ފްރާންސް ލީގުގައި ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ބްރެސްޓް ބަލިކޮށްފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ހަތް މެޗުގައިވެސް ޕީއެސްޖީ ބަލިވެފައެއް ނުވެއެވެ. ރޭގެ މެޗު ރަށުން ބޭރުގައި ކުޅެ 1-0 އިން ކާމިޔާބުކުރި އިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ޕީއެސްޖީއަށް ލީގުގެ އެއްވަނަ ލިބެނީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްޖީއާ އެންމެ ވާދަވެރިކޮށް ލީގުގައި އޮތް މާސޭވެސް ހަތް މެޗުން 19 ޕޮއިންޓް ހޯދާފައި އޮތް އިރު، އެޓީމަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ގޯލަކީ ލިއޮނަލް މެސީ މެދުތެރެއިން ވައްޓާލި ހިތްގައިމު ބޯޅަކުން ބްރެޒިލްގެ ތަރި ނޭމާ ޖެހި ގޯލެކެވެ. ރޭގެ މެޗުގައި އުމުރުން 30 އަހަރުގެ ނޭމާ ޖެހި ގޯލަކީ ޕީއެސްޖީއަށް އޭނާ ކާމިޔާބު ކޮށްދިން 110 ވަނަ ގޯލެވެ.

ޕީއެސްޖީން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. މެސީ އާއި ކިލިއަން އެމްބާޕޭއަށް ލިބުނު ފުރުސަތު ބޭކާރު ވެގެން ދިޔަ އިރު، ދެވަނަ ހާފުގައި، މެޗުގެ 70 ވަނަ މިނެޓުގައި ބްރެސްޓަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.

ޕްރެންސެލް ކިމްޕެންބޭ އަމިއްލަ އޭރިއާ ތެރެއިން ކުރި ފައުލާއެކު ބްރެސްޓަށް ލިބުނު ޕެނަލްޓީ އިސްލާމް ސްލެމާނީ ފޮނުވާލި ނަމަވެސް، އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖޯ ޑޮނަރޫމާ ވަނީ ހުޝިޔާރުކަމާއެކު ބޯޅަ ބޭރަށް ފޮނުވާލައިފައެވެ.