ޚަބަރު

ފެނަކައަށް 17.8 މިލިއަން ދޭން ޝަރޫއަށް އެންގީ ރަނގަޅަށް، އެއަށް ޑިރެކްޓަރުން ޒިންމާވާން ޖެހޭނެ: ސުޕްރީމް ކޯޓް

އިބްރާހިމް ޒަކީ

ޝަރޫ ލޯންޗް ސާވިސް އަތުން 1.1 މިލިއަން ޑޮލަރު ގަތުމަށްޓަކައި އެ ކުންފުންޏަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދެއްކި 17.8 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ފެނަކައަށް ދެއްކުމަށް ހައިކޯޓުން ހުކުމްކުރީ ރަނގަޅަށް ކަމަށާއި އެ ފައިސާއަށް ކުންފުނީގެ ޑިރެކްޓަރުން ޒިންމާވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ފެނަކައަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން އެ ކުންފުނިން ޝަރޫއަށް 17.8 މިލިއަން ރުފިޔާ ދެއްކިޔަސް، އެ ފައިސާ ފެނަކައަށް ދީފައިނުވާތީ އަނބުރާ ފައިސާ ހޯދުމަށް ފެނަކައިން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

އެ މައްސަލާގައި ފެނަކައަށް ފައިސާ އަނބުރާ ދައްކަން ޝަރޫގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ހުކުމްކުރިއެވެ. ނަމަވެސް ޝަރޫގެ ޑިރެކްޓަރުން އެކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް އެ ހުކުމުގައި ކަނޑައެޅި ބައި ފެނަކައިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި 2021 ވަނަ އަހަރުގެ މާޗް މަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ ކުންފުނިތަކަކީ ޑިރެކްޓަރުންނާ ވަކިން އޮންނަ ވަކި ގާނޫނީ ޝަހުސަކަށް ވިޔަސް، ކުންފުނިތައް ނިވައިފަތްގަނޑަކަށް ބޭނުންކޮށްގެން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައި ބުނާ ކަމަށެވެ.

ޝަރޫއަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކަށްވާއިރު، ޑޮލަރު ވިއްކުމަށްޓަކައި ފައިސާ ނެގުމަށްފަހު ޑޮލަރު ނުލިބި އަދި ދިވެހި ފައިސާވެސް އަނބުރާ ފެނަކައަށް ދީފައިނުވާ ކަމުގެ ޒިންމާ އޭރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިި ސަބާހް އަހުމަދާއި މުހައްމަދު މުޝްތާގުގެ އިތުރުން ޝަރުމީލާ ޒުބައިރު އުފުލަން ޖެހޭނެ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. އެހެންކަމުން އެ ފައިސާ ތިން މަސް ތެރޭގައި ކޯޓަށް ދައްކަން ޝަރޫ ކުންފުންޏާއި އެ ތިން މީހުންނަށް އަންގައި ހައިކޯޓުން އަމުރުކުރިއެވެ.

ނަމަވެސް އެ ފައިސާއަށް ކުންފުނީގެ ޑައިރެކްޓަރުން ޒިންމާވާންޖެހޭނެ ކަމަށް ކޮށްފައިވާ ހައިކޯޓްގެ ހުކުމަކީ ކުންފުންޏާ ބެހޭ ގާނޫނުގައި ބުނާ ގާނޫނީ ހަމައާ ހިލާފު އަދި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކައް ރިއާޔަތްނުކޮށް އެ ހަމަތަކާ ހިލާފަށް އަދި ކޯޓުތަކުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ޝަރޫގެ ޑިރެކްޓަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު، ސުޕްރީމް ކޯޓުން މީގެ އިރުކޮޅެއް ކުރިން ކުރި ހުކުމުގައި ވަނީ އެ ގަޒިއްޔާގައި ހިމެނޭ ފައިސާއަށް ޝަރޫ ލޯންޗް ސާވިސް ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުން ވަކިވަކިން އަދި އެކުގައި ޝަހުސީގޮތުން ޒިންމާވާންޖެހޭނެ ކަަމަށް ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.