އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމު، ޗެލްސީގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް ދިޔުން އެންމެ ގާތީ ބްރައިޓަންގެ ކޯޗުކަމުގައި މިވަގުތު ހުރި ގްރަހަމް ޕޮޓާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ޗެލްސީން އެ ކްލަބުގެ ކޯޗު ތޯމަސް ޓުޗެލް މަގާމުން ވަކިކުރީ އިއްޔެގެ ވަގުތެއްގައެވެ. ޗެލްސީން ޓުޗެލް މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގެ ދަށް ފެށުމާއެކުގައެވެ. ޗެމްޕިއަންސް ލީގުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ޑައިނަމޯ ޒަގްރަބް އަތުން 1-0 އިން ބަލިވި އިރު، ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ދެމެޗުން ވަނީ ބަލިވެފައެވެ. އެއީ ލީޑްސް ކައިރީވި ބޮޑު ބަލީގެ އިތުރުން ސައުތުހެމްޓަން އަތުން ބަލިވި ބައްޔެވެ.
އުމުރުން 49 އަހަރުގެ ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައި ވަނީ 20 މަސްދުވަހު އެ ކްލަބާ ހަވާލުވެ ހުރުމަށްފަހުއެވެ. ކުރިން ޕީއެސްޖީ އާއި ބްރޫޝިއާ ޑޯޓުމަންޑަށް އިރުޝާދު ދިން ޓުޗެލް ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕުގެ އިތުރުން ޔޫއެފާ ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ޓުޗެލް ވަކި ކުރުމަށްފަހު ޗެލްސީގެ ވެރިޔާ ޓޮޑް ބޮލީ އާ ކޯޗެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އިއްޔެ ވަނީ ޕޮޓާއާ ބައްދަލު ކޮށްފައެވެ. ނޫސްތަކުން ބުނެފައި ވަނީ އިއްޔެގެ ބައްދަލުވުމުގައި ދެކެވުނީ ޕޮޒިޓިވް ވާހަކަތަކެއް ކަމަށާއި، ބޮލީ ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ޗެލްސީއަށް އާ ކޯޗަކު ގެންދަން ކަމަށެވެ.
ޕޮޓާއަކީ ކުޅުންތެރިއެއްގެ ގޮތުގައި އިނގިރޭސި ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. އެހެން ނަމަވެސް އޭނާ އަދި ބޮޑު ޓީމެއްގެ ކޯޗުކަމުން ފެނިގެން ގޮސްފައެއް ނުވެއެވެ. ބްރައިޓަންގެ ކުރިން ޕޮޓާ އިރުޝާދު ދިނީ ސްވަންސީ އާއި ސްވިޑެންގެ އޮސްޓާސަންޑް އެފްކޭއަށެވެ. ޗެލްސީން އުމުރުން 37 އަހަރުގެ ޕޮޓާ ހޯދުމުގެ މަސައްކަތް ފެށުމާއެކު ބްރައިޓަންއިން ވަނީ އެ ވާހަކަތައް ކުރިއަށް ގެންދަން ހުއްދަވެސް ދީފައެވެ.
ޕޮޓާ ބްރައިޓަންއާ ހަވާލުވީ 2019 ވަނަ އަހަރު މޭމަހުގައެވެ. އޭގެ ފަހުން ތިން ސީޒަން އެ ކްލަބުގައި ހޭދަކޮށްފައިވާ އިރު، ފުރަތަމަ ސީޒަންގައި ބްރައިޓަން ނިންމާލީ 15 ވަނައިގައެވެ. އޭގެ ފަހުން ތާވަލުގެ 16 ވަނައިގައި ބްރައިޓަންއިން ޖެހިގެން އައި ސީޒަން ނިންމާލި އިރު، މިދިޔަ ސީޒަނުގައި އޭނާ ބްރައިޓަންއާއެކު ނިންމާލީ ތާވަލުގެ ނުވަ ވަނައިގައެވެ. އަދި މިހާތަނަށް މި ސީޒަނުގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެން ބްރައިޓަން އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.
ޕޮޓާގެ ސްޓައިލަކީ ޕޮސެޝަން ފުޓުބޯޅައެއްގެ އިތުރުން ޓެކްޓިކަލީ މެޗު ތެރެއިންވެސް ބަދަލުކޮށްލައި ފްލެކްސިބަލް ސްޓައިލެކެވެ. ބްރައިޓަންއާއެކު ޕޮޓާ ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވާ އިރު، އޭނާއަކީ މުސްތަގުބަލުގައި އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވާނެ ކޯޗެއް ކަމަށްވެސް ބައެއް މީޑިއާތަކުން މިދިޔަ މަހެއްހާ ދުވަހު ވަނީ ފާހަގަކޮށްފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