ދުނިޔޭގެ އެހެނިހެން ގައުުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ކޮވިޑު-19އިގެ ކުއްލި ނުރައްކަލާ ގުޅިގެން ކިރިޔާވެސް އެމީހަކު ދިރިއުޅޭ ތަނުން ބޭރަށް ނުކުންނަކަމަށް ވާނަމަ ފޭސްމާސްކު ނޫނީ ކޮންމެ ގޮތަކުން ވިޔަސް އަނގައާއި ނޭފަތް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށް އިލްތިމާސްކޮށް އަދި އަމުރުވެސްކުރިއެވެ. އަދަބުވެސް ކަނޑައަޅައި އަދަބު ދެވުނުވެސްމެއެވެ.
މާސްކު އެޅުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. ބޮޑު އާބާދީއެއްގެ ވިއްސަކަށް ތިރީހަކަށް މީހުން މާސްކު އެޅުމަށް ތާއީދުކޮށް ހިތުން ރުހުމުން ގަބޫލުވެ މިއަދުވެސް މާސްކު އަޅައިގެން އުޅުނަސް، އެއީ ގިނަ ބަޔަކު ތަރުހީބުދިން ކަމެކޭ ނުބުނެވޭނެއެވެ. ކޮންމެއަކަސް އަދަބަށާއި ބަލީގެ ނުރައްކާތެރިކަމަށް ޖެހިލުންވެގެން ވިޔަސް ދިވެހިންގެ ތެރޭގައިވެސް ކޮވިޑު19ގެ ހާލަތުގައި މާސްކު އެޅުމަށް ވަނީ ސަމާލުކަން ދީފައެވެ. އެހެންނަމަވެސް މާސްކު އެޅުން މަޖުބޫރު ހާލަތުން ސަލާމަތްވެ، މާސްކު އެޅުމަށް މަޖުބޫރު ކުރި އަމުރު ބާތިލުކުރި ވަގުތުން ފެށިގެން މާސްކުތައް ނަގައި އެއްލައިލެވުނެވެ.
އެހެންނަމަވެސް މާސްކުގެ ބޭނުންތެރިކަމާއި އޭގެ މުހިންމު ފައިދާ އެނގޭ މީހުން އެއްފަހަރު އެޅުމަށްފަހު ދެން ނަގާކަށް ބޭނުމެއްނުވިއެވެ. ޝިފާނާއަކީ މީގެ ތެރެއިން އެކެކެވެ. ދަރިފުޅު ގޮވައިގެން ސުކޫލަށް ދާއިރު އަދި އެހެންވެސް ތަންތަނަށް ދާއިިރު އަބަދުވެސް މާސްކު ގެންގުޅެއެވެ. ގޭގައި އުޅޭއިރުވެސް ހިރަފުސްފޮޅައި ކުނިކަހައި ކަންތައް ކުރަންވީމަ އޭނާ މާސްކު އަޅައެވެ. ގެއަށް ބޭރުން ބަޔަކު އަތުވެއްޖެނަމަ ދަރިފުޅު މާސްކު އަޅުވައެވެ. މިއީ އޭނާގެ ފޮނިކަމުން ބޮޑާކަމަކުން ނުވަތަ ކިބުރުވެރިކަމަކުން ކުރާ ކަމެއް ނޫންކަން ވިސްނައިދިނަސް ބައެއް މީހުން އެވާހަކަ ގަބޫލުނުކޮށް، އޭނާއާއި ދަރިފުޅާ ދިމާއަށް ފާޑުފާޑުގެ ބަސްތަކުން ގޮވައި އުޅެއެވެ.
"އަހަރެން އަޅައެއް ނުލަން. ދަރިފުޅު މާސްކު އަޅުވައިގެން އެހެން ގެންގުޅުނީމާ މިހާރު އެސޮރަށްވެސް މާސްކު ނާޅާައި އުޅެން އުނދަގޫ. އޭގެ ފައިދާ މިފަހަރު ދަރިފުޅުގެ ކުލާސްކުދިންނަށާއި ޓީޗާސްއަށްވެސް ފެންނާނެ. ވަރުގަދަ ރޯގާއާއި ހުމެއް އުޅުނެއްނު. އަހަރެމެން ދެމައިންނަކަށް ނޭނގޭ މާލެތެރޭގައި ބައްޔެއް ފެތުރުނު ކަމެއްވެސް، އެނޫނަށް ރޯގާ ފަދަ ވައިރަލް ކަންކަން ވަރަށް ކުޑަ"
ކުރީގައި ނަމަ ކިރިޔާ ރޯގާއެއް، ވައިރަލްފީވާއެއް ނޫނީ އެހެންވެސް ބައްޔެއް އުޅޭނަމަ ވަަރަށް ފަސޭހައިން ދަރިފުޅު ބަލިވެއެވެ. ދެން ޝިފާނާއަށް ޖެހޭނީ ހޮސްޕިޓަލުން ކުލިނިކުން ގެއިން މިގޮތަށް ދަރިފުޅު ގޮވައިގެން ތެޅިފޮޅޭށެވެ. އެހެންނަމަވެސް މިދިޔަ ދުވަސްތަކުގައި ދަރިފުޅު ސުކޫލަށް ހާޒިރު ނުވާ އެންމެ ދުވަހެއްވެސް ނެތެވެ. ހުރިހާ ދުވަހަކު ސުކޫލަށް ދެވުނެވެ. އޭނާގެ ދަރިފުޅަކީ އެލާޖިކްވުމުގެ އެތައް ކަމެއްވެސް ހުންނަ ކުއްޖެކެވެ. ނޭވާއަށް އުނދަގޫވާތީ، ފަރުވާދޭން ޖެހޭ ކުއްޖެކެވެ. އެހެންނަމަވެސް މާސްކު އަޅައިިގެން އުޅުމުގެ ސަަބަބުން އެބައްޔަށްވެސް ވަނީ ލުޔެއް ލިބިފައެވެ.
މާސްކު އެޅުމުން ލިބޭނެ ގެއްލުމެއް ނެތްއިރު، އަމިއްލަ ސިއްހަތަށާއި ހަށިގަނޑަށް ހުރި ދުޅަހެޔޮ، އަދި ޑޮކްޓަރުން ދޭ އިރުޝާދުތައްވެސް ހިމެނިފައިވާ ކަމަކަށްވާއިރު، މާސްކު އަޅަން ވީމާ ބޮޑާހާކައި ރުޅިއަންނަނީ ކީއްވެގެންހެއްޔެވެ؟ އެންމެންވެސް މާސްކު އަޅަންވީ އެވެ. މާސްކު އެޅުމުން އޮތް ފައިދާ ބޮޑެވެ. އާންމު ރޯގާއާއި ހުން ފަދަ ބަލިތަކުން ރައްކާތެރިކަން ލިބުމުގެ ފުރުސަތު ބޮޑެވެ. އެކި ކަހަލަ ބަލިތަކުގެ ޖަރާސީމު ހަށިގަނޑަށް ވަންނަ އެންމެ އާންމު ތެ މަގަކީ އަނގައާއި ނޭފަތް ކަމަށްވާއިރު، މާސްކުން އެ ދެމަގު ބަންދުކޮށް ޖަރާސީމަށް އޮތް ދޮރު ތަޅުލައެވެ. އާންމު ބަލިތަކުން ރައްކާތެރިވެތިބުމަށް މާސްކަކީ އާންމު ދިރިއުޅުމުގައިވެސް އަޅާން އެންމެ ރަނގަޅު އެއްޗެކެވެ.