ލިވަޕޫލުން މި ހަފުތާ ތެރޭގައި އަޔެކްސްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅެން އޮތް މެޗުގައި އެންޑީ ރޮބާޓްސަންއަށް ނުކުޅެވޭނެ ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ލިވަޕޫލަށް އަނިޔާގެ ބޮޑެތި މައްސަލަތަކެއް މިހާރުވެސް ކުރިމަތިވެފައިވާ އިރު، އެޓީމުގެ ފޯމަށް އެންމެ ބޮޑަށް އަސަރު ކޮށްފައިވާ އެއް ސަބަބަކީވެސް އެއީއެވެ. ލިވަޕޫލުން ލީގުގައިވެސް އެންމެ އެކަށީގެންވާ ކުޅުން ނުދެއްކިގެން އުޅޭ އިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނަޕޯލީ ކައިރިން ބަލިވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އަނިޔާގެ މައްސަލަތަކަށް ބަލާ އިރު، އެންމެފަހުން ކުޅުނު މެޗަށް ނުކުތް އިރުވެސް ރޮބާޓްސަންގެ އިތުރުން ކާޓަސް ޖޯންސް އާއި ނަބީ ކޭޓާ އާއި އޮކްސްލޭންޑް ޗެމްބަލިން އަދި ތިއާގޯ އަލްކަންޓްރާ އާއި ކެޕްޓަން ޖޯޑަން ހެންޑަސަންވެސް ތިބީ އަނިޔާގައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މެޗުގައި ތިއާގޯ އާއި ހެންޑަސަން ފެންނާނެ ކަމަށް ބެލެވެއެވެ.
އިތުބާރު ޑިފެންޑަރު، ސްކޮޓްލޭންޑްގެ ރޮބާޓްސަންގެ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް އަދި ނޭނގުނު ނަމަވެސް، އޭނާއަށް އެނބުރި އާދެވޭނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ ފަހުންނެވެ. އެއީ މިމަސް ނިމި، އޮކްޓޯބަރު މަހު ތެރޭގައެވެ.
ލިވަޕޫލާއި އަޔެކްސް ހޯމްގައި މިހަފުތާ ކުޅޭ ޗެމްޕިއަންސް ލީގު މެޗު ކުރިން ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުގެ ހިތާމައިގައި ހާއްސަ ވަގުތުކޮޅެއް ކުރިއަށް ގެންދާނެއެވެ. ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބޭނެކަމުގެ އުންމީދުގައި ހުރި ކަމަށް ބުނެފައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް