ރިޕޯޓް

އިރުފާނުގެ ފަހު ވަގުތުކޮޅު: "ފެރީގައި ވަރަށް މަޖާކޮށް ސަކަރާތްޖެހި، މޫދުން ނެގިއިރު ނޭވާލި، ވިންދުވެސް ހުރި"

ރިފާ ހަލީލު

"ފެރީގަ އެހާ ޖެއްސުންކޮށް އެހާ އަނގަތަޅާ މަޖާކުރި. ގެމަނަފުއްޓަށް ވަންނަން ދިޔައިރު ދިރުނބާކޮޅުގަ ފެރީގަ ކުރޫއާ ވާހަކަ ދައްކަން ހުރީ. ކުރޫ އެތެރެއަށް ވަންނަމުން ބުނި އަޑު އިވޭ އެތެރެއަށް އަންނާށޭ. އެތެރެއަށް އަންނަން ކައްޕިއާ ވީ ފަޅިއަށް އެނބުރުނުތަނާ އެސޮރު ވެއްޓުނީ."

މިއީ އިއްޔެ ގދ. ތިނަދޫ އިން ފުރައިގެން ގއ. ގެމަނަފުއްޓާއި އެ އަތޮޅު ކަނޑުހުޅުދޫ އަށް ދަތުރުކުރި އަތޮޅުފެރީން މޫދަށް ވެއްޓި މަރުވި ޒުވާނާގެ ވާހަކަ ފެރީ ދުއްވަން އިން ސުލައިމާން އާރިފް "ވަން" އާ ހިއްސާކުރަމުން ފެށިގޮތެވެ.

މޫދަށް ވެއްޓި މަރުވީ ކަނޑުހުޅުދޫ، ހީނާމާގެ އުމުރުން 25 އަހަރުގެ އިރުފާން އަލީއެވެ.

ސުލައިމާން ބުނީ މޫދަށް އިރުފާން ވެއްޓުމާއެކު ފެރީގައި ތިބި ދެ މީހަކު މޫދަށް ފުއްމާލައިގެން އޭނާ ނެގި ކަމަށެވެ. އަދި އެއީ މޫދަށް ވެއްޓުނުތާ ދެ މިނިޓުވެސް ނުވަނީސް ކަމަށާއި ފެރީއަށް އިރުފާން ނެގުމާއެކު ކޭޝިއަރަކަށް ހުރި މީހާ އާއި އޭނާއާ ދެމީހުންވެގެން ޕަންޕު ކުރި ކަމަށް ބުންޏެވެ.

"އޭރު ނޭވާލި. ވިންދުވެސް ހުރި. ފިޓުޖެހިގެން އެސޮރު (އިރުފާން) މޫދަށް ވެއްޓުނީ. ފެރީއަށް ނަގައިގެން ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔުމަށް ނަގާނީ ފަސް ވަރަކަށް މިނިޓު. މަރުވީ މަރުކަޒަށް ގެންދިޔަ މަގުމަތީގަ." ހާދިސާ ހިނގި ގޮތް ހިއްސާކުރަމުން އޭނާ ބުންޏެވެ.

ސުލައިމާން ބުނީ އިރުފާނަކީ ވަރަށް ގާތް މީހެއް ކަމަށެވެ. އިއްޔެ ތިނަދޫން ފެރީއަށް އެރިފަހުން ވަރަށް ބޮޑަށް ސަކަރާތްޖަހައި ވާހަކަ ދައްކާ ހެދި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް އޭނާ ބުންޏެވެ.

"އަދިވެސް ހަމަޔަކަށް ނޭޅިގެން މިއުޅެނީ. ލޯ ކުރިމަތީގަ އެހާ ގާތްކޮށް އުޅުނު ކުއްޖަކު ވަކިވެގެންދިޔައީމަ. ވަރަށް ދެރަވޭ. ގަބޫލު ކުރަންވެސް ދަތިވޭ." އަސަރާއެކު އޭނާ ބުންޏެވެ.

ގެމަނަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އިރުފާން އެ މަރުކަޒަށް ގެންދިޔައިރިވެސް މަރުވެފައިވާ ކަމަށެވެ. މަރުވީ ގެނބިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ އޭނާ ވަނީ ވިދާޅުވެފައެވެ.

އިރުފާނުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ކަނޑުހުޅުދޫއަށް ގެންގޮސް ރޭ ދަންވަރު ވަނީ ޖަނާޒާ ބާއްވައިފައެވެ.

ކަނޑުހުޅުދޫ ކައުންސިލް ރައީސް ތޯރިގް އަފީފް އިރުފާން ސިފަ ކުރެއްވީ ރަށުގެ ހުރިހާ އެންމެނާވެސް ގުޅޭ އަހުލާގު ރަނގަޅު ކިޔަމަންތެރި ރަށުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވާ ޒުވާނެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ އިރުފާނަކީ އަބަދުވެސް ފިޓު ޖެހޭ މީހެއް ކަމަށާއި އިއްޔެ މަރުވީވެސް އެކަމަށް ފަރުވާ ހޯދުމަށް މީގެ ދެތިން ދުވަސް ކުރިން ތިނަދުއަށް ގޮސް އެނބުރި ރަށަށް އައި މަގުމަތީގައި ކަމަށެވެ.

އިރުފާނުގެ ގާތް މީހަކު "ވަން"އަށް މިއަދު ބުނީ ގެއްލިގެން ދިޔައީ ހެޔޮލަފާ ރަނގަޅު ރައްޓެއްސެއް ކަމަށެވެ.

"ގަބޫލުކުރަންވެސް ދަތި. އިރުފާނު ކުއްލިއަކަށް ވަކިވީމަ ވަރަށް ދެރަވި. އެއީ މީހަކަށް ލިބޭނެ ހެޔޮ ރައްޓެއްސެއް. ވަރަށް ރަނގަޅު ވާނެ. އެންމެނާވެސް ވަރަށް ގުޅޭނެ. އިރުފާނު ވަކިވީމާ މުޅި ރަށް ހިތާމަކުރޭ." އޭނާ ބުންޏެވެ.

އިރުފާނުގެ އާއިލާގެ ހާލަތު މިވަގުތު އެހާ ރަނގަޅެއް ނޫނެވެ. އެއީ އެއްބަނޑު އެއްބަފާ ހަ ކުދިންގެ ތެރެއިން ތިން ވަނައަށް އެންމެ ހަގު މީހާއެވެ.

ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ އިރުފާން މަސައްކަތް ކުރަމުންދިޔައީ ކަނޑުހުޅުދޫ ފެނަކަ ބުރާންޗުގައެވެ. އެކުގައި މަސައްކަތް ކުރާ މީހުން ބުނީ އެއީ ހީވާގި، މަސައްކަތަށް ފަރުވާތެރި މީހެއް ކަމަށެވެ. ފިޓުޖެހުން ފިޔަވައި އިތުރު އެއްވެސް ސިއްހީ މައްސަލައެއް ހުރިކަން އެނގިފައި ނުވާކަމަށް އޭނާގެ ގާތް މީހުންނާއި އެކުގައި މަސައްކަތް ކުރާ މީހުންވެސް ވަނީ ބުނެފައެވެ.