ލިވަޕޫލް ކޮޅަށް ފަސޭހައިން ގޯލު ވަދެ، ކްލީން ޝީޓް ގެއްލޭ ގެއްލުމަކީ މާޔޫސް ކަމެއް ކަމަށާއި ދަށް ފެށުމުގެ ޒިންމާ ނަގަންޖެހޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ޑިފެންޑަރު ވާޖިލް ވެންޑައިކް ބުނެފިއެވެ.
މިދިޔަ އަހަރު ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި ނިންމާލި ލިވަޕޫލުން މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ނަޕޯލީ އަތުން ލަދުވެތި ގޮތަކަށް ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. ނަމަވެސް ރޭގެ މެޗުގައި އެ ޓީމުން ވަނީ އަޔެކްސް ކައިރިން މޮޅުވެފައެވެ.
"ޓީމު މޮޅަށް ކުޅޭ ކޮންމެ ފަހަރަކު އަހަންނަށް ތައުރީފު ކުރޭ، ބަލިވީމަ ތައުރީފުތައް ހުއްޓި ފާޑުކިޔަން ފަށާނެ. އެއީ މައްސަލައެއްވެސް ނޫން، އަހަރެން ގަބޫލުވެސް އެބަކުރަން މިހާރަށްވުރެ ކުޅުން ރަނގަޅުވާން ޖެހޭނެ ކަމަށް،" ޖޯޑަން ހެންޑަސަން އަނިޔާގައި ހުރުމުން ލިވަޕޫލްގެ ކެޕްޓަންކަން ކުރަމުންދާ ވެން ޑައިކް ބުންޏެވެ.
ވެން ޑައިކް ވަނީ ކުޅުންތެރިންގެ ފޯމު ދިފާއުކޮށް ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ކުޅުންތެރިންނަކީވެސް އިންސާނުންކަން ގަބޫލުކުރަންޖެހޭ ކަމަށާއި އަބަދަކު އެންމެ ރަނގަޅު ފޯމުގައި ކުޅެވޭނެ ކަމަށްވެސް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ކްލީން ޝީޓްތައް ގެއްލި، މެޗުތައް އަތުން ގެއްލިގެންދާތީ އެކަމުގެ ޒިންމާ ނަގަންޖެހޭކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
"ކޮޅަށް ގޯލު ވަނުމުން ހިތްދަތިވެސް ވޭ. ކްލީން ޝީޓް ގެއްލުމުން އެކަމާ މާޔޫސްވެސް ވޭ. އަހަރެން ހިތަށް އަރައި އަހަރެން ޒިންމާ ނަގަންޖެހޭ. ހާއްސަކޮށް ލިވަޕޫލްގެ މި ފެށުމަށް. އެކަމަކު އެއީ ރަނގަޅު ކަމެއް ކަމަށް މި ބަލަނީ. ސީޒަންގެ ފޯމު އަނބުރާލަން ބޭނުންވަނީ. އަމިއްލަ ވިސްނުމެއްގައި އެކަންޏެއް ނޫން. ކްލަބުގެ ހުރިހާ ކަމެއްގައި ހިއްސާވާ، ހުރިހާ އެންމެންނަށްޓަކައި،" ވެން ޑައިކް ބުންޏެވެ.
ވެން ޑައިކް ވަނީ އެނަލިސްޓުންގެ ފާޑުކިޔުންތަކަށްވެސް ރައްދުދީފައެވެ. އޭނާ ބުނެފައި ވަނީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅެ، ތަޖުރިބާ ހުރި އެނަލިސްޓުންނަށް އެންމެ މަތީ ފަންތީގެ ފުޓްބޯޅަ އެނގޭނެ ކަމަށާއި ކްލަބުތަކަށް ކުޅުންތެރިންނަށް އުނދަގޫ ހާލަތްތައް އަދި އުނދަގޫ ދުވަސްތައް އަންނާނެކަން އެނގެން ޖެހޭނެ ކަމަށެވެ.
ވާޖިލް ވެން ޑައިކް
ވާޖިލް ވެން ޑައިކް
ވާޖިލް ވެން ޑައިކް
ވާޖިލް ވެން ޑައިކް