ޚަބަރު

ޔޫސުފް ނައީމަށްދޭން ރައީސް ޔާމީން ދެއްވި ފައިސާގުނީ ރޭގަނޑު ކަމެއް ދުވާލު ކަމެއް ނޭނގެ: ހެކިވެރިޔާ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ އަތުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގަޔޫމް ބައްލަވައިގެންނެވި ކަމަށްބުނާ އެއް މިލިޔަން ޑޮލަރަށްވާ 15.42 މިލިޔަން ރުފިޔާ ގުނިއިރު އެއީ ކޮން ދުވަހެއް ކަމެއް އަދި ރޭގަނޑުކަމެއް، ދުވާލުކަމެއް ވެސް ހަނދާން ނެތްކަމަށް ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަހެޅުއްވި ދިފާއީ ހެއްކެއް ކަމަށްވާ އަބުދުﷲ ރަޝީދު ބުނެފިއެވެ.

މިއަދުގެ އަޑުއެހުމަށް ރައީސް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި، ފުރަތަމަ ހާޒިރުކުރި އަބްދުﷲ ރަޝީދު ބުނީ، ރައީސް ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ، ޕީއޭގައި އުޅުނު ދުވަސްވަރު ކަމަށްވާ 2009 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީން ދަންނަ ކަމަށާއި، ރައީސް ޔާމީނާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ. ރައީސް ޔާމީންގެ އަމިއްލަފުޅު ކަންތައް ކޮށްދޭ ކަމަށާއި، އޭގެ ތެރޭގައި އާއިލާގެ ބައެއް ކަންތައްތަކާއި، ފައިސާއާ ގުޅޭ ބައެއް ކަންތައްތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ބޭންކަށް ފައިސާ ޖަމާ ކުރުމާއި ބޭންކުން ފައިސާ ނެގުމުގެ އިތުރުން ރައީސް ޔާމީން ވިދާޅުވާ ބޭބޭފުޅުންނާ ފައިސާ ހަވާލުކޮށްދިނުން ހިމެނޭކަމަށްވެސް ބުންޏެވެ.

ހެކިވެރިޔާ ބުނީ ޔޫސުފް ނައީމު ދަންނަނީ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރުގެ ގޮތުގައި ކަމަށާއި، އޭނާއާ ދިމާވެފައިވަނީ ދެފަހަރެއްގެ މަތިން ކަމަށެވެ. އެއީ ކެމްޕެއިންގެ ތެރެއިންނާއި، ރައީސް ޔާމީނު ވިދާޅުވެގެން ފައިސާ ހަވާލުކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ޔޫސުފް ނައީމުގެ އަތުން ރައީސް ޔާމީން ބައްލަވައިގެންނެވި އެއްމިލިޔަން ޑޮލަރަށްވާ ފައިސާ ޔޫސުފް ނައީމާ ހަވާލު ކުރުމުގެ ކަންތަކުގައި، މާލޭސިޓީގެ މިހާރުގެ ޑިޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއެކު އުޅުނު ކަމަށެވެ.

އެކަންތައް ކޮށްދިނުމަށް އޭނާއާ ގުޅުއްވީ ރައީސް ޔާމީން ކަމަށާއި، ޔޫސުފް ނައީމަށް ދިނުމަށް ރައީސް ޔާމީން ދެއްވި 15،420،00 ދިވެހި ރުފިޔާ، ގުނީ ރައީސް ޔާމީންގެ ގެކޮޅުގެ ސިޓިންރޫމްގައި ކަމަށާއި އޭރު ރައީސް ޔާމީންގެ އިތުރުން ދެން އިނީ ނަރީޝް ކަމަށްވެސް ބުންޏެވެ.

އެ ފައިސާ ދިނީ ދެ ދަބަހުގައި ކަމަށާއި، ދެ ދަބަހުގައިވެސް ފައިސާ ހުރީ ބޮނޑިބޮނޑިން ކަމަށާއި، ވަކި ވަކިން ގުނުމުގެ ބަދަލުގައި ފައިސާ ގުނީ ބޮނޑިބޮނޑީން ކަމަށްވެސް ބުންޏެވެ. ފައިސާ ގުނީވެސް އޭނާއާއި ނަރީޝް ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ފައިސާއަކީ ޔޫސުފް ނައީމުގެ އަތުން ރައީސް ޔާމީން ބައްލަވައިގަތް އެއް މިލިޔަން ޑޮލަރަށްވާ ފައިސާކަން އެނގުނީ، ރައީސް ޔާމީން ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖެއްސެވުމަށްފަހު ދެއްވި ލިޔުމުން ކަމަށްވެސް އޭނާ ބުންޏެވެ.

އެ ދެދަބަސް ޔޫސުފް ނައީމާ ހަވާލުކުރީ ނަރީޝާއެކު އެ ގެއަށްގޮސް ކަމަށާއި، އެގެއަށް ދިޔައީ ނަރީޝް ހޯދި ކާރެއްގައި ކަމަށާއި، ފައިސާ ހަވާލުކުރި ލިޔުމުގައި ޔޫސުފް ނައީމްވެސް ސޮއި ކުރެއްވި ކަމަށާއި، ޔޫސުފް ނައީމްވެސް ގުނުއްވީ ފައިސާ ބޮނޑިތައް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެކަމުގައި ހޭދަވީ ކިހާ އިރެއްކަން ބުނަން ނޭނގޭ ކަމަށްވެސް ބުންޏެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ހެކިވެރިޔާ ބުނީ، 15 މިލިޔަންގެ ކިތައް މުއާމަލާތް ރައީސް ޔާމީން ކުރައްވާފައިވާކަން ނޭނގޭ ކަމަށެވެ. ރައީސް ޔާމީންގެ ގެކޮޅު ދޫވެއްސަށް ދިޔައީ، ރައީސް ޔާމީން ގުޅުއްވައިގެން ކަމަށާއި، އެއީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނަމަވެސް އެއީ ކޮން ދުވަހެއްކަން ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ރައީސް ޔާމީން އޭނާއާ ގުޅުއްވީ ކޮން ވަގުތެއްގައި ކޮން ސާއަތެއްގައިކަމާއި އެއީ ބަންދު ދުވަހެއްކަން އެއީ ދުވާލުކަމެއް ރޭގަނޑުކަމެއް ނޭނގޭ ކަމަށްވެސް ބުންޏެވެ. ރައީސް ޔާމީން ގުޅުއްވީ ޑައިރެކްޓް ލައިނުންކަމެއްވެސް ނޭނގޭ ކަމަށާއި ރައީސް ޔާމީން ގުޅުއްވީ މިހާރުވެސް އޭނާ ގެންގުޅޭ ނަމްބަރަށް ކަމަށްވެސް ބުންޏެވެ. ނަމަވެސް އެއީ ކޮން ނަމްބަރެއްކަން ޝަރީއަތަށް ކިޔައި ދިނުމަށް އޭނާ އުޒުރުވެރިވިއެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އެ ނަމްބަރު ދީފިނަމަ އެ މުއާމަލާތް ކޮށްފައިވާކަން ބެލޭނެ ކަމަށެވެ. ނަމަވެސް ދިފާއުން ނެގި އިއުތިރާޒާއެކު ގާޒީ ވިދާޅުވީ، ހެކިވެރިޔާ ވަކި މައުލުމާތެއް ދޭން އިއުތިރާޒުކުރާ ހާލުގައި ހެކިބަސް ދިނުމަށް އެއްވެސް ފަރާތަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

ހެކިވެރިޔާ ބުނީ އޭނާ ގުނީ 500ގެ ނޫޓުގެ ފަންސާސް ހާހުގެ އެއްބޮނޑި ކަމަށާއި ދެން ހުރި ބައިގުނީ ނަރީޝް ކަމަށެވެ. އެކަން ކުރީ ދޫވެހީގެ ސިޓިންރޫމުގައި ކޮޅަށް ހުރެގެންކަމެއް އަދި އިށީނދެ އިނދެގެންކަން ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެއީ ޕޮލިމާ ނޫޓުތޯ ނުވަތަ ކުރީގެ ކަރުދާސް ނޫޓުތޯވެސް ހަނދާން ނުވާކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އެ ފައިސާ ޔޫސުފް ނައީމާ ހަވާލުކުރަން އެ ގެއަށް ވަދެވުނު ގޮތާއި، އެގޭގެ ދޮރު ހުރީ ތަޅުލާފައިކަން ނުވަތަ ނޫންކަން ބުނެދޭން ނޭނގޭ ކަމަށާއި، ޔޫސުފް ނައީމް ދިރިއުޅެނީ އެގޭގެ ކޮން ބައެއްގައިކަންވެސް ބުނަން ނޭނގޭ ކަމަށާއި، އެގޭގައި ފައިސާ ގުނަން ތިބިތަން ނޭނގޭ ކަމަށްވެސް ބުންޏެވެ.