މާލެ އާއި ވިލިމާލޭގެ މަގުތައް ސާފުކޮށް ކުނިއުކާލުމުގެ މަސައްކަތް މާލޭސީޓީން އަމިއްލައަށް ކުރިއަށް ގެންދިއުމުން، އަހަރަކު 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ބުނެ، ވެމްކޯއާއެކު މާލޭސިޓީކައުންސިލުން ހަދާފައިވާ އެއްބަސްވުން އާ ނުކުރުމަށް ނިންމައިފިއެވެ.
މިއަދު ބޭއްވި މާލޭ ސިޓީކައުންސިލްގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެއާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ބަލައި ސާފުކޮށް ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއާ ހަވާލު ކުރުމަށް މާލޭސިޓީކައުންސިލުން، 26 ޑިސެމްބަރު 2019ގައި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 26 އަށް ހަމަވާނެ ކަމަށެވެ. އެ އެއްބަސްވުމުގައި ވާގޮތުން އެއްބަސްވުން އާ ނުކޮށްފިނަމަ އޮޓަމެޓިކުން އެއްބަސްވުން ބާތިލުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކަށް 2.5 މިލިޔަން ރުފިޔާ މާލޭސީޓީކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ ކަމަށާއި، ނަމަވެސް އަމިއްލައަށް މާލޭ ސިޓީކައުންސިލުން އެ މަސައްކަތް ކޮށްފިނަމަ މަހަކަށް ހަރަދުވާނީ 1.5 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. ވެމްކޯއިން އެ މަސައްކަތް ކުރަނީ އެންމެ ރަނގަޅަށް ނޫންކަންވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނަމަ މާ ފުރިހަމަކޮށް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ސާފުކޮށް ކުނި އުކާލުމަށް ވެމްކޯއިން ހަރަދު ކުރަމުންދާގޮތާއި، އެ މަސައްކަތް ސިޓީކައުންސިލުން ކޮށްފިނަމަ އަންނާނެ ބަދަލާބެހޭ މައުލޫމާތު މި ބައްދަލުވުމުގައި ސިޓީކައުންސިލްގެ މެންބަރުންނަށް ދެއްވީ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް އެވެ.
އޭނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ ހުރިހާ މައިޒާން ތަކަކާއި މަގުތަކަކާއި ގޯޅިތައް ކުނި ކަހައި ސާފުކޮށް ކުނި އުކާލުމަކީ، ސިޓީކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވެމްކޯގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް ވެމްކޯއިން އެގޮތަށް އެކަން ނުކުރާ ކަމަށާއި، މަގުތަކުގައި ވަކި ޒާތަކަށް ކުނި ނުބަހައްޓައިފިއްޔާ ވެމްކޯއިން އެތަކެތި ނުނަގާތީ އެ މަސައްކަތް ކުރަން ޖެހެނީ ސިޓީކައުންސިލަށް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
އެމަސައްކަތަށް ސިޓީކައުންސިލުން ކުރަން ޖެހޭ ހަރަދުތަކުގެ ތަފްސީލު ދެއްވަމުން މުޖުތަބާ ވިދާޅުވީ، މިހާރު އޮތް ކައުންސިލް އައިފަހުން، 27 މެއި 2021 އިންފެށިގެން މިއަދާއި ހަމަޔަށް ވެމްކޯއިން 45.6 މިލިޔަން ރުފިޔާ ސިޓީކައުންސިލަށް ބިލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް 38.07 މިލިޔަން ދައްކާފައިވާ ކަމަށާއި އިތުރަށް 7.6 މިލިޔަން ދައްކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ހަމައެކަނި މިދައުރުގައިވެސް 50 މިލިޔަނާ ގާތަށް ވެމްކޯއަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ ކޮންމެ މަހަކަށް 2.28 މިލިޔަން ރުފިޔާ ވެމްކޯއިން ޗާޖު ކުރަމުން ގެންދާ ކަމަށާއި، އަހަރު ދުވަހަށް ވެމްކޯއަށް ފީގެ ގޮތުގައި 30.98 މިލިޔަން ހަރަދު ކުރަން ޖެހޭ ކަމަށެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ސާފުކޮށް ކުނި އުކައިލުމަށް ވެމްކޯއިން ބޭނުން ކުރަނީ 180 މުވައްޒަފުން ކަމަށާއި، އޭގެ ތެރެއިން 30 މުވައްޒަފުން ކަނޑައަޅާފައި ވަނީ ވިލިމާލެއަށް ކަަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތް ސިޓީކައުންސިލުން އަމިއްލައަށް ކޮށްފިނަމަ އަންނާނެ ބަދަލު ހާމަކޮށްދެއްވަމުން މުޖުތަބާ ވިދާޅުވީ، އެކަމަށް މާލެއަށް 85 މުވައްޒަފުން އަދި ވިލިމާލެއަށް އިތުރު 15 މުވައްޒަފުން ލައިގެން އެކަން ކުރެވިދާނެ ކަމަށެވެ. އެއިން ކޮންމެ މުވައްޒަފަކަށް ވެމްކޯއިން 8،000 ރުފިޔާގެ އުޖޫރައެއް ދީގެން ވެމްކޯއިން މުވައްޒަފުންނަށް މަހަކު 1.4 މިލިޔަން އަދި އަހަރަކު 17.28 މިލިޔަން ރުފިޔާ ހަރަދު ކުރާއިރު، ކޮންމެ މުވައްޒަފަކަށް 10،000 ރުފިޔާގެ އުޖޫރައެއް ދީގެން ސިޓީކައުންސިލުން އެ އަދަދު 12 މިލިޔަނަށް ކުޑަ ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތަށް ވެމްކޯއިން ތިން ވެހިކަލް ބޭނުންކުރާއިރު، އެއަށްވުރެން ފްލީޓް ވަރުގަދަކޮށް، ނުވަ ކުޑަ ޕިކަޕާއި ބޮޑު ފަސް ޕިކަޕު ބޭނުންކޮށްގެން ސިޓީކައުންސިލަށް މާ ފުރިހަމަކޮށް އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަަމަށް ހަރަދު ކުރަންޖެހޭނީ 3.7 މިލިޔަން ރުފިޔާ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
އެހެންކަމުން ވެމްކޯއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރަށް އާ ނުކުރުމަށް ކައުންސިލްގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު