މިދިޔަ މަހު 70 މީހަކު ޖަލަށްލާފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނާ ބެހިގެން ޖަލަށް ލީ ހަތަރު މީހަކުވެސް ހިމެނޭކަން ހާމަވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ މަހު ޖަލަށްލީ ޖުމުލަ އަދަދުން 55 މީހަކީ ހުކުމްކޮށް ޖަލަށްލާފައިވާ މީހުންނެވެ. ބާކީ 15 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.
އެމްސީއެސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޖަލަށްލީ މީހުންގެ 52.7 ޕަސެންޓް މީހުންނަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުންނެވެ. ދެން އެންމެ ގިނައީ، ގާނޫނާ ހިލާފަށް މުދާ އަތުލައިގެން ޖަލަށްލާފައިވާ މީހުންނާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖަލަށްލީ މީހުންނާއި ކުޑަކުދިންނާއި ބެހިގެން ޖަލަށްލީ މީހުންނެވެ.
ކަރެކްޝަންސްއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 40 މީހަކު ޖަލުން ދޫކޮށްލާފައިވެއެވެ. އޭގެ ތެރެއިން 31 މީހުންނަކީ ހުކުމްކޮށްފައިވާ މީހުންނެވެ. ބާކީ ތިބި ނުވަ މީހުން ދޫކޮށްލީ، ބަންދުގެ މުއްދަތު ޖެހުމަށް ނެރުނު ކޯޓު އަމުރު ބާތިލުކުރުމުންނެވެ.
މިދިޔަ މަހު ޖަލުން ދޫކޮށްލި މީހުންގެ ތެރެއިން 25 މީހުންނަކީ ހުކުން ތަންފީޒުކޮށް ނިމުމުން ދޫކޮށްލި މީހުންނެވެ. ފަސް މީހަކު ޕެރޯލްގެ ދަށުން ދޫކޮށްލިއިރު އެންޑީއޭއާ ހަވާލުކުރުމަށް އެކަކު ދޫކޮށްލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު