ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދރ. 1326، ހަސަން ޔާސީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައިފިއެވެ.
މި މައްސަލާގައި ދައުލަތުން ޔާސީންގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރަނީ އޭނާގެ ފޯނުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދައްކުވައިދޭ ފޮޓޯ، ވީޑިއޯ އަދި ލިޔުންތަކެއް ފެނިފައިވާތީއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބައެވެ. އެގޮތުން ދިފާއުން ހަތަރު ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެ ހުށަހެޅުންތަކަށް ދައުލަތުން ވަނީ ރައްދުދީފައެވެ.
މި މައްސަލާގައި ދިފާއުގެ ފުރަތަމަ ހުށަހެޅުމަކީ މި މައްސަލާގައި ކޮށްފައިވާ ދައުވާއާ ގުޅިގެން ތަހުގީގުގައި ސުވާލުކޮށްފައި ނުވާ ކަމަށާއި ގާނޫނީ އިންޒާރުގައިވެސް އެ ވާހަކަތައް ނުހިމެނޭ ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ 6 މެއި 2021 ގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކަމަށާއި ތަހުގީގުގައި ބަޔާން ނަގާފައިވަނީވެސް އެ ތުހުމަތާ ގުޅިގެން ކަމަށް ދިފާއުން ބުންޏެވެ.
އެ ހުށަހެޅުމަށް ރައްދުދެމުން ދައުލަތުން ވަނީ ޔާސީން ހައްޔަރުކުރި އިރު، އޭނާއަށް ތުހުމަތުކޮށްފައިވާ ކަންކަން އިތުރަށް ސާފުކޮށްދީފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމާއި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި ހަރުކަށި ފިކުރު ފެތުރުމަށް ކްލާސްތައް ނަގައިދިނުމާއި ޖިހާދަށް މީހުން ފޮނުވުމަށް މަސައްކަތްކުރުމާ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ޓެރަރިޒަމްގެ ހަމަލާތައް ރޭވުމުގެ ތުހުމަތުތައް ހިމެނޭ ކަމަށް ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުޅާވި ވަރަކަށް އެކަންކަމާ ގުޅިގެން ސުވާލުކޮށްފައިވާކަން ލިޔެކިއުންތަކުން އެނގޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ދެވަނަ ހުށަހެޅުމެއްގެ ގޮތުން ދިފާއުން ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ މާއްދާގެ ދަށުން ވަކި ހެކިތަކެއް ޝަރީއަތަށް ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ. ދިފާއުން ބުނެފައިވާ ގޮތުގައި، ޔާސީން ގެންގުޅުނު ސެމްސަންގް ބްރޭންޑްގެ ފޯނުން ފެނިފައިވާ ތަކެއްޗަކީ ޑިލީޓްކޮށްފައިވާ ތަކެއްޗެވެ. އަދި އެއީ އެހެން މީހަކު ފޮނުވާފައިވާ ތަކެތި ކަމަށްވެސް ބުނެފައިވެއެވެ.
އެކަމަށް ރައްދުދެމުން ދައުލަތުން ބުނީ، ޔާސީންގެ ފޯނު ތަހުލީލުކޮށް ތައްޔާރުކޮށްފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލައި އިރު، ދައުލަތުގެ ދައުވާއާ ގުޅޭ ކަންކަން ސާބިތުކޮށްދެވޭނެ ކަމަށާއި އެގޮތުން އޭނާގެ ފޯނުގައި ހަރުކަށިފިކުރާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ހުރި ކަމަށެވެ. އަދި އެ ފޮޓޯތަކާއި ވީޑިއޯތަކަަކީ އެ ފޯނުގައި ސޭވްކޮށްފައިވާ އެއްޗެހި ކަމަށްވެސް ބުންޏެވެ.
ތިން ވަނަ ހުށަހެޅުމާއި ހަތަރު ވަނަ ހުށަހެޅުންވެސް ދިފާއުން ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ހ)ގެ ހަ ވަނަ މާއްދާގެ ދަށުންނެވެ. އެއީ މި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކާއި ދައުވާއާ ގުޅޭ ގޮތް ސާފުނުވާތީ ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނުކަން ބަޔާންކޮށް ހުށަހެޅި ހުށަހެޅުމަކާއި މި މައްސަލައިގައި ދައުލަތުން ކިތާބީ ހެކި ހާމަކޮށްފައިވާ ގޮތުން، މި މައްސަލައިގެ ދައުވާއިން ދިފާއުވުމުގެ ފުރުސަތު ހަނިވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.
އެ ދެ ހުށަހެޅުމަށް ރައްދުދެމުން ދައުލަތުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވި ތާރީހުތަކާއެކު އެ މައްސަލައިގެ ދިފާއީ ހެކި ހުށަހަޅަން 8 މަސް ދުވަސް ދިފާއަށް ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެ މުއްދަތުގައިވެސް ދިފާއުން މަސައްކަތްކުރީ ދައުވާއާ ނުގުޅޭ ވާހަކަތަކެއް ދެއްކުމަށް ކަމަށް ބުންޏެވެ.
ދިފާއުގެ ހުށަހެޅުންތައް ހުށަހެޅުމަށްފަހު ޝަރީއަތުން ދިން ފުރުސަތުގައި ދައުލަތުން ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާ މެދު ގޮތެއް ނިންމަވައިދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ އަރިހުން އެދިފައެވެ.
ނަމަވެސް ސިއްރު ހެކީންގެ ތަފުސީލު ދިފާއުއަށް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ދިފާއުން ފާޅުކުރުމުން ގާޒީ ހަސަން ސައީދު ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ ފޯމުން ހެކިވެރިޔާގެ ވަނަވަރު އުނިކުރުމަށްފަހު ދެ ދުވަހުގެ ތެރޭގައި އަލުން ހުށަހަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
މި މައްސަލާގައި ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގޮތް ނިންމުމެވެ. އެ އަޑުއެހުން އޮންނާނީ 13 އޮކްޓޯބަރު 2022 ގެ ހެނދުނު 11:00 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު