ޚަބަރު

ނިލަންދޫ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެންދެން ހިދުމަތް ލިބޭ ގޮތް ވަނީ ހަދައިފަ: ފެނަކަ

އިބްރާހިމް ޒަކީ

ފ. ނިލަންދޫ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެންދެން، ރައްޔިތުންނަށް ތަކުލީފެއް ނެތި ހިދުމަތް ލިބޭ ގޮތް މިހާރު ހަދާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިހެން ބުނީ، ނިލަންދޫގެ ނަރުދަމާގެ ނިޒާމު ހަލާކުވެ، ނަޖިސް ފެންތައް ރަށުތެރެއަށް ދައުރުވަމުން ދާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، އެކަމަށް ހައްލު ހޯދައި ދިނުމަށް އެދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެން ފެނަކައިގެ ބޭފުޅުން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

ކޮމިޓީގެ މި މިއަދުގެ ބައްދަލުވުމުގައި ނިލަންދޫ ނަރުދަމާ ނިޒާމުގެ ހުރި ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ، ނިލަންދޫއަކީ 2500 މީހުން ދިރިއުޅޭ ދ. އަތޮޅާއި އ. އަތޮޅުގެ ދެކުނު ބިތުގެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ރަށެއް ކަމަށެވެ. އަތޮޅުގެ ކުރިމަގަށް ބަލާއިރު އަތޮޅުގެ 40 އިންސައްތަ ހިއްސާ ކުރަނީ ނިލަންދޫ ކަމަށާއި މެދު ރާއްޖެތެރޭގައި ހިމެނޭ ސަރުކާރުގެ ވަސީލަތްތައް އެންމެ ގިނަ ރަށަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް 2007 ވަނަ އަހަރުގައި ޔުނޮކްސްގެ އެހީގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރި އިރު، ނިލަންދުއަކީ އޭގެ ތެރެއިން އެއް ސަރަހައްދު ކަމަށެވެ. ނަމަވެސް އެ ރަށުގެ ނަރުދަމާ ސިސްޓަމް 2019 ވަނަ އަހަރާ ހަމައަށް މަރާމާތު ކުރަމުން އައީ ރައްޔިތުން ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އެރަށުގެ ނަރުދަމާގެ ނިޒާމު ބެލެހެއްޓޭނެ ގޮތެއްނެތި، އެ ނިޒާމު ފެއިލްވެފައިވާ މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ހުށަހަޅައިގެންވެސް ހައްލު ނުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރަށު ރައްޔިތުން ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ނަޖިހުގެ ތެރޭގައި ކަމަށާއި މުޅި ރަށުތެރެއަށް ނަޖިސް ފެތުރި ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އޮތް އެރަށުގެ ވެކިއުމް ސިސްޓަމް ގްރެވިޓީ ސިސްޓަމަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލް ރައީސްގެ ވާހަކަތަކާ ގުޅިގެން، އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފެނަކައިގެ ޗީފް ސާވިސް އޮފިސަރު އަފްސަރު ހަލީމް ވިދާޅުވީ، އެ ނިޒާމު ރަނގަޅު ކުރުމަށް 2019 ވަނަ އަހަރު ފެނަކައާ ހަވާލުކުރި އިރު، ހާލަތު އެގޮތަށް އޮތް ނަމަވެސް މިހާރު އެކަން އޮތީ އެހާލަތުގައި ނޫން ކަމަށެވެ.

އެގޮތުން އެ ނިޒާމަށް ދާއިމީ ހަލެއް ގެނެވެންދެން، އެ މައްސަލަ ހައްލު ކުރަން ހަވާލުކުރި އިރު، ހުރި މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ތަކުލީފެއްނެތި މިހާރު އެ ނިޒާމުގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވެހިކަލް ތަކެއް ބޭނުންކޮށްގެން ފެނައިން ކުރި މަސައްކަތުން ނަތީޖާއެއް ނުކުމެފައިނުވާ ކަމަށް ރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވާތީ، ހަލީމް ވިދާޅުވީ ވެހިކަލެއް ބޭނުންކޮށްގެން ކުރީ ޓެކްނިކަލް މަސައްކަތްތަކެއް ކަމަށެވެ. އަދި ނިލަންދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ބޭނުންވާ ސާވޭކޮށް، މިހާރު އޮތް ނަރުދަމާ ނިޒާމު ގާއިމުކުރި ކުންފުންޏާ ވާހަކަ ދައްކައިގެން ޕްރޮޕޯސަލް ހަދައި، އަގުތަކެއް ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިވަގުތައް އެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމުން އަގު ކުޑަކުރުމަށް އެ ފަރާތާ އެކު ނެގޯޝިއޭޓު ކުރަމުންދާ ކަމަށާއި އެކަން ނިމުމުން އެ ނިޒާމަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.