އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މާސީސައިޑް ޑާބީގައި 2-1 އިން އެވަޓަން ބަލިކޮށް، ޗެމްޕިއަންސް ލީގު ޖާގައެއްގެ އުންމީދު ބޮޑު ކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި މިރޭ ލިވަޕޫލުން މޮޅުވީ ފަހު ވަގުތު ގޯލް ޖަހައިގެންނެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 11 މިނެޓް ކުޅުން ދައްކާފައިވާ އިރު، ލިވަޕޫލް ކެޕްޓަން ވާޖިލް ވެން ޑައިކް ގޯލް ޖެހީ 100 ވަނަ މިނެޓުގައެވެ.
މިރޭ ހޯދި މޮޅާއެކު ލިވަޕޫލަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައަކަށް ކުރަމުންދާ މަސައްކަތުގައި ހިތްވަރު ލިބިފައެވެ. އެޓީމުން ފަސްވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓާއެކުގައެވެ. އެއީ ހަވަނައިގައި އޮތް ޗެލްސީއަށްވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޗެލްސީއަށް 33 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގެ އުސޫލު އޮންނަ ގޮތުން މިފަހަރުވެސް ޕްރިމިއާ ލީގުގެ ފަސްވަނަ ޓީމަށް ޗެމްޕިއަންސް ލީގު ޖާގައެއް ލިބޭނެއެވެ.
މެޗު ވަރުގަދަކޮށް ފެށީ އެވަޓަންއިންނެވެ. އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލް ކޮޅަށް ކުރީކޮޅުގައި އެޓީމުން ނުރައްކާ ކުރިއެވެ. އެގޮތުން ބެޓޯ އާއި ޖޭމްސް ގާނާގެ ހަމަލާތައް މަތަކުރީ ޖިއޯޖީ މާމަޑޭޝްވިލީއެވެ. އެ ޕްރެޝަރުގައި އިލިމަން އެންޑިއާގެ ހަމަލާއެއް ގޯލަށް ވައްދާލި ނަމަވެސް، ރެފްރީ ވީއޭއާރްގެ އެހީގައި ނިންމީ އޮފްސައިޑް ކަމަށެވެ.
އޭގެ ދެމިނެޓް ފަހުން ލިވަޕޫލް މެޗުގެ ލީޑު ނަގައި، ސްޓޭޑިއަމް ހަމަހިމޭން ކޮށްލިއެވެ. ކޯޑީ ގަކްޕޯއާއެކު ކުރި މަސައްކަތުގައި ގޯލް ޖަހައިދިނީ މުހައްމަދު ސަލާހެވެ. އެއީ ސަލާހް އެވަޓަން ކޮޅަށް ޖެހި ނުވަ ވަނަ ގޯލެވެ. ޕްރިމިއާ ލީގު އެރާގައި މާސީސައިޑް ޑާބީގައި އެ އަދަދަށް ގޯލް ޖެހި އެހެން ކުޅުންތެރިޔަކު ނެތެވެ.
އެ ގޯލާއެކު ލިވަޕޫލުން ކުރީގައި އޮވެގެން ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ބެޓޯ ވަނީ އެވަޓަންއަށް މެޗު އެއްވަރު ކޮށްދީފައެވެ.
މެޗުގެ ފަހުވަގުތުގައި ލިވަޕޫލްގެ މާމަޑޭޝްވިލީއަށް އަނިޔާވެ، ފްރެޑީ ވުޑްމަން ކުޅެން ނެރެން ޖެހިފައިވާ އިރު، ދެވަނަ ހާފު ފަހުކޮޅުގައި ބަދަލުތަކާއެކު ނަތީޖާ ނެރެން ދެޓީމުންވެސް މަސައްކަތް ކޮށްފައިވެއެވެ. އެ ކުރި މަސައްކަތުގައި ލިވަޕޫލް ފައިދާ ނެގީ، ފަހު މިނެޓު ވެން ޑައިކް ޖެހި ގޯލުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު