މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުވައްޒަފުންނަށް ދޫކުރާ ފްލެޓުތަކުގެ ޑައުންޕޭމަންޓު ކުޑަކޮށްދެވެން ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލްއިން އެގޮތަށް ބުނީ ފްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެދި، އެ ކުންފުނީގެ 484 މުވައްޒަފުން ސޮއިިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ބެހޭގޮތުން، އެމްޕީއެލްގެ އިސް ބޭފުޅުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށް، މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެމްޕީއެލްގެ ޗީފް ފައިނޭންސިން އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ ޑައުންޕޭމަންޓުން ކުޑަކުރާ ކޮންމެ އަދަދަކީ ކުންފުންޏަށް ބޭންކުތަކުން ބޮރޯ ކުރަން ޖެހޭނެ އަދަދެއް ކަމަށެވެ. އެހެންކަމުން އެކަމުގައި މުވައްޒަފުންގެ ކަންބޮޑުވުންތައް ގަބޫލުކުރެވުނު ނަމަވެސް އެންމެ އިސްކަމެއް ދެނީ ކުންފުނި ހިންގަން ބޭނުންވާ ފައިސާ ތާށި ނުވާނެ ގޮތަކަށް ކަންތައް ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފްލެޓުތަކުގެ ޑައުންޕޭމަންޓު ދެއްކޭނެ ތިން ގޮތެއް އެމްޕީއެލުން ވަނީ މުވައްޒަފުންނަަށް ހުށަހަޅައިފައެވެ. އެންމެ ފުރަތަމަ ހުށަހެޅީ ފްލެޓުތަކުގެ ޖުމްލަ އަގުގެ 20 ޕަސެންޓު ނުވަ މަހަށް ބަހާލައިގެން ދެއްކުމަށެވެ. އޭރުން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 160،000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 300،000 ރުފިޔާއެވެ. އެގޮތަށް މުވައްޒަފުން ހިތްހަމައެއް ނުޖެހުނެވެ.
ދެން ހުށަހެޅީ، ފްލެޓު އަގުގެ 15 ޕަސެންޓު އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށެވެ. އޭރުން އެއް ކޮޓަރި އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 120،000 ރުފިޔާއެވެ. ދެ ކޮޓަރީގެ އެޕާޓްމަންތަކަށް 216،000 ރުފިޔާއެވެ.
ތިންވަނަ ހުށަހެޅުމުގައި ވަނީ، އެއް ކޮޓަރީގެ ޑައުން ޕޭމަންޓަށް 40،000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 50،000 ރުފިޔާ ދެއްކުމަށެވެ. އެއީ މަސް ދުވަހުގެ މުއްދަތުގައެވެ. ނަމަވެސް 15 ޕަސެންޓު ޑައުންޕޭމަންޓުގެ ބާކީ ނުވަ މަހަށް ބަހާލައިގެން ދެއްކުމަށެވެ.
މިއިން އެއްވެސް ގޮތެއް މުވައްޒަފުންނަށް ކަމަކު ނުދިޔައެވެ.
"ޑައުންޕޭމަންޓު ނަގަން ޖެހޭ ސަބަބަކީ ކޮންޓްރެކްޓު ނިމޭއިރު މިހާތަނަށް އަދި ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ 132 މިލިއަން ރުފިޔާ، އެކަމަކު އަޅުގަނޑުމެން މިހާރު އަންދާޒާ މި ކުރަނީ ކޮންޓްރެކްޓު ނިމޭތާ ތިން މަސް ތެރޭގައި 80 މިލިއަން ދައްކަން ޖެހޭނެ ކަމަށް، މިހާރު މިވަގުތު އެބައިން 104 މިލިއަން ރުފިޔާ، މީގެ އިތުރުން އެޗްޑީސީއަށް ދައްކަން ޖެހޭ 52 މިލިއަން ރުފިޔާ ވެސް އެބައިން،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު