މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބައްޔަކާއެކު ފެށި ނަމަވެސް، އާސެނަލްއިން ރަށުން ބޭރުގައި ޒިއުރިޗް ބަލިކޮށްފިއެވެ.
އާސެނަލްއިން ރޭ އިރާކޮޅުގައި ކުޅުނު މެޗުގައި ޒިއުރިޗް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އާސެނަލްއިން ރޭގެ މެޗުގެ ކުރީކޮޅުގައި ލީޑު ނެގީ މާކީނިއޯސްގެ ގޯލުންނެވެ. މި މެޗަކީ ބްރެޒިލްގެ ތަރި މާކީނިއޯސް އާސެނަލްގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. މާކީނިއޯސްގެ ފުރަތަމަ މެޗުގައި ގޯލު ޖެހުމަށް އޭނާއަށް އެހީތެރިވެދިނީ އެޑީ އެންކެއިޓާއެވެ.
މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް ހާފު ނިމެން މިނެޓު ކޮޅަކަށްވެފައި ހުއްޓައި މިރްލިންޑް ރިޔެޒީ ޖެހި ޕެނަލްޓީގައި ޒިއުރިޗް ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ޕެނަލްޓީއަކީ އެންކެޓިއާ، އޮލާ ސެލްނައީސަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ދެވަނަ ހާފަށް ނުކުމެ އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީވެސް އެންކެޓިއާއެވެ. ފުރަތަމަ ގޯލުގެ ޖެހި މާކީނިއޯސް ނަގައިދިން ހުރަސް އެންކެޓިއާ ގޯލަށް ވައްދާލީ ބޮލުންނެވެ.
ފުޓުބޯޅަ ދުނިޔެއަށްވެސް އިނގިރޭސީ ރާނީ އެލިޒެބެތު ދެވަނަ އަވަހާރަވުމުގެ ހިތާމަކުރިމަތިވެފައި އޮތް އިރު، ރޭ ޔުނައިޓެޑުން ރެއާލް ސޮސިއެދާދާ ދެކޮޅަށް އިނގިރޭސިވިލާތުގައި ކުޅުނު މެޗުގެ ކުރިން އެއްވެސް މިއުޒިކެއް ބޭނުން ކޮށްފައެއް ނުވެއެވެ. އަދި އޭގެ އިތުރުން ދެ ޓީމުންވެސް މެޗަށް ނުކުތީ ކަޅު ބޭންޑު އަޅައިގެންނެވެ. މެޗުގެ ކުރިން ވަނީ ރާނީގެ ހަނދާނުގައި ހަމަ ހިމޭންކަމުގެ މިނެޓެއް ގެނެސްފައެވެ.
ޔުނައިޓެޑުން ރޭގެ ޔޫރޮޕާ ލީގު މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ހަމައެކަނި ގޯލު މެޗުގެ 59 ވަނަ މިނެޓުގައި ސޮސިއެދާދަށް ޖަހައިދިނީ ބްރައިސް މެންޑޭޒްއެވެ. އެ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ރެފްރީ ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ލިސާންޑްރޯ މާޓިނޭޒް އަތުގައި ބޯޅަ ޖެހުމުންނެވެ. އެ ނިންމުމަށް ޔުނައިޓެޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ވަނީ ފާޑު ކިޔައިފައެވެ.
ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ހެރީ މެގުއާވެސް ހިމަނައިގެންނެވެ. 2002 ވަނަ އަހަރު ސްޕޯޓިންއަށް ކުޅެން ފެށި ރޮނާލްޑޯގެ ކެރިއަރުގައި ރޭ ކުޅުނީ ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗެވެ. އޭގެ ކުރިން ދެން ނިމިދިޔަ ހުރިޙާ ސީޒަނެއްގައިވެސް ރޮނާލްޑޯ ފެނުނީ ޗެމްޕިއަންސް ލީގުންނެވެ. އޭނާއަކީ ޗެމްޕިއަންސް ލީގުގެ ރެކޯޑު ގޯލު ޖެހުންތެރިޔާވެސް މެއެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރި އިރު ރޮނާލްޑޯ އޮފްސައިޑު މަގާމެއްގައި ހުރި ކަމަށެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު