ސްރީލަންކާގައި މިހާރު ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވެ، މިފަހަރުވެސް ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ސްރީ ލަންކާގައި ކުރިއަށްދާ ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި މިފަހަރު ހަޓީމެއް ވާދަކުރަމުން ދެއެވެ. އެ ހަޓީމު ދެ ގްރޫޕަށް ބަހާލާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހޯސްޓް ލަންކާ އާއި ރާއްޖެ އަދި ބަންގްލަދޭޝެވެ. ގްރޫޕް ބީގައި އޮތީ ތިން ފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާ އާއި ތިން ފަހަރު ރަނަރަޕްކަން ހޯދި ނޭޕާލްގެ އިތުރުން ބޫޓާނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިފައިވާ އިރު، ލަންކާ އަތުން ރާއްޖެ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާއެކު ރާއްޖެއަށް މިފަހަރުވެސް މުބަރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިފައެއް ނުވެއެވެ. ރާއްޖެއިން މުބާރާތަށް ދިޔައިރުވެސް ޓާގެޓަކަށްވެފައި އޮތީ ސެމީގެ ޖާގައެކެވެ. އެއީ މީގެ ކުރިން ކުޅުނު ފަސް މުބާރާތެއްގައިވެސް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ލަންކާގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު މުފާސްއެވެ.
ރޭ ކުޅުނު މެޗުން މޮޅުވި ލަންކާ ގްރޫޕް އޭގެ ދެވަނައިގައި ސެމީއަށް ދިޔަ އިރު، އެއްވަނައިގައި ސެމީއަށް ދިޔައީ ބަންގްލަދޭޝްއެވެ. ގްރޫޕް ބީގެ އެއްވަނައިގައި ނޭޕާލް ސެމީއަށް ދިޔަ އިރު، އެ ގްރޫޕުގެ ދެވަނަ ހޯދީ އިންޑިއާއިންނެވެ. ނޭޕާލުން އެއްވަނަ ހޯދީ އިއްޔެ ހަވީރު ކުޅުނު މެޗުގައި އިންޑިއާ ކައިރިން 3-1 އިން މޮޅުވެގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލް އޮންނާނީ އަންނަ ހޯމަ ދުވަހުގައެވެ. ފުރަތަމަ ސެމީގައި ބަންގްލަދޭޝްއާއި އިންޑިއާ ވާދަކުރާ އިރު، ދެވަނަ މެޗުގައި ނޭޕާލުން ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.