ސާފް ޗެމްޕިއަންޝިޕް

އަންހެން ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވެ ރާއްޖެ ކަޓައިފި

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ ސާފް އަންހެން ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި އެންމެފަހުން ފަސް ފަހަރުގެ ޗެމްޕިއަން އިންޑިއާ ކައިރީ ބޮޑު ތަފާތަކުން ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ކަތަމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުން ރާއްޖެ ބަލިވީ 9-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އިންޑިއާއިން ޖެހި ނުވަ ގޯލުގެ ތެރެއިން ހަތަރު ގޯލު ޖަހައިދިނީ އަންޖޫ ތަމަންގެވެ. ގްރޭސް ޑަންމޭ މެޗުގައި ދެ ގޯލު ޖެހި އިރު، އިންޑިއާގެ އަނެއް ގޯލުތައް ޖަހައިދިނީ ސޯމިޔާ ގުގުލޯތާއި ކަޝްމީނާ އަދި ޕްރިޔާންކާއެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖެ ލައްވާލީ ޗެމްޕިއަން އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނާ އެއް ގްރޫޕެއްގައެވެ. ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ. މުބާރާތުގެ ކުރިން ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ބުނެފައި ވަނީ ގްރޫޕް ސްޓޭޖުން ސަލާމަތްވެ، ސެމީއަށް ދިޔުމަކީ ބޮޑު ޗެލެންޖެއް ކަމަށެވެ. އެއީ ޓީމުތަކުގެ ފެންވަރަށް ބަލައިފައެވެ.

މީގެ ކުރިން ރާއްޖެއިން މުބާރާތުގެ ސެމީ ކުޅެފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2016 ވަނަ އަހަރުއެވެ. ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ބަންގްލަދޭޝް އަތުންނެވެ. އެ މެޗުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އިންޑިއާއާއި ބަންގްލަދޭޝް މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެފައިވާ އިރު، އެ ދެޓީމަށްވެސް ވަނީ ސެމީ ޔަގީން ވެފައެވެ. ގްރޫޕުގެ އެއްވަނަ ޔަގީންވާނީ ކުރިއަށް އޮތް ހަފުތާގެ އަންގާރަ ދުވަހު އިންޑިއާއާއި ބަންގްލަދޭޝް ވާދަކުރާ މެޗުންނެވެ.

ރާއްޖެއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ބުދަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރު 1:00 ގައެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކަކާވެސް އެކުގައި މިފަހަރު މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމުން އާ ތަރިންތަކެއް ފެނުމަކީ ލިބުނު ހަމައެކަނި ހިތްހަމަ ޖެހުމެވެ. ގައުމީ ޓީމުން މުބާރާތަށް ތައްޔާރުވުމުގައި ގޮން ޖެހުންތަކެއް ހުރި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ފާހަގަކުރައްވާފައިވެއެވެ. އެއީ ފައިސާގެ ތާށިކަން ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ހިމެނެނީ ބޫޓާނާއި ސްރީ ލަންކާގެ އިތުރުން ނޭޕާލެވެ. މިހާތަނަށް ބޫޓާނާއި ނޭޕާލުންވެސް މޮޅެއް ހޯދާފައިވާ އިރު، އެ ގްރޫޕުގައި ބާކީ އޮތީ ލަންކާއާއި ނޭޕާލް ކުޅޭ މެޗެވެ. އެމެޗަށްފަހު ސެމީއަށް ދާ ޓީމުތައް ޔަގީން ވާނެއެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.