ރިޕޯޓް

އެފްއޭއެމްގެ ފައިސާގެ "ބަހަނާ"އަށް ނިމުމެއްނައި، ގޯލުފުނި ތަކާއެކު ދިވެހި ފުޓުބޯޅައިގެ ޖީލުތަކެއް ގެއްލިދަނީ

މުޙައްމަދު ޝަމްޢޫން

ނަތީޖާތަކުން މާޔޫސްވެއްޖެއެވެ. ބަލިވުން ގޯހަކީ ނޫނެވެ. ފަރަގު ކުޑަކުރަން ކުރެވުނު އުންމީދަށް އަދިވެސް އަމަލީ ސިފައެއް ނުޖެހޭތީ ކަންބޮޑުވަނީއެވެ. ޓީމުތަކެއް ތައްޔާރުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ "އަދި އަހަރުތަކެއް ފަހުން" ކަމަށް ބުނެ އަތް އުރާލުން އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ހިސާބަށް ހިނގައްޖެއެވެ. ބޭރުގެ މުބާރާތްތަކަކީ ހަމައެކަނި ތަޖުރިބާކަމަށް ބަލައިގެން ތިއްބާ، ސަރަހައްދީ އެހެން ގައުމުތައް ފުޓުބޯޅައިގައި ރާއްޖެ ޖަހާލަނީއެވެ. އެ މަންޒަރަށް ނުބަލައި، ބީރު ކަންފަތެއް ދީގެން ހަމަ ތިބެންވީތޯ، އެއީ ކުރެވޭނެ ސުވާލެކެވެ.

ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ ނަތީޖާތަކަށްވެސް ހިތްހަމަ ޖައްސާލެވޭކަށް ނެތެވެ. ޒުވާން ޓީމުތަކަށްވެސް ވަކި ހައްލެއް ނެތެވެ. އަދި ކީތޯއެވެ. އަންހެން ޓީމުގެ ނަތީޖާތަކަށްވެސް ކަންބޮޑުވާން ޖެހިއްޖެއެވެ. ސާފުކޮށްލަދޭނަމެވެ. ކުޅުންތެރިންނާއި ކޯޗުން ގޯހީކީ ނޫނެވެ. ވަކިމީހަކަށް އިނގިލި ދިއްކޮށް، ގޯސްކުރަނީކީވެސް ނޫނެވެ. އަދި މިދިޔަ މަހެއްހާ ދުވަހު ހަބަރުތަކުން ފެނުނު ތަފާތު ބޮޑު ނަތީޖާތަކަށް ފާޑުކިޔަނީއެއްވެސް ނޫނެވެ. ދައްކަން މި ޖެހެނީ އަބަދުމެ ތަކުރާރުކޮށް ދައްކާ، ސިސްޓަމެއް ނެތުމުގެ ވާހަކައެވެ. ޖީލެއް ބިނާކުރަން އަދިވެސް ނުކުޅެދިފައި ތިބި ވާހަކައެވެ. މުބާރާތްތަކަށް ތައްޔާރު ނުވެވޭ ވާހަކައެވެ. ގިނަ ފަހަރަށް ޖެހެނީ ނުފޯރާ ފޮތިން ފޫގަޅާށެވެ.

ދާދިފަހުން ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމުން ސާފު ޗެމްޕިއަންޝިޕް ނިންމާލީ ގޯލެއް ނުޖެހި ބޮޑެތި ބަލިތަކަކާ ކުރިމަތިލައިގެންނެވެ. ޒުވާން ކުޅުންތެރިންގެ ހިތްވަރާއި، ކުރި މަސައްކަތް ހަނދާން ނެތެނީކީ ނޫނެވެ: އެހެން ނަމަވެސް އެ ނަތީޖާތައް އެއީ އެކަށޭނެ ނަތީޖާތަކެއް ނޫނެވެ. ޒުވާން 20 އަހަރުން ދަށުގެ ގައުމީ ޓީމުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ނިންމާލީވެސް ބޮޑެތި ބަލިތަކަކުންނެވެ. ޒުވާން 17 އަހަރުން ދަށުގެ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ގޮސްވެސް ނިންމާލަން ޖެހުނީ ހުސް ބަލިންނެވެ.

ހަމަ އަނެއްކާވެސް ފާހަގަކޮށްލަމެވެ. ކޯޗުންނާއި ކުޅުންތެރިންގެ ގޯހަކުން އެކަންޏެއް ނޫނެވެ. ސިސްޓަމުގެ މައްސަލަ ހުރިހާ ޓީމަކަށްވެސް އައީއެވެ. ނަތީޖާތަކުން ބުނެދެނީ ބިނާކުރަނިވި، އަމަލީ މަސައްކަތްތަކެއް ކުރުމަށް ސްޓޭކް ހޯލްޑަރުންނާއެކު މަސައްކަތް ކުރަން އެފްއޭއެމްވެސް ފެއިލްވި ކަމުގެ ސިގްނަލެއް ނޫންތޯއެވެ.

ތައްޔާރު ނުވެވި އޮތުން، ފައިސާގެ ވާހަކަ!

ޒުވާން ޓީމަކަށް، އަންހެން ޓީމަކަށް، އަދި މިހާރު ގިނަ ފަހަރު ސީނިއާ ޓީމަށްވެސް މުބާރާތްތަކާއި، މެޗުތަކާ ކުރިމަތިލާން ޖެހެނީ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވިއެވެ. ކްލަބުތަކުގެ ހާލަތު ގޯސްވުމުން ސީޒަން ތެރެއިން މެދުކަނޑާލައި، އެއްވެސް ގައުމީ ޓީމަކަށް ފަރިތަކުރަން ވަގުތެއް ނުލިބެއެވެ. ހާއްސަކޮށް ޒުވާން ހުނަރުތައް އޮތް އަތޮޅު ތެރޭގައި، ޒުވާން ކުޅުންތެރިންގެ މުބާރާތެއް، އިންޓަ ސްކޫލް މުބާރާތެއްވެސް އެކަށީގެންވާ ގޮތެއްގައެއް ނުބޭއްވެއެވެ.

ބަލައިލަން ހިނގާށެވެ. އަންހެން ފުޓުބޯޅަ ޓީމު މުބާރާތަށް ދިޔައީ ހަމަ އޮވެފައި ސްކޮޑެއް ނަގައިގެން ފަރިތަކޮށްގެންނެވެ. ލީގެއް ނެތެވެ. އަންހެން މުބާރާތްތަކުގެ ސިލްސިލާއެއް ފެށި ނަމަވެސް، އެ ފެއިލް ވެއްޖެއެވެ. އަންހެން މުބާރާތްތަކުގެ ފުރަތަމަ މުބާރާތްވެސް ޅ. އަތޮޅުގައި އެކަނި ކުޅެ ޖެހުނީ ނިންމާލާށެވެ. އަަންހެން ޓީމަށް ޓާގެޓްކޮށް ގެނައި ކޯޗު، ސާބިއާގެ ޔޫއެފާ ޕްރޯ ލައިސަންސް ކޯޗެއް ކަމަށްވާ ޑޭވޯ ބާބާއަށް މުސާރަ ނުދޭތީ އެއްބަސްވުން އުވާލައި، އޭނާ މިހާރު ވަނީ ފީފާއަށް ގޮސް މައްސަލަވެސް ކާމިޔާބު ކޮށްފައެވެ. ޓީމު ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)ގެ ކޯޗުކަމުގައެވެ.

"އަންހެން ސާފް ޗެމްޕިއަންޝިޕްގައި އުނދަގޫތަކެއް ހުރެދާނެ. އަންހެން ގައުމީ ޓީމުގެ ވެސް ފަރިތަކުރުންތައް އެ ދަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން. ދެން، އެފްއޭގެ މާލީ ދަތިތަކާ ހުރެ ތަންކޮޅެއް އުނދަގޫ ދުވަސްތަކެއް ކުރިއަށް މިދަނީ، އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ލިބެން ހުރި އެންމެ ރަނގަޅު ކޯޗުންނާ އެކު، ފަރިތަކުރުންތައް ފެށިގެން ކުރިއަށްއެދަނީ،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަންހެން ޓީމު ސާފަށް ދިޔުމުގެ ކުރިން ވިދާޅުވިއެވެ.

