ޚަބަރު

ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓް ޝަރީއަތަށް ގަބޫލުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

އިބްރާހިމް ޒަކީ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މަޝްހޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ބޭންކް ސްޓޭޓްމަންޓަކީ ޝަރީއަތަށް ގަބޫލު ކުރެވޭނެ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ޕެސްޓާ އެކު އިތުރު ބަޔަކު 13 ފެބުރުއަރީ 2021 ދުވަހު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި އެ މީހުންނާ ގުޅުންހުރި މއ. ވީމާ ގޭގެ ގްރައުންޑް، ފަސްޓް، ސެކަންޑް، ތާޑް އަދި ފޯތް ފްލޯ އާއި އަދިވެސް އެމީހުންނާ ގުޅުންހުރި ތަންތަނުގައި ބޭނުންކޮށް ގެންގުޅެ އަދި އެތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅޭ މައްސަލައެކެވެ.

އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާވެސް ކޮށްފައިވެއެވެ.

ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އިބުތިދާއީ މަރުހަލާގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދިން ފުރުސަތުގައި، ޕެސްޓުގެ ފަރާތުން ފަސް ހުށަހެޅުމެއް ހުށަޅާފައިވެއެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން، އެއް ހުށަހެޅުމަކީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ އެކައުންޓް ސްޓޭޓް މަންޓްތަކަކީ ޝަރީއަތަށް ގަބޫލު ކުރެވޭނެ ހެކިތަކެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

އެ ހުށަހެޅުމާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމާފައި ވަނީ، ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ދޫކުރެވޭނީ އެކައުންޓުގެ ވެރިފަރާތުގެ ނަމާއި އެކައުންޓު ނަމްބަރު ފަދަ މައުލޫމާތު ކަމަށާއި އެކައުންޓުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލު ދޫކުރެވޭނީ ޖިނާއީ އިޖުރާއަތު ގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ އެކައުންޓް ސްޓޭޓްމަންޓްތަކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ސްޓޭޓްމަންޓަކަށް ވާތީ އެ ސްޓޭޓްމަންޓް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ނިންމާފައި ވަނީ، ބޭންކިންއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާގައި ކަސްޓަމަރުންގެ އެކައުންޓުތަކާ ބެހޭ "އެއްވެސް މައުލޫމާތެއް" މިހެން ބަޔާންކޮށްފައި އޮތުމުން، އޭގެ ތެރޭގައި އެކައުންޓް ސްޓޭޓްމަންޓް ހިމޭނޭނެ ކަމަށާއި މި މައްސަލައިގައި ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެކައުންޓް ސްޓޭޓްމަންޓަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ސްޓޭޓްމަންޓްތަކަކަށް ވާތީ އެ ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމަކީ ހައިކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައާ ގުޅިގެން ނިންމި ނިންމުމެކެވެ.

ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުގައި ވަނީ، ޕެސްޓުގެ ބޭންކު ސްޓޭޓްމަންޓަކީ ގާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ކަމަށް ހައިކޯޓުން ކަނޑައަޅާފައި އޮތް އޮތުން ބާތިލު ކަމަށް ކަނޑައަޅާ ކަމަށާއި އަދި އެ ބޭންކު ސްޓޭޓްމެންޓަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެކިކަމަށް ކަނޑައަޅާ ކަމަށެވެ.