ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއިން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗު އެންމެ ހާއްސަ ވާނީ ބަޔާން ލެޖެންޑް ރޮބާޓް ލެވަންޑޯސްކީއަށެވެ. ޕޮލެންޑް ގައުމީ ޓީމުގެ ކެޕްޓަން ލެވަންޑޯސްކީ މި ސީޒަނަށް ބާސާއަށް ބަދަލުވީ ބަޔާންގައި ދިގު ކެރިއަރެއް ހޭދަކުރުމަށްފަހުގައެވެ. ބަޔާން ޖާޒީގައި 374 މެޗު ކުޅެ، ލެވަންޑޯސްކީ ވަނީ އެކްލަބަށް 344 ގޯލު ޖަހައިދީފައެވެ.

އެތައް ކާމިޔާބީއެއް ބަޔާންގައި ހޯދައި، ލެވަންޑޯސްކީ އެ ކްލަބު ދޫކޮށްލީ ހިތްހަމަ ނުޖެހުންތަކެއް އުފެދިގެންނެވެ. އަމިއްލައަށް ކްލަބު ދޫކޮށްލަން ބޯޑަށް ލެވަންޑޯސްކީ އެދުނު އިރު، ލެވަންޑޯސްކީ ބުނެފައި ވަނީ ބޭނުންވާ އިހުތިރާމު ބަޔާންގެ ބޯޑުންނު ލިބުނު ކަމަށެވެ. އާ ޗެލެންޖަކަށް ލެވަންޑޯސްކީ ބާސާއަށް ދިޔައީ 42،6 މިލިއަން ޕައުންޑުގެ އަގެއްގައެވެ.

މިހާތަނަށް ލެވަންޑޯސްކީ ކުޅުނު މެޗުތަކަށް ބަލައި، އެ އަގު މާ ބޮޑަށްވެސް ރަނގަޅު ކަމަށް ބުނެވިދާނެއެވެ. އުމުރުން 34 އަހަރުގެ ފޯވަޑް ލެވަންޑޯސްކީ ވަނީ މިހާތަނަށް ބާސާގައި ކުޅުނު ހަ މެޗުން ނުވަ ގޯލު ޖަހައިދީފައެވެ. އެ ފޯމުގައި ލެވަންޑޯސްކީ ހުރުމަކީ މިދިޔަ ސީޒަނުގައި ބަޔާންގައި އޭނާއަށް ކޯޗުކަން ކޮށްދިން ޖޫލިއަން ނަގެލްސްމަން ސަމާލުވާނެވެސް ކަމެކެވެ.

"ލެވަންޑޯސްކީއާ ބައްދަލުވުމަކީ އުފާކުރާނެ ކަމެއް. އެކަމަކު އިދިކޮޅަށް ނުކުންނަން ޖެހުމަކީ އުނދަގޫވާނެ ކަމެއް. ލެވަންޑޯސްކީ ކޮންމެ ހާލަތެއްގައި ކްލަބު ދޫކޮށްލި ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ލޯތްބާއި އިހުތިރާމު ދޭނެ ކަމަށް އަހަންނަށް ފެންނަނީ،" ބަޔާން ދަނޑުގައި މިރޭ އޮތް މެޗާއި ގުޅިގެން ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ނަގެލްސްމަން ބުންޏެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ގުރުއަތު ނެގުމާއެކުވެސް ގިނަ ބަޔަކަށް ބާސާއާއި ބަޔާންގެ ކުރިމަތިލުމަށް ޝައުގުވެރިވެވުނެވެ. އޭގެ އެއް ސަބަބަކީވެސް ލެވަންޑޯސްކީގެ އެނބުރި ދިޔުމަކަށް އުފެދުނު ޝައުގެވެ. ލެވަންޑޯސްކީ ބަޔާންގައި ހޭދަކުރި އަށް ސީޒަނުގައި އެ ކްލަބާއެކު ލީގު ނެގުމުގެ އިތުރުން 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުވެސް ނެގިއެވެ. އެފަހަރު ސެމީ ފައިނަލްގައި ބާސާ ކޮޅަށް ލެވަންޑޯސްކީ ވަނީ ގޯލު ޖަހައިވެސްފައެވެ. ބަޔާންއިން އެ ފަހަރު ބާސާ ކަޓުވައިލީ، ސެމީގައި 8-2 ގެ ނަތީޖާއަކުންނެވެ.

"ބާސާގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔަކީވެސް ލެވަންޑޯސްކީ. މިދިޔަ އަހަރުވެސް އޭނާގެ ނުރައްކާ ފެނުނު. 40 ގޯލު އަހަރެއްގެ ތެރޭގައި ޖަހައި އަދިވެސް އެހުރީ ހަމަ އެ ފޯމުގައި،" ނަގެލްސްމަން ބުންޏެވެ.