯކަސް ރަނގަޅު ކުރުމަށް މުހިންމުކަމެއް. އަހަރެން މިހާރު މިދަނީ ދުވަހެއް ދުވަހަކަށް އިމްޕްރޫވްވަމުން. ހަށިގަނޑަށްވެސް ބަދަލުތަކެއް އެބަ ގެންނަން. އެގޮތުން މީހާ އިތުރަށް ވަރުގަދަވެ، ފިޓްވަމުން މިދަނީ. އެހެންވީމަ އެމެރިކާ ލީގަށްފަހު ދެން ފޯކަސް އެއްކޮށް ގެންގުޅޭނީ ވޭލްސްއާއެކު ވޯލްޑް ކަޕުގައި ތަފާތު ދެއްކުމަށް،" ބޭލް ބުންޏެވެ.
ބޭލް ޓޮޓެންހަމްއިން ރެއާލްއަށް ގޮސް، ފުރަތަމަ ކޮޅުގައި ތަފާތު މޮޅު ކުޅުމެއް ދެއްކިއެވެ. ރެއާލްއިން ދުނިޔޭގެ ރެކޯޑު 85 މިލިއަން ޕައުންޑުގެ އަގަކަށް 2013 ވަނަ އަހަރު ބޭލް ގެންދިޔައީ ފޯމުގައި ހުއްޓައެވެ. ފުރަތަމަ ކޮޅުގައި ބޭލް ފޯމު ރަނގަޅު ނަމަވެސް، ފަހުން އޭނާ ފެނުނީ ވަރަށް ބޮޑަށް މާޔޫސީ ކޮށެވެ. ފުރުސަތު ގެއްލި، ފޯމުވެސް ގެއްލިފައި ހުރުމުން ބޭލްގެ ފިޓްނަސް ގެއްލުނުކަންވެސް ފާހަގަވިއެވެ.
އޭރުވެސް ބޭލްގެ އެންމެ ބޮޑު ތަފާތަކަށް ފެނުނީ ގައުމީ ޓީމަށް މުހިއްމު ގޯލުތައް ޖަހައިދިނުމާއި ގައުމީ ޓީމުގެ ކުޅުމެވެ. މިހާތަނަށް ގައުމީ ޓީމަށް 106 މެޗުން ރެކޯޑު 40 ގޯލު ޖަހައިދީފައިވާ ބޭލް ވަނީ މިދިޔަ އަހަރުގެ ޔޫރޯގައިވެސް ވޭލްސް ޓީމަށް މުހިއްމު ކުޅުމެއް ކުޅެފައެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ޔޫރޯގެ ސެމީ ފައިނަލަށް ދިޔަ ޔޫރޯ ޓީމުގެ ތަރިއަކީވެސް ބޭލްއެވެ.
އެއާއެކު 58 އަހަރަށްފަހު ވޭލްސް ވޯލްޑް ކަޕަށް ގެންގޮސް ދިނުމުގެ އެންމެ މުހިއްމު ގޯލު، މިފަހަރުގެ ކޮލިފިކޭޝަން ޕްލޭ އޮފް މެޗުގައި ޔޫކްރެއިން ކޮޅަށް ޖަހައިދިނީވެސް ބޭލްއެވެ.
ބޭލް މިހާތަނަށް އެލްއޭ އެފްސީއަށް 11 މެޗެއް ކުޅުނު އިރު، ފެށީ ދެމެޗުގައެވެ. އެ ޓީމުގެ މެޗެއްގައި ބޭލް އަދި ފުލް 90 މިނެޓް ކުޅެފައި ނުވި ނަމަވެސް، ވޯލްޑް ކަޕަށް އެކަށީގެންވާ ފެންވަރެއްގައި ފިޓްނަސް ހުންނާނެ ކަމަށް ބޭލް ބުންޏެވެ.
ވޭލްސްއާއެކު ނޭޝަންސް ލީގުގައި ބޭލް މާދަމާ ރޭ ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނެއެވެ. އޭގެ އިތުރުން އަދި މި ބްރޭކްގައި ނޭޝަންސް ލީގު މެޗެއްގައި ވޭލްސްއިން ޕޮލެންޑާ ދެކޮޅަށްވެސް ކުޅޭނެއެވެ.