ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ ސާފް އަންހެން ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ޕާކިސްތާނު އަތުންވެސް ބަލިވެއްޖެއެވެ.
ކަތަމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 7-0 ގެ ނަތީޖާއަކުންނެވެ. ޕާކިސްތާނު އަތުން ބަލިވެ، ރާއްޖެއަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެން އޮތް ހުރިހާ މެޗުތަކެއް ނިމިފައެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އަންހެން ޓީމު ޒުވާން ސްކޮޑަކާ އެކު ދިޔައީ ސެމީ ފައިނަލްގެ އުންމީދުގައި، ނަމަވެސް މުބާރާތް ނިންމާލަން ޖެހުނީ ތިން ބަލިންނެވެ.
އިންޑިއާ ކައިރިން 9-0 އިން ރާއްޖެ ބަލިވި އިރު، ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ކުރިން ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ބުނެފައި ވަނީ ގްރޫޕް ސްޓޭޖުން ސަލާމަތްވެ، ސެމީއަށް ދިޔުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. އެއީ ޓީމުތަކުގެ ފެންވަރަށް ބަލައިފައެވެ. މީގެ ކުރިން ރާއްޖެއިން މުބާރާތުގެ ސެމީ ކުޅެފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2016 ވަނަ އަހަރުއެވެ.
މިފަހަރުގެ ސެމީ ފައިނަލަށް ތައްޔާރުވެފައިވާ ޓީމުތަކަކީ ބަންގްލަދޭޝާއި ބޫޓާނާއި ނޭޕާލް އަދި އިންޑިއާއެވެ. ސެމީ ފައިނަލް ދެމެޗުވެސް އޮންނާނީ ހުކުރު ދުވަހުއެވެ.
މިއަދު ރާއްޖެ ކޮޅަށް ޕާކިސްތާނުގެ ގޯލުތައް ޖެހީ ރަމީން ފަރީދާއި ހަދީޖާ ކަޒްމީ، ނާދިއާ ހާންގެ އިތުރުން އަންމޫލް ހީރާއެވެ. މެޗުގައި ނާދިއާ ހާން ވަނީ ހަތަރު ގޯލު ޖަހައިފައެވެ.
ޕާކިސްތާނުގެ ފުޓުބޯޅަ 2014 ވަނަ އަހަރުން ފެށިގެން ސަސްޕެންޝަނެއްގައި އޮތް އިރު، ސަސްޕެންޝަން އުވާލީ މިއަހަރުއެވެ. އެ އަހަރުތަކުގެ ތެރޭގައި ބައެއް މުއްދަތުތަކަށް ފީފާއިން ސަސްޕެންޝަން އުވާލަދިން ނަމަވެސް، ޕާކިސްތާނު އަންހެން ޓީމަށް ވަނީ 2016 އަދި 2019 ވަނަ އަހަރު ސާފް އަންހެން މުބާރާތް ގެއްލިފައެވެ. އެގައުމުގެ ފުޓުބޯޅަ ސަސްޕެންޝަނުގައި އޮތް އިރު، ގިނަ ކުޅުންތެރިން ދިރިއުޅެފައި ވަނީ ގައުމުން ބޭރުގައެވެ.
މިއަދުގެ މެޗުގައި ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖެހި ނާދިއާ ހާނު ވަނީ އިނގިރޭސި ހަވަނަ ޑިވިޝަނުގެ ޑޮންކާސްޓާ ރޯވާސް ބެލޭސްއަށް ކުޅެފައެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކަކާވެސް އެކުގައި މިފަހަރު މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމުން އާ ތަރިންތަކެއް ފެނުމަކީ ލިބުނު ހަމައެކަނި ހިތްހަމަ ޖެހުމެވެ. ގައުމީ ޓީމުން މުބާރާތަށް ތައްޔާރުވުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ފާހަގަކުރައްވާފައިވެއެވެ. އެއީ ފައިސާގެ ތާށިކަން ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް