ޚަބަރު

ރައީސްގެ ކިބައިގައި މަޝްވަރާކުރުމުގެ އަހުލާގު ހުރި މިންވަރާ ގާތަށް ވެސް ޔާމީންގެ ނެތް: އިމްރާން

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިގައި މަޝްވަރާކުރުމުގެ އަހުލާގު ހުރި މިންވަރާގާތަށް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވިއަވަތި ކޮންފަރެންސް 2022 ފެށުމަށް ލ. ގަމުގައި އާދިއްތަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ ރައީ ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ކީރިތާ ރަސޫލާ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ވެރިކަން ކުރުމުގައި އެންމެ ބޭނުންތެރި އެއް ސިފަކަމަށްވާ މަޝްވަރާކުރުމުގެ ސިފަ ރައީސް ސޯލިހުގެ ކިބައިގައި އެބަހުންނެވި ކަމަށާއި ރަސޫލާ ވެސް ވެރިކަން ކުރެއްވީ މަޝްވަރާގެ އުސޫލުން ކަމަށެވެ.

އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ބައެއް އިލްމުވެރިން ވަނީ ފާޑު ކިޔައިފައެވެ. އެގޮތުން ރަސޫލާގެ ވެރިކަމާއި ރައީސް ސޯލިހުގެ ވެރިކަން އެއްފަދަ ނުކުރެއްވޭނެ ކަމަށް އިދިކޮޅުންނާއި ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

އެ ފާޑު ކިޔުންތަކަށް ރައްދުދެއްވައި އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ ކިބައިގައި މަޝްވަރާކުރުމުގެ އަހުލާގު ނުހުންނަކަން، އެ މަނިކުފާނު ރަނގަޅަށް ދަންނަ ހުރިހާ ފަރާތްތަކަށް އެނގިލައްވާނެ ކަމަށެވެ.

"ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރައްވަން ކިތަންމެ ދަތިފުޅުވިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަހުލާގު ހުރިވާ ގާތަށް ވެސް އަބްދުﷲ ޔާމީން ކިބައިގައި އެ އަހުލާތު ނެތްކަމީ އެ ދެ ބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެ ދަންނަ ހަގީގަތަކެވެ،" އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައިވާ އި،ރު އިމްރާން ގެންދަވަނީ މި ސަރުކާރަށާއި ވަކިން ހާއްސަކޮށް ރައީސް ސޯލިހަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވަނީ މިހާރު އޮތް ކޯލިޝަނާ އެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.