ޚަބަރު

ވިއަވަތި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ބާރުތައް ރައްޔިތުން އަތުން ފިރުކައި ނުގަނެވޭވަރަށް ފުރިހަމަކުރުން: ރައީސް

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ބާރުތައް ރައްޔިތުން އަތުން އަނބުރާ ފިރުކައި ނުގަނެވޭ ވަރަށް ފުރިހަމަކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ "ވިއަވަތި ރާއްޖެ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ ބިލާހެއް ނޫންކަން ވިއަވަތި ކޮންފަރެންސުންވެސް ފެންނަކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކުންވެސް ލާމަރުކަޒީ ނިޒާމުން ލިބިދިން ބަދަލުތައް ފެންނާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އަށަގަންނުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި. ދުވަހަކު ވެސް މިނިޒާމާ މިބާރުތައް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް ދެން އަނބުރާ ފިރުކައި ނުގަނެވޭނެ މިންވަރަކަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ރައީސްކަމުގައި ދެމިހުންނަވާނީ ވަށައިޖެހޭ ޖަޒީރާ ދިރިއުޅުމެއް އެންމެންނަށްވެސް ހޯދައިދޭން ކަމަށެވެ.

ޖަޒީރާ ރާއްޖޭގެ ތަނަވަސްކަން އެންމެންގެ ޖީބަށްވެސް ލިބެން ޖެހޭނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިިކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްވެސް ހައްގު ކަމަށެވެ.