އެ ތައްޔާރީތައް ނުވެވި ދިޔަ އަންހެން ޓީމަށް ކުރިމަތިވީ މާޔޫސްކަމެވެ. ސެމީގެ ޓާގެޓްގައި ދިޔަ ނަމަވެސް، ނިންމާލަން ޖެހުނީ ގްރޫޕް ފުލުންނެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ އަންހެން ލީގެއް ނެތުން. މިއަހަރުވެސް އަންހެން މުބާރާތްތަކެއް ބާއްވަން ޕްލޭން ކުރެވުނު. ޅ. އަތޮޅުގައި އެކަނި ބޭއްވުނީ. އަންހެން ޓީމުތަކަށް އަޅައިލަންވެސް ބޭނުންވޭ. ފީފާގެ އެހީއާއެކު ސްޓްރެޖެޓިކް ޕްލޭނެއްވެސް ކޮށް ކުރިއަށް އިޕްލިމެންޓް ކުރާ ހިސާބަށް ނިމިފަ އޮތީ. ފީފާއިން އެޕްރޫވަލް ދީގެން އެކަން ކުރިއަށް ހިނގާނެ. ފާހަގަކޮށްލަން ބޭނުންވޭ ސީދާ ޕްރޮޖެކްޓަށް މިހާރު ފީފާއިން ފައިސާ ދެނީ. އެހެންވީމާ ފައިސާގެ ކަންކަންވެސް އުނދަގޫ. ހާއްސަކޮށް އެފްއޭއެމްއަށް ދިމާވި މާލީ ހާލަތުގެ ސަބަބުން އުނދަގޫތަކެއް ހުރޭ،" މިފަހަރު އަންހެން ޓީމުގެ ކޯޗުކަމުގައި ދިޔަ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޑުންގާ "ވަން" އަށް ބުންޏެވެ.

އަންހެން ލީގެއް ނެތި އެކުލަވާލި ޓީމަކުން ވަގުތީ ގޮތުން ކުރި ބުރަ މަސައްކަތެއްގައި ކުޅުންތެރިން ނޭޕަލުގައި މުބާރާތަށް ނުކުމެ ކުރީ ހިތްވަރެވެ. އެހެން ނަމަވެސް ހަގީގީ މަންޒަރު އޮތީ ގައުމުގައެވެ. ގައުމީ ފުޓުބޯޅަ އިދާރާގެ ބެލުމުގެ ދަށުން އަންހެން ޓީމަށް ދެވޭ އެއްވެސް ސަމާލުކަމެއް ނެތްކަން ހިތާމައާއެކު ފާހަގަކުރަން ޖެހެއެވެ.

ބިންގާ އަޅަނީ އެކަޑެމީތަކުން، އެފްއޭއެމްގެ ސްކޫލްވެސް ނުހިނގާ

އެކަޑެމީތަކުން، އެ އެކަޑެމީތަކުގެ ހާލަތުގައި އަތޮޅު ތެރެއިން ކުޅުންތެރިން ގެނެސް ޔޫތު ޗެމްޕިއަންޝިޕްގައިވެސް ކުޅުވިއެވެ. އެއީ ގައުމީ ޒުވާން ޓީމުތަކަށް ޓެލެންޓް ހޯދަން އޮތް ހަމައެކަނި ޕޫލުވެސް މެއެވެ. އެކަމަކު އެވިސްނުން ގޯސްކަން މުޅި ރާއްޖެއަށް އެނގޭކަން ޔަގީނެވެ. ހުނަރުވެރި ކުޅުންތެރިން ސްކައުޓް ކުރެވޭނެ މާހައުލަކަށް މިސްރާބު ހިފާފައިވެސް، އެކަން ފެއިލްވެއްޖެއެވެ. އަތޮޅު ތެރޭގައި ދަނޑުތައް ހަދައި، ރާއްޖޭގައި ބޮޑު ބިޔަ ފުޓުބޯޅަ ޕްރޮޖެކްޓެއް ޖައްސަން ކުރި މަސައްކަތް އަދިވެސް ކާމިޔާބެއް ނޫނެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް އަމާޒުކޮށް ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ފުޓްބޯޅަ އެޑިއުކޭޝަން ކްލަބާއެކު އެފްއޭއެމުން އެއްބަސްވުމަކަށް އައިސްފައިވަނީ މިދިޔަ އަހަރުއެވެ. އެއެއްބަސްވުމުގެ މަސައްކަތުގައި ވާގޮތުން 18 އެކަޑެމީއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރަން އިއުލާނުކުރިއެވެ. އޭގެތެރޭގައި ހުޅުމާލޭގެ ފުޓުބޯޅަ ސްކޫލުގައި ހައި ޕާފޮމަންސް ތަމްރީނުތައް ކުރިއަށް ގެންދިޔުންވެސް ހިމެނެއެވެ. އެކަމަކު ސަލްގާޑޯގެ ކޯޗުން އައިސް ބައެއް ކޯޗުން ތަމްރީނުކޮށް، މިހާރު ޕްރޮޖެކްޓް އޮތީ ހުއްޓުމެއްގައެވެ.

