ޚަބަރު

އައްޑޫ، ފަތުރުވެރިކަމުގެ ވަކި މަންޒިލެއްގެ ގޮތުގައި އަލަށް ބޭރުގައި އިސްތިހާރު ކުރަނީ

އަލީ ޔާމިން

1

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ފެއާއެއްގައި ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ވަކި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ "އޯޓީއެމް ޓްރެވަލް ޓްރޭޑް ޝޯ"ގައި އައްޑޫ ސިޓީގެ ޑެސްޓިނޭޝަން ސްޓޭންޑެއް ވަނީ ބަހައްޓައިފައެވެ.

އެ ސްޓޭންޑުގައި އައްޑޫގައި އޮންނަ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ސައުތު ޕާމް ރިސޯޓް، ކެނެރީފް ރިސޯޓް، ގޯ ޓްރިޕް ވޭވް، ސައުންޑްސް ބައި 3 އެސްގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެއެވެ.

"އޯޓީއެމް ޓްރެވަލް ޓްރޭޑް ޝޯ" ގައި އައްޑޫ އިޝްތިހާރު ކުރަމުންދަނީ ސްރީ ލަންކަން އެއާލައިންސް މެދުވެރިކޮށް ދުނިޔޭގެ ބައެއް މަންޒިލްތަކާ ގުޅިފައިވާ އީކުއޭޓާ ހުރަސްކޮށް އޮންނަ ޖަވާހިރެއްގެ ގޮތުގައެވެ.

އައްޑޫގައި ތިން ރިސޯޓެއް އޮންނަ އިރު، އޭގެ ތެރެއިން ދެ ރިސޯޓެއް ވަނީ ކޮވިޑަށްފަހު އަލުން ހުޅުވައިފައެވެ. އެއީ ސައުތް ޕާމް ރިސޯޓާއި ކެނެރީފް ރިސޯޓް (ހެރެތެރެ) އެވެ. މިހާރު ނުޅުވި އޮތް ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ރިސޯޓު ވިއްކާލަން ބައިނަލްއަގުވާމީ ބިޑަކަށް ވަނީ ހުޅުވާލައިފައެވެ.