ނެދަލޭންޑްސްގެ ކެޕްޓަން، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ފަލަމަސްގަނޑަށް އަނިޔާވެ، މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ލިވަޕޫލުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ، 3-1 އިން ބަލިވި މެޗުގެ ފުރަތަމަ ހާފަށްފަހު ވެން ޑައިކް ބަދަލުކުރަން ޖެހި، ކޯޗު ޔާގަން ކްލޮޕް ވަނީ އޭނާ ބާލައިފައެވެ. އުމުރުން 31 އަހަރުގެ ވެން ޑައިކް އެރޭގެ މެޗުން ފޭބުމުގެ ކުރީގައި މި ސީޒަންގެ ލީގުގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައި ފުލްކޮށް ވެން ޑައިކް ކުޅެފައިވެއެވެ.

"ވެން ޑައިކްގެ ފަލަމަސްގަނޑުގެ އަނިޔާއަކީ ލިބުނު ހައިރާން ކަމެއް. އަނިޔާގެ ތަފްސީލު ބެލި އިރު، އެއީ ކުޑަ އަނިޔާއަކަށްވެސް ނުވި. އަނިޔާގެ ސްކޭންތަކަށް ބަލައި ބެލެވޭ ގޮތުގައި ހަފުތާތަކަކަށް، މަހަކަށްވުރެ ގިނަ ދުވަހަށް ވެން ޑައިކް ކުޅުމާ ދުރަށް ދާން ޖެހޭނެ،" ވެން ޑައިކްގެ އަނިޔާއާ ގުޅިގެން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އަނިޔާގެ ސަބަބުން ވެން ޑައިކް ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި، ގިނަ މެޗުތަކެއް އަބަދުހެން ކުޅެމުންދާ ކުޅުންތެރިޔަކަށް އަނިޔާވުމަކީ ޓީމަށްވެސް ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށެވެ. އޭގެ އިތުރުން ކްލޮޕް ބުނީ ވެން ޑައިކްގެ ފަލަމަސްގަނޑަށް މީގެ ކުރިން މައްސަލައެއް ދިމާނުވާ ކަމަށާއި، އަނިޔާވާން ޖެހުނު ގޮތެއް މެޑިކަލް ޓީމަށްވެސް ނޭނގޭ ކަމަށެވެ.

ވެން ޑައިކް ވޯލްޑް ކަޕްގައި ނެދަލޭންޑްސްއާއެކު 2022 ގެ ވޯލްޑް ކަޕްގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ގްރޫޕް ސްޓޭޖުގައި ބަލިނުވެ، ނެދަލޭންޑްސްއިން ނިންމާލި އިރު، ކޮޅަށް ވަނީ އެންމެ ގޯލެކެވެ. ގަދަ 16 ގައި ނެދަލޭންޑްސްއިން އެމެރިކާ ބަލިކޮށް، ކުއާޓާ ފައިނަލުން ކެޓީ އާޖެންޓީނާ އަތުންނެވެ.

ލިވަޕޫލަށް މި ސީޒަނުގެ މިހާތަނަށްވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާ އިރު، މިވަގުތުވެސް ފޯވަޑް ލައިނަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން ލުއިސް ޑިއާޒާއި ޑިއޭގޯ ޖޮޓާވެސް މިވަގުތު ތިބީ އަނިޔާގެ ސަބަބުން، ކުޅުމުން ބޭރުގައެވެ.