"ސަލްގާޑޯއާ ހަވާލުކުރި ޕްރޮޖެކްޓްގައި ކޯޗުން މިކޮޅަށް އައިސް، ކޯޗުން ތަމްރީނުކޮށްފަ މިހާރު އޮތީ. އަށް ސަރަހައްދެއްގައި ކުރިއަށް ދާނެ ގޮތަށް އެ ރާވާފައި ވަނީ. އެކަމަކު މިހާރު އޮތީ ހުއްޓިފައި. އެފްއޭގެ ޕްރޮޖެކްޓެއް އެއީ. އެކަމަކު އެ ހުރިހާ ކަމަކަށް ފަންޑް ކުރަން ޖެހެނީ އެފްއޭ. އެހެންވެ ކުރިއަށް ގެންދަން ދަތިތައް ދިމާވެފަ އޮތީ. ދެން އެލީޓް ސްކޫލް އަދި ނުނިމޭ. ފައިނޭންޝިއަލީ ހަމަ އެކަންވެސް ހުއްޓިފައި މިއޮތީ،" ޓެކްނިކަލް ޑިރެކްޓަރު ޑުންގާ ބުންޏެވެ.

ގްރާސް ރޫޓެއް ނެތެވެ. އެއީ އެންމެ ބޮޑު މާޔޫސްކަމެވެ. އެފްއޭއެމްއިން ގްރާސް ރޫޓަށް ދޭ އަހައްމިއްޔަތު ކަމެއްވެސް ނުފެނެއެވެ.

"މި ވަގުތު ގްރާސް ރޫޓްގެ މަސައްކަތްތަކަކަށް ކެޕޭސިޓީއެއް ނެތް. ބިންގާ ރަނގަޅުކުރަން ޖެހޭކަން ޔަގީން. ނަގަން ޖެހިފައިވާ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ މިހާރު ފުޓުބޯޅަ މި އޮތީވެސް. ސްޓޭކް ހޯލްޑާސް ގައުމީ ފެންވަރެއްގަ ވިސްނަން ޖެހޭ ކަމެއް މިއީ. މި މަސައްކަތް ކުރަން ޖެހޭނީ އެންމެން އެއްކޮށް،" ޑުންގާ ބުންޏެވެ.

އެންމެ ކުޑަކުދިންގެ ބިންގާ ނެތްތަނުގައި އޭގެ މަތިން 17 އަހަރުން ދަށާއި، 20 އަހަރުން ދަށަށްވެސް މާ ބޮޑު "އޮޕްޝަން"އެއް ރާއްޖޭގެ ފުޓުބޯޅައިގައި ނެތެވެ. ހަގީގަތަށް ބުނާނަމަ، ލީގުގެ ޓީމެއްގެ ފަރިތަކުރާ، ނުވަތަ ކުޅޭ ކުއްޖެއް ފިޔަވަައި އެހެން ކުއްޖަކަށް، ހުނަރު ދައްކާލާނެ ޕްލެޓްފޯމެއްވެސް ތައާރަފު ކުރެވިފައި ނެތްތަން ދައްކާނެއެވެ.

އިންޓަނޭޝަނަލް ބޮޑެތި މުބާރާތްތަކަށް ދިޔުމުގެ ކުރީން ގައުމީ ލެވެލެއްގައި ޒުވާން ޓީމުތަކަށްވެސް ކުޅެވޭނެ މާހައުލެއް ޔަގީނުންވެސް ބޭނުންވެއެވެ. ފައިނޭންޝިއަލް ހާލަތުގެ "ބޮލަށް" ކަނޑާލައި، މުބާރާތްތަކެއް ނުބާއްވައި ޒުވާން ޓީމުތަކަށް ހަގީގަތުގައި ކުރިމަގެއް ނެތެވެ. އަތޮޅު ތެރޭގައި ކޯޗުންނާއި ރެފްރީންގެ އިތުރުން ޓެކްނިކަލް ބަޔަކު ބިނާ ނުކޮށް، ޓެލެންޓް ހޯދޭނެ ފެންވަރުގެ މުބާރާތްތައް ބޭއްވޭކަށްވެސް ނެތެވެ. ފުރަތަމަ ގްރާސް ރޫޓުގެ ކަންކަމަށް ނުވިސްނައި ކުރިމަގުގެ މަންޒަރު ކުރަހަން މަސައްކަތް ކުރާނެ ގޮތެއް ނުވެސް ވިސްނެއެވެ.

"ރަށްރަށުގައި ޓެލެންޓް އެބަހުރި. އެކަން ޖެހޭ ހޯދަން. އެ ޗެލެންޖު ނަގައިގެން އެކަން ކުރަން އަހަރެން މަސައްކަތް ކުރާނަން. އެންމެ މުހިއްމު ކަމަކީ އެކަޑެމީތައް (ސްކޫލްތައް) ތައާރަފު ކުރުން. މިއަހަރު 18 އެކަޑެމީއެއް މި ފަށަނީ. އެއީ ޓެލެންޓް ހޯދޭނެ ގޮތަކީ،"
މިޝޭލް ސަލްގާޑޯ 2021 ވަނަ އަހަރު ބުނެފައިވޭ

ފައިސާގެ ވާހަކަ ބަހަނާއަކަށް ވެއްޖެ، އެކަމުގައި ޖީލެއް ބިނާކުރަން ނުކުޅެދިފައި؟

ފައިނޭންޝިއަލް ހާލަތަށް ބަލާއިރު އެފްއޭގައި ދުވަހުން ދުވަހަށް ކަންކަން ހިންގާނެ މާލީ ފެންވަރުވެސް ނެތްކަން ބައެއް ހާލަތްތަކުން ހީވާކަހަލައެވެ. އެއީ ހިތްދަތި ކަމެއް ނަމަވެސް، އެއީ އަބަދު އެވާހަކަ ދައްކައިގެން ތިބެވޭނެ ބަހަނާއެއްވެސް ނުމެ ނޫންމެއެވެ. ފުޓުބޯޅައިގެ ޖީލުތަކެއް ގެއްލިގެން ދަނީއެވެ. ފުޓުބޯޅައިގައި އެހެން ހުރިހާ ގައުމަކުން ރާއްޖެއަށް ހުނި ޖަހައި އަރައިގެން ދަނީއެވެ. އެއީ މީގެ އަހަރުތަކެއް ކުރީންވެސް ރާއްޖެއަށްވުރެ މާ ފަހަތުގައި އޮތް ގައުމުތަކެވެ. އެތައް އަހަރެން ވާންދެން ރާއްޖެއަތުން މޮޅު ނުވެވި އޮތް ގައުމުތަކެވެ.

"ކުޅިވަރަކަށް ކުރިއެރުން އަންނާނީ އެކަމަކަށް ވަގުތު ދީގެން. ޕްރޮފެޝަނަލީ އެކަން ކުރެވޭނީ އެކަށީގެންވާ ވަރަށް ފައިސާވެސް ހުރެގެން. އެކްސްޕެންޑިޗާ ޕްލޭނެއް ހަދައިގެން ފައިސާ ވަންނާނެ ގޮތެއް ހޯދަން ޖެހޭ. ފަންޑިން ހޯދާނެ ގޮތެއް ބަލަން ޖެހޭ. ލެވަރޭޖެއް ގެންނާނެ ގޮތެއްވެސް ހޯދަން ޖެހޭ. ހުރިހާ އެންމެންނަށްވެސް އެނގެންވާނެ. ލިބޭ އެއްޗަކަށް ބަލައިގެން ހަރަދު ކުރެވެން އެނގެން ޖެހޭނެ،" ކުރިން ރާއްޖޭގެ ގައުމީ ޓީމަށް ކުޅެ، އަދި މިހާރުވެސް ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ކޯޗު، މުހައްމަދު މައުރޫފް (މާއްޓޭ) "ވަން" އަށް ބުންޏެވެ.

މާއްޓޭގެ ނަޒަރުގައި ފައިސާގެ ހާލަތު ރަނގަޅު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި އެފްއޭއެމްއިން ފައިސާގެ މެނޭޖުމަންޓަށް ފޯކަސް ކުރަން ޖެހޭ ކަން ފާހަގަކޮށް މާއްޓޭ ބުނީ ގާބިލު ފަރާތްތަކެއް ތިބި ކަމަށްވެސް ގަބޫލުކުރާ ކަމަށެވެ.

އެފްއޭއެމްގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއެވެ. މިއަހަރު އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 80.4 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ސްޕޮންސަރުންގެ އަތުންނެވެ. ސްޕޮންސަރުންގެ އަތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީފާއިން ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ 24.3 މިލިއަން ރުފިޔާއެވެ. އޭއެފްސީން 6.2 މިލިއަން ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ އިރު، ސަރުކާރުން އެފްއޭއެމަށް ދޭނެކަމަށް އޮތީ 3.7 މިލިއަން ރުފިޔާއެވެ.

އެފްއޭއެމަށް 80.4 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވިފައިވާ އިރު، ހަރަދުގެ ގޮތުގައި 88.9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ބަޖެޓުކޮށްފައެވެ.

"ނިމިގެން މިދިޔައީ ދަތި އުނދަގޫ އަހަރެއް. 2021 ވެގެން ދިޔައީ ކޮވިޑާ ގުޅިގެން ވަރަށް އުނދަގޫ ކަންތައްތަކެއް ދިމާވި އަހަރަކަށް. ހާއްސަކޮށް މުބާރާތްތައް ނުބޭއްވި ނިންމާލަން ޖެހުމަކީ ސްޕޮންސާޝިޕްތައް އިތުރަށް ހޯދަންވެސް އުނދަގޫތަކަކާ ދިމާވި. އޭރު އެފްއޭ ސަލާމަތްކުރާށޭ ކިޔާފަ މުސާރަތައް އުނިކޮށް، ފައިސާގެ ގޮތުން ފިޔަވަޅުތަކެއް އެޅިނަމަ ގިނަ ބަޔަކަށް ދަތިތަކާ ދިމާވީސް. އެކަމަކު އޭރު އެކަން ނުކުރީމަ ފައިސާގެ ގޮތުން ތަންކޮޅެއް ދަތި ހާލަތެއްގައި މިއަދު މިއޮތީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިއަދުގެ ކޮންގްރެސް ނިމި، އުންމީދުގަ މިއޮތީ އަންނަ ހަފުތާއިން ފެށިގެން އެފްއޭ ވަރަށް ފައިނޭންޝިއަލް ވަރުގަދަ ތަނަކަށް ވާނެކަން. ދަރަނީގެ ބޮޑު ބައެއްވެސް މިހާރު ދައްކާ ނިމިފަ ވަނީ،" ބައްސާމް މިއަހަރު ޖޫން މަހުގެ ކޮންގްރެސްއަށްފަހު ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް އެ ހާލަތު އަދި ރަނގަޅު ނުވާކަން މަންޒަރުތަކުން ސިފަވެއެވެ. ހާލަތު ރަނގަޅަވުމަކަށް މަޑުކުރުމަށްވުރެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް "އެކުގައި" ވިސްނުމެއް ގެންނަން ޖެހެއެވެ. އެފޭއޭއެމްގެ ބަލަދުވެރި ފަރާތްތަކުން ނަތީޖާތަކުގެ އެސެސްމަންޓް ރިވިއުކޮށް، ޓެކްނިކަލީ ހުރިހާ ސްޓޭކް ހޯލްޑަރުން ބައިވެރިކުރުވަން މަޖުބޫރު ވެއްޖެއެވެ.

"ޔޫތު ޓީމުތަކުން ނެރޭ ނަތީޖާއަކީ ރިފްލެކްޝަން އޮފް ހައު ސީނިއާ ނެޝަނަލް ޓީމު ވިލްބީ އިން ފައިވް އޯ ސިކްސް އިޔާސް. މީގެ ފަސް ވަރަކަށް އަހަރު ފަހުން ސީނިއާ ނޭޝަނަލް ޓީމު އޮންނާނެ ގޮތް އެ ދައްކުވައިދެނީ. ނަތީޖާއަށް ވިސްނަން ޖެހޭ. އެކަމަކު އެއަށްވުރެ ބޮޑަށް ދުރު ރާސްތާ ކަންކަމަށް ވިސްނަން ޖެހޭ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުން ފެށިގެންވެސް އެބަޖެހޭ ރިވިއުކޮށްފަ އެކަން ކުރިއެރުވެން އޮތް ގޮތެއް ދައްކުވައިދޭން. ޗެލެންޖުތައް ބަލައި ރިވިއުއެއް ކުރަން އެބަޖެހޭ. އިތުރު ބައެއްގެ އެހީ ހޯދައިގެން ގަބޫލުކުރަން އެބަޖެހޭ، ޑޭޓާ ބޭސްޑް މީހުންގެ ހިޔާލުތައް، ޓެކްނިކަލް ޕްލޭން ކުރަން އެނގޭ ހުރިހާ ކަމެއް ބަލަން ޖެހޭ. ހުރިހާ ސްޓޭކް ހޯލްޑަރުންގެ ދައުރުވެސް އަންނާނެ. ކޯޗުން އެކަންޏެއް ނުވާނެ. ސްޓޭކް ހޯލްޑަރުންގެ އެސެސްމަންޓް ހަދައިގެން އެކަން ކުރަން ނިންމައިގެން ނުކުންނަން. ފަސް އަހަރު ނޫނީ 10 އަހަރު ޕްލޭނެއް ހަދައިގެން ރިވިއު ޕްރޮސެސްއެއްވެސް ލާން އެބަޖެހޭ،" މާއްޓޭ "ވަން"އަށް ދެއްކި ވާހަކައިގައި ފާހަގަކުރިއެވެ.

ޒުވާން ޓީމުތަކަށް އިންޓަނޭޝަނަލީ އެ ލިބޭ ފުރުސަތަކީ އަބަދުހެން ތަޖުރިބާއަކަށް ވާން ޖެހިފައި އޮތީ ލޯކަލީ އެ ފެންވަރުގެ ތަޖުރިބާތަކެއް ލިބެން ނެތުމުންކަން ސާފެވެ. ގްރާސް ރޫޓްގެ ފެށުމަކަށް އެތައް ކަމެއް ފެށި ނަމަވެސް، އެކަންކަން ތަންފީޒު ނުކުރެވި، ވަގުތު ދިގުލައިގެން ދިޔުން ނޫން ކަމެއް ފެންނަން ނެތްކަމީ ހަގީގަތެކެވެ. ލީގު ބިނާކުރުވަނިވި ގޮތެއްގައި ކުރި އަރާތަންވެސް ނުފެނި، ގެއްލެމުންދަނީ ޖީލުތަކެކެވެ. އެލީޓް ކުޅުންތެރިން ބިނާ ކުރަން ފެށި މަސައްކަތް "ފައިސާގެ ހާލަތަކާ" މަތިކޮށް ބަލަހައްޓައިގެން ތިބުމަކީ އަރައިނުގަނެވޭނެ ގެއްލުމަކަށް ވާނެކަން ޔަގީނެވެ.