ޚަބަރު

15.42 ގެ ރޭޓުން ޑޮަލަރު ވިއްކާނެ މީހަކު ހޯދަން ރައީސް ޔާމީން އަޅުގަނޑަށް ގުޅުއްވި: މުހައްމަަދު އިސްމާއިލް

އިބްރާހިމް ޒަކީ

ފަނަރަ ސާޅީސް ދޭއްގެ ރޭޓުން ޑޮލަރު ގަންނާނެ މީހަކު ހޯދުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ގުޅުއްވި ކަމަށް، ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުންނެވެ.

އެކަމަށްޓަކައި ރައީސް ޔާމީން ގުޅުއްވީ 2015 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި، ނަމަވެސް އެއީ ސީދާ ކޮން ދުވަހެއްކަން ދަންނަވަން ނުކެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ގުޅުއްވުމާ ގުޅިގެން، ޑޮލަރު ހޯދުމަށް ވަގުތުން އެކި ރައްޓެހިންނާއި ވިޔަފާރިވެރިންނާއި މުއްސަނދިންނަށް ގުޅުއްވި ކަމަށާއި، އޭގެ ތެރޭގައި ޔޫސުފް ނައީމް ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގައި ޔޫސުފް ނައީމާ ގުޅުއްވީ އޭނާއަކީ ކުޑައިރުގެ ގާތް ރައްޓެއްސަކަށް ވާތީ އާއި ޓޫރިޒަމް ދާއިރާގެ މީހުންނާ ގުޅުން އޮންނަ ފަރާތަކަށް ވާތީ ކަމަށެވެ. އަދި ހުރިހާ މީހުންވެސް ޑޮލަރު ލިބޭތޯ ބަލާނެކަމަށް ބުނި ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގައި ރައީސް ޔާމީން ގުޅުއްވިއިރު އާއި، ޑޮލަރު ހޯދަން ޔޫސުފް ނައިމާ ގުޅުއްވިއިރު އޭނާ ހުރިތަން ހަނދާން ނުވާ ކަމަށާއި ނަމަވެސް އޭރު އޭނާގެ ކައިރީގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އިންނެވި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދެދުވަހެއްވަރު ފަހުން އެ މައްސަލައިގައި ޔޫސުފް ނައީމު އޭނާއަށް ގުޅައި ރައީސް ޔާމީނަށް ވެއްޖެއްޔާ އެއް މިލިޔަން ޑޮލަރު 15.45 ރޭޓުން ވިއްކައިފާނެ ކަމަށް ބުނި ކަމަށާއި، ހަމަ އެވަގުތު ރައީސް ޔާމީނަށް ގުޅުއްވައި އެވާހަކަ ރައީސް ޔާމީނަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ދެމީހުންގެ މެދުގައި ޑޮލަރުގެ މުއާމަލާތް ހިންގި ކަން އެނގުނީ، ޔޫސުފް ނައީމު ބުނުމުން ކަމަށެވެ.

"އެމުއާމަލާތް ނިމުނު ފަހުން ޔޫސުފް ނައީމު އަޅުގަނޑަށް ގުޅާފަ ބުނި އެ މުއާމަލާތް މިހާރު ނިމިއްޖެއޭ، ރައީސް ޔާމީނަށް ޑޮލަރު ވިއްކައިފީމޭ ކޭޝްގެ ގޮތުގައި ފައިސާ ގެނަސްދެއްވައިފިއޭ،"

އެ މުއާމަލާތް ކުރުމަށް ރައީސް ޔާމީނާއި، ޔޫސުފް ނައީމު ގުޅުއްވި ނަމްބަރު ހަނދާން ނެތް ކަމަށާއި، ނަމަވެސް އޭނާގެ ފޯނުގައި އެ ނަމްބަރުތައް ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މުއާމަލާތް ފޯނުން ކުރީ ފޯނުން ގުޅައިގެންތޯ ނުވަތަ އެޕްލިކޭޝަނަކުންތޯ ހަނދާން ނެތް ކަމަށްވެސް ވިދާޅުވިއެވެ. އޭރު މުހައްމަދު އިސްމާއީލް ބޭނުންކުރި ނަމްބަރު އޭނާ ވަނީ ޝަރީއަތަށް ކިޔައިދެއްވައިފައެވެ.

މުހައްމަދު އިސްމާއީލާ ދައުލަތުން ފުރަތަމަވެސް ސުވާލު ކުރީ، ޑޮލަރުގެ މުއާމަލާތަށްފަހު، ޔޫސުފް ނައީމަށް ޑޮލަރު ލިބުނު ގޮތާއި ރައީސް ޔާމީނަށް ޑޮލަރު ފޮނުވި ގޮތާބެހޭގޮތުން ޔޫސުފް ނައީމު އެއްވެސް ވާހަކައެއް ދައްކާފައި ވޭތޯއެވެ.

އެ ސުވާލާ ގުޅިގެން ދިފާއުން ވަނީ އެއީ ކުރެވިގެންވާނެ ސުވާލެއް ނޫންކަމަށް ބުނެ އެ ސުވާލަށް އިއުތިރާޒު ކޮށްފައެވެ. ނަމަވެސް ގާޒީ އެ އިއުތިރާޒު ގަބޫލެއް ނުކުރެއްވިއެވެ. އެހެންކަމުން އެ ސުވާލަށް ޖަވާބު ދެއްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އެފަދަ އެއްވެސް މުއާމަލާތެއްގެ މައުލޫމާތު ޔޫސުފް ނައީމު ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ޔޫސުފް ނައިމަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް މީހެއްތޯ ދައުލަތުން ކުރި ސުވާލަށްވެސް ދިފާއުން އިއުތިރާޒު ކުރިއެވެ. އެ އިއުތިރާޒު ގާޒީ ބަލައިގަނެ އެއީ ޒާތީ ސުވާލެއްކަމަށް ނިންމެވިއެވެ.