ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ޝެރިފް ޓިރަސްޕޯލް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޔުނައިޓެޑުން ރޭ ކުޅުނު ގްރޫޕް އީގެ މެޗުގައި ޝެރިފް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފައި އޮވެގެންނެވެ. ޔުނައިޓެޑުން އެ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ރެއާލް ސޮސިއެދާދު އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރޭ ސޮސިއެދާދުން ކުޅުނު މެޗުގައި އޮމޯނިއާ ނިކޯސިއާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑް ހިމެނޭ ގްރޫޕް އީގެ އެއްވަނައިގައި މިވަގުތު ސޮސިއެދާދު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، ތިންވަނައިގައި އޮތީ ޝެރިފެވެ. ޝެރިފުން ވަނީ ފުރަތަމަ މެޗުގައި އޮމޯނިއޯ ނިކޯސިއާ ބަލިކޮށްފައެވެ.

ރޭ މޮލްޑޯވާގައި ކުޅުނު މެޗަށް އެރިކް ޓެން ހާގު ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައެވެ. ސީޒަންގެ ކުރިން ކްލަބު ބަދަލުކުރުމަށް ރޮނާލްޑޯ މަސައްކަތް ކޮށްފައިވާ އިރު، އޭނާ އަށް އެކަށީގެންވާ ވަރަށް އަދި މެޗުތަކުން ފުރުސަތުވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް ޔޫރޮޕާ ލީގުގައި މިހާތަނަށް ޔުނައިޓެޑުން ކުޅުނު ދެ މެޗުގައިވެސް ރޮނާލްޑޯ ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ގޯލު ޖަހައިފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނަގައި ރަނގަޅު ޕާސިން ކުޅުމަކަށްފަހު ޖޯޑަން ސަންޗޯއެވެ. ސަންޗޯގެ ގޯލަށް ފުރުސަތު ތަނަވަސްކުރީ ކްރިސްޓިއަން އެރިކްސަންއެވެ. ޔުނައިޓެޑުން ޖެހި ދެވަނަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ.

އެ ޕެނަލްޓީއަކީ ޑިއޭގޯ ޑަލޮޓަށް އޭރިއާ ތެރެއިން ޝެރިފްގެ ޑިފެންޑަރު ކުރި ފައުލެކެވެ. ރޮނާލްޑޯ ކެރިއަރުގައި މިހާރު 699 ކްލަބު ގޯލު ޖަހާފައިވާ އިރު، ރޭގެ މެޗުގައި ޖެހި ގޯލަކީ ޔޫރޮޕާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. 2002 ވަނަ އަހަރު ސްޕޯޓިންއަށް ކުޅެން ފެށި ރޮނާލްޑޯގެ ކެރިއަރުގައި މި ސީޒަނާ ހަމައަށް އައިރު، ޗެމްޕިއަންސް ލީގުގައި ގެއްލިފައި ވަނީ އަދި މި ސީޒަނުގައި އެކަންޏެވެ. އޭނާއަކީ ޗެމްޕިއަންސް ލީގުގެ ރެކޯޑު ގޯލު ޖެހުންތެރިޔާވެސް މެއެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައި އިރު، ރޯމާއިން ވަނީ 3-0 އިން އެޗްޖޭކޭ ބަލިކޮށްފައެވެ. އަދި ރެއާލް ބެޓިސްއިން 3-2 އިން ލުޑޮގޮރެސްޓް ބަލިކޮށްފައިވެއެވެ.