ޚަބަރު

އުދައްޔުގެ މަރު: ކުޑަކުއްޖާއަށް ކުރި ދައުވާތައް ސާބިތުވެއްޖެ

މުހައްމަދު އިޝާން

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔު މަރުވި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރު ފެބްރުއަރީ އަށްވަނަ ދުވަހު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނީ، އެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާވެސް ސާބިތުވާ ކަމަށް މިއަދު ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެފާއި ވާތީ، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދެން ދައުވާ ކޮށްފައިވަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އެ ތިން މީހުންގެ މައްސަލައިގެ މިހާރު ކުރިއަށްދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކި ބަސް ނެގުމެވެ